ފްލެޓު ލިބުނު މީހުންގެ ނަންތަން އާންމުކުރަން ނިންމައިފި

ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީގެ މެންބަރު ފާތިމަތު ރަޝީދާ--- ސަން ފޮޓޯ: އަވްޝަން އިލްޔާސް

ގެދޮރުވެރި ކުރުމަށް ކުރިއަށް ގެންގޮސްފައިވާ ހިޔާ މަޝްރު އާއި ގެދޮރުވެރިކުރުވުމުގެ މަޝްރޫއުގައި ފްލެޓު ލިބުނު ފަރާތްތަކުގެ ނަންތައް އާންމުކުރަން ނިންމާފައިވާ ކަމަށް ފްލެޓުތަކުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ކޮމެޓީ އިން ބުނެފި އެވެ.

ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމެޓީގެ މެންބަރު ފާތިމަތު ރަޝީދާ ވިދާޅުވީ ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު އާންމު ކުރަން ނިންމާފައިވާ ކަމަށެވެ.

"މިހާތަނަށް ހިޔާ އަދި ގެދޮރުވެރިކުރުމުގެ މަޝްރޫއުން ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓް ވެސް ހާމަ ކުރާ ގޮތަށް އަޅުގަނޑުމެން ނިންމާފައި މިއޮތީ. ހިޔާ މަޝްރޫއު އިން އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތީ، ލިސްޓުގައި މިއޮންނަނީ ފޯމު ނަންބަރާއި ޕޮއިންޓާ، އެއީ ކޮން ފަރާތެއްތޯ އައިޑެންޓިފައި ކުރުމަށް ފަހު އަޅުގަނޑުމެން ލިސްޓް ހާމަކުރާނީ. އާންމުންނަށް ވެސް [އެނގޭނެހެން] ނަމާއި އެޑްރެހާ އެއްކޮށް އަޅުގަނޑުމެން ލިސްޓުތައް ހާމަ ކުރާނީ،"

ފާތިމަތު ރަޝީދާ ވިދާޅުވީ ފްލެޓު ދިން މީހުންނަށް މާކްސް ދިނުމުގައި އިހުމާލު ވެފައިވާ ކަމަށާއި ބައެއް އާއިލާތަކުން ބައްޕަ އާއި ދަރިފުޅަށް ފްލެޓު ލިބިފައިވާ އިރު ބޮޑެތި އާމްދަނީ ލިބޭ ދެމަފިރިންނަށް ވެސް ފްލެޓު ލިބިފައިވާ ކަމަށެވެ. ފްލެޓު ދިނުމުގައި މަސްއޫލުވި ފަރާތްތަކާ އިންޓަވިއުކޮށް މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ހަފްތާ ތެރޭ އާންމުގެ ޝަކުވާއަަށް ހުޅުވާލަން ނިންމާފއިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.

ކޮމެޓީގެ ނައިބު ރައީސް އަހުމަދު ތޮލާލް ވިދަޅުވީ ކޮމެޓީގެ މަސައްކަތް ނިމިގެންދާ އިރު އިންސާފުން އެއްކިބާވެފައިވާ ފަރާތްތަކަށް އިންސާފު ލިބޭތޯ ކަށަވަރު ކުރާނެ ކަމަށެވެ.

"މި މަސައްކަތް ނިމިގެންދާ އިރު އިންސާފުން އެއްކިބާވެފައިވާ ފަރާތްތަކަށް އިންސާފު ލިބިގެންދާނެހެން މަސައްކަތް ކުރުން ކަށަވަރު ކުރަން އެބަޖެހޭ،"

ތޮލާލް ވިދާޅުވީ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ފޯމުތައް ބަލައި، އެ ފަރާތްތަކަށް ލިބިފައި ވަނީ ހައްގު މާކްސްތޯ ކަށަވަރު ކުރަމުންދާ ކަމަށެވެ.

ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީ އަކީ "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި ދެފުށް ފެންނަ ގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށް ޓަކައި ރައީސް ސޯލިހު އުފެއްދެވި ކޮމެޓީ އެކެވެ.

comment ކޮމެންޓް