ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ރާއްޖެ

މިދިޔަ އަހަރު ސަރުކާރުން ކުރިއަށް ގެންދިޔަ "ދުޅަހެޔޮ ހަށިހެޔޮ އީދު"ގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގެ ޕްލެޓިނަމް ސްޕޮންސަރޝިޕް ދިވެހިރާއްޖެއިން ނަގައިފިއެވެ. އެ މުބާރާތަކީ މި އަހަރުގެ އަންޑަ 13 އިންޓަކޮންޓިނެންޓަލް ކަޕްއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި މުބާރާތުގައި ޔޫރަޕުގެ ބޮޑެތި ކްލަބުތަކުގެ 13 އަހަރުން ދަށުގެ ޓީމުތަކުން ބައިވެރިވާނެ ކަމަށެވެ.

އެގޮތުން ބާސެލޯނާ، ރެއާލް މެޑްރިޑް، ޔުވެންޓަސް، ޗެލްސީ، ބެޔާން މިއުނިކް އަދި އަރަބި ބައެއް ގައުމުތަކުގެ ޓީމުތަކުގެ 13 އަހަރުން ދަށުގެ ޓީމުތަކުން މި މުބާރާތުގައި ބައިވެރިވެއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބޮޑެތި ކްލަބުތަކުގެ ޓީވީތަކުންވެސް މި މުބާރާތް ދައްކާނެކަމަށާއި ދުވާލެއްގެ މައްޗަށް މި މުބާރާތަށް ހަތަރު މިލިއަނާ ހަ މިލިއަނާ ދެމެދުގެ އަދަދަކަށް ވިއުވާސް ލިބޭނެ ކަމަށެވެ.

"ޕްލެޓިނަލް ސްޕޮންސަރަކަށް ވުމުން ލިބޭ ފައިދާތަކުގެ ތެރޭގައި މުބާރާތުގެ ސޯޝަލް މީޑިއާގައި ރާއްޖެ އިޝްތިހާރުވާނެ. އަދި ވިޒިޓް މޯލްޑިވްސްގެ މާކެޓިންގް ވީޑިއޯތައް މުބާރާތް ހިނގާ ސަރަހައްދުތަކުގައި ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މުބާރާތް ކުޅޭ ދެ ދަނޑުގެ ތެރެއިން އެއ ދަނޑަކަށް "ވިޒިޓް މޯލްޑިވްސް"ގެ ނަމުން ނަން ދީފައިވާ ކަމަށެވެ.

"ފާހަގަކުރަން، ވިޒިޓް މޯލްޑިވްސް ޕިޗުގައި މުބާރާތުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގެ މެޗުތައް ކުޅެވިގެން ދާނެ،"

މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ސްޕެނިޝް ސޮކާ ސްކޫލުގެ މެއިން ސްޕޮންސަރުކަންވެސް ނަގާފައިވަނީ ދިވެހިރާއްޖެއިންނެވެ.

"އެ ޓީމުގެ ޖާޒީގައި ވިޒިޓް މޯލްޑިވްސް ޖަހާފައި އޮންނާނެ. އެހެންވީމާ ރެއާލް މެޑްރިޑާއި ބާސާއާއި ޔުވންޓަސް ފަދަ ޓީމުތަކުގެ އަންޑަ 13 ޓީމުތައް ބައިވެރިވާ މުބާރާތެއްގައި ރާއްޖޭގެ ނަން ޖެހެވިގެން ޓީމެއް ބައިވެރިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރޝިޕް ރާއްޖެއިން ނެގީ 25،000 ޑޮލަރުގެ އަގަކަށް ކަމަށާއި، މިއީ "މިކަހަލަ ކަމަކަށް ބަލާއިރު ވަރަށް ކުޑަ އަދަދެއް" ކަމަށެވެ.

"އަޅުގަނޑަށް ދަންނަވަންވެސް ކެރިދާނެ. މުޅި ޕިޗާއި ޖާޒީ ސްޕޮންސާޝިޕާއި އަދި އިޝްތިހާރުތަކާއެކު 25،000 ޑޮލަރު ހޭދަވީ. އެއީ ޓޫރިސްޓެއް އައިސް ރާއްޖޭގައި އެއް ހަފްތާގެ ޗުއްޓީއެއް ހޭދަކޮށްލަން ދާހާ ހަރަދު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވިދާޅުވީ މިކަހަލަ ގޮތަކަށް މިކަން ހަމަޖެހިގެން މި ދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ އައި ކުރީގެ ފުޓުބޯޅަ ތަރި މިޝެލް ސަލްގާޑޯއާއި ޑެންމާކުގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝްމައިކަލް ފަދަ ތަރިން ރާއްޖެ އައި އިރު، ރާއްޖޭގެ ރިސޯޓުތަކުން އެމީހުންނަށް ދިން މެހެމާންދާރީގެ ސަބަބުންނެވެ.

"މިގޮތަށް ކުޑަ އަގެއް ލިބިގެން މި ދިޔައީ ރާއްޖޭގެ ހޮސްޕިޓާލިޓީގެ ސަބަބުން. މި ފުރުސަތުގައި އިންޑަސްޓްރީއަށް ޝުކުރު އަދާކުރަން. [ސްޕޮންސާ އަގަކީ] ހަގީގަތުގައި މިކަހަލަ ކަމެއްގައި ލިބޭނެ އަގެއްވެސް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް