"40 ޕްލަސް"ގެ ޓިކެޓް ވިއްކަން ފަށައިފި

ޝީލާ 40+ ގެ ޝޫޓިން ގައި --- ފޮޓޯ: 40+ ޓީމް

ހޭޝްޓެގް "ދަ ބިގެސްޓް މޫވީ އޮފް ދަ 2019"ގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ ދިވެހި ފިލްމު "40 ޕްލަސް"ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ސަން އަށް ބުނީ ފިލްމުގެ ޓިކެޓް އިއްޔެ ވިއްކަން ފަށާފައިވާ ކަމަށާއި ޓިކެޓް ވިއްކުން ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ.

މެންދުރު 14:00 އިން ހަވީރު 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް ޓިކެޓް އޮލިމްޕަހުން ވިއްކާނެ ކަމަށާއި ޓިކެޓެއްގެ އަގަކީ 100 ރުފިޔާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފިލްމު ސިނަމާއަށް އަންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

ޝަފީގު އިތުރަށް ބުނީ ޓިކެޓް ވިއްކަން ފެށިނަމަވެސް ހޮޓްލައިން ނަމްބަރު 7384040 އަށް މެސެޖުކޮށް ޓިކެޓް ބުކް ވެސް ކުރެވޭނެ ކަމަށެވެ.

"ފިލްމު އަޅުވާ ތާރީހާ ގާތްކޮށް ހެނދުނުވެސް ޓިކެޓް ވިއްކާނެ،"

އެ ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ.

ތ ބުރުނީގައި މަންޒަރުތައް ނެގި އެ ފިލްމަކީ "ނޯޓީ 40"ގެ ސީކުއެލްއެކެވެ.

ހެއްވާ މަޖާ އަދި ބިރުވެރި އެތައް މަންޒަރެއް "40 ޕްލަސް"ގެ ޓްރެއިލާއިން ފެންނަ އިރު އެ ފިލްމު ވާނީ ރާއްޖޭގެ ސިނަމާތަކަށް އަންނާނެ ފުރަތަމަ ބިރުވެރި މަޖާ ފީޗާ ފިލްމަށެވެ.

ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވި މަރިޔަމް ޝިފާ، އާނަންދު، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް އެ ފިލްމުން ފެންނާނެ އެވެ.

comment ކޮމެންޓް