މޫސުމަށް ބަލައިގެން ދަތުރުކުރަން އިލްތިމާސްކޮށްފި

މޫސުން ގޯސް ދުވަހެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ އަދި ވިއްސާރަ ދުވަސް ވަރަކަށްވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތަކެއްގެ ރިޕޯޓް ލިބެމުންދާ ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުތައް ރޭވުމަށެވެ.

އަދި ދަތުރަށް ފުރުމުގެ ކުރިން ދަތުރުކުރާ ފަރާތްތަކުން އަންގަން ޖެހޭ ފަރާތްތަކަށް ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި އުޅަނދުގައި ލައިފް ޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާނެ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް އިލްތިމާސްކުރާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ޑައިވިން ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވައިގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާ މޫސުމަށް ބަލައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ އެފަދަ ކުޅިވަރުތައް ނުރޭވުމަށް ދަންނަވާ ކަމަށެވެ.

ފަޅުތެރޭގައާ ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ވަނީ ނޫނު އަތޮޅާއި މީމު އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފަ އެވެ.

comment ކޮމެންޓް