ފްލެޓު ދިންގޮތާ މެދު ރައްޔިތުންގެ ޝަކުވާއަށް ހުޅުވާލަނީ

ހިޔާ މަޝްރޫއުގެ ފްލެޓަށް ފޯމު ދޫކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ ސަރުކާރުން އިފްތިތާހުކުރި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، ހިޔާގެ ފްލެޓުތައް ދީފައި ހުރި ގޮތާމެދު އާންމުންގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭން ފްލެޓުތަކުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމދު ސޯލިހު އެކުލަވާލެއްވި ކޮމެޓީ އިން ނިންމައިފި އެވެ.

ފްލެޓު ކޮމެޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުމެއްގައި ވާހަކަ ދައްކަވަމުން ކޮމެޓީގެ މެންބަރު ފާތިމަތު ރަޝީދާ ވިދާޅުވީ ފްލެޓު ދީފައި ހުރިގޮތާ މެދު އާންމުންގެ ޝަކުވާއަށް ހަފްތާއެއްގެ ތެރޭ ހުޅުވާލާނެ ކަމަށެވެ.

ކޮމެޓީގެ ނައިބު ރައީސް އަހުމަދު ތޮލާލް ވިދާޅުވީ އާންމުންގެ ޝަކުވާ އަށް ހުޅުވާލުމުން ހުށަހެޅޭ ޝަކުވާތަކަށް ބަލައި، ކޮމެޓީގެ އިވެލުއޭޝަންތަކާ ޝަކުވާތަކާ އަޅާކިޔައި ފްލެޓު ލިބުނީ އެންމެ ހައްގު މީހުންނަށްތޯ ކަށަވަރު ކުރެވޭނެ ކަމަށެވެ.

ފްލެޓު ކޮމެޓީގެ މެންބަރު އަހުމަދު ތޮލާލް -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

"ޝަކުވާ ހުށަހަޅާއިރު އެންޓިސިޕޭޓް މިކުރަނީ ތިމަންނައަށް މިވެނި ޕޮއިންޓޭ ލިބެންޖެހޭނީ އެކަމަކު ފްލެޓެއް ނުލިބެޔޭ. އެހެން ހުށަހަޅައިފިއްޔާ އެހުށަހަޅާ ފަރާތެއްގެ ފޯމު އަޅުގަނޑުމެން އަލުން އެސެސް ކުރާނަން،"

ތޮލާލް ވިދާޅުވީ ޝަކުވާތަކަށް ބަލައި ކޮމެޓީ އިން އެކުލަވާލާ ރިިޕޯޓުގައި ނުހައްގުން ފްލެޓު ލިބުނީ ކިތައް މީހުންނަށްތޯ އަދި ހައްގުވާމީހުންގެ ތެރެއިން ފްލެޓު ނުލިބި ހުރީ ކިތައް މީހުންނަށްތޯ ބަޔާން ކުރާނެ ކަމަށެވެ.

"އަދި ފައިނަލް ރިޕޯޓުގައި ރައީސް އަށް އަރުވާ ރިޕޯޓުގައި އަޅުގަނޑުމެން މަސައްކަތް މިކުރަނީ މިވެނި އަދަދަކަށް ނުހައްގުން މީހުންނަށް ފްލެޓު ލިބިފައި އެބަހުއްޓޭ. އޭގެ ބަދަލުގައި މިސާލަކަށް އަޅުގަނޑުމެންނަށް ހުށަހެޅި މީހުންގެ ތެރެއިން މިވެނި މިވެނި މީހުންނަކީ ފްލެޓު ލިބުން ހައްގުވާ އެކަމަކު އެމީހުންނަށް ފްލެޓު ނުލިބިވާ މީހުންނޭ." ތޮލާލް ވިދާޅުވި އެވެ.

ފްލެޓު ހައްގުވާ ފަރާތްތަކަށް އެންމެ އިންސާފުވެރި ގޮތެއްގައި ފްލެޓު ދިނުމަށް ކަންކުރަންވީ ގޮތުގެ ލަފާ ވެސް ރައީސް އަށް އަރުވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.

ފްލެޓުތައް ދީފައި ހުރި ގޮތާމެދު އާންމުންގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމި އިރު، ގެދޮރުވެރި ކުރުމަށް ކުރިއަށް ގެންގޮސްފައިވާ ހިޔާ މަޝްރު އާއި ގެދޮރުވެރިކުރުވުމުގެ މަޝްރޫއުގައި ފްލެޓު ލިބުނު ފަރާތްތަކުގެ ނަންތައް އާންމުކުރަން ވެސް ކޮމެޓީ އިން ވަނީ ނިންމައިފަ އެވެ.

https://sun.mv/115413

ފްލެޓު ކޮމެޓީގެ މެންބަރުން ފާހަގަކުރެއްވިގޮތުގައި އެއްވެސް ވަރަކަށް އެސެސް ކުރުމެއްނެތި ބައެއް ފަރާތްތަކަށް ދިރިއުޅުމުގެ ހާލަތަށް ފުލް މާކްސްދީ، އެފަރާތްތަކަށް ފްލެޓު ދީފައި އެބަހުއްޓެވެ. މީގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ހުށަ ނާޅާ، ހަމައެކަނި ފްލެޓު ފޯމުގައި ލިޔެފައިވާ އެއްޗަކަށް ބަލައިގެން ފްލެޓު ދީފައިވާ މީހުން ވެސް ހިމެނޭކަމަށް ކޮމެޓީ އިން ފާހަގަ ކުރި އެވެ.

comment ކޮމެންޓް