ލައިސަންސް ނެތި ޓޫރިސްޓުން ބޭތިއްބި ދެ ތަނެއްގެ މައްސަލަ ފުލުހަށް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އޮޕަރޭޓިންގް ލައިސަންސް ނެތި ފަތުރުވެރިން ބޭތިއްބި ދެ ތަނެއްގެ މައްސަލަ ތަހުގީގުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޓުރިޒަމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ވާ ފަދައިން ރާއްޖޭގައި ޓޫރިސްޓު ރިސޯޓު ނުވަތަ ޓޫރިސްޓު ގެސްޓްހައުސް ނުވަތަ ޓޫރިސްޓު ހޮޓަލެއް ހިންގަންވާނީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް، ޓޫރިޒަމް މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށްފަހުގައި ކަމަށެވެ.

އަދި އެތަންތަން ހިންގުމުގެ ހުއްދަ ދޫކުރާނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް އެތަންތަނުގެ އިމާރާތްތަކާއި އެފަދަ ތަންތަނުން ލިބެންޖެހޭކަމަށް މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް އެތަންތަން ލިބެން ހުންނަ ނަމަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އޮޕަރޭޓިންގް ލައިސަންސެއް ނެތި ގާނޫނާއި ގަވައިދާ ހިލާފަށް ދެ ތަނެއްގައި ފަތުރުވެރިން ބޭތިއްބިކަމުގެ ހެކި މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ ދެ ތަނުގެ މައްސަލަ ތަހުގީގުކުރުމަށް މިރޭ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ ޓޫރިޒަމް ގަވައިދުގައި ބަޔާންކޮށްފައިވާ އޮޕަރޭޓިންގް ލައިސަންސް ނެތި އެއްވެސް ތަނެއްގައި ޓޫރިސްޓުން ނުބޭތިއްބުމަށް އިލްތިމާސްކުރާކަމަށެވެ.

އަދި ލައިސަންސް ނެތި މީހުން އުޅޭ ރަށްރަށުގައި ޓޫރިސްޓުން ބައިތިއްބާނަމަ އެ ފަރާތްތަކުގެ މައުލޫމާތު 30 ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއާ ހިއްސާކުރުމަށް ރަށު ކައުންސިލުތަކާށް މިރޭ އަންގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ލައިސަންސް ހަމަވެފައިވާ ތަންތަން، އެ ހުއްދަ ދެވޭ ފެބންވަރަށް އިސްލާހުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަންކަން ރަނގަޅުކުރުމުގެ ޕްލޭނަކާއެކު ޕްރޮޕޯޒަލް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

"މިގޮތުން ވަގުތީ ހުއްދައެއް ދޫކުރުމުގައި މި މިނިސްޓްރީން ބަލާނެ ކަންކަމުގެ ތެރޭގައި އެފަދަ ތަނެއްގެ ސަލާމަތާއި ރައްކާތެރިކަމާއި، މުވައްޒަފުންގެ ހައްގުތައް، ދައުލަތަށް ދައްކަން ހުރި ފައިސާ އަދި މި މިނިސްޓްރީން ބަލާ އެހެނިހެން މިންގަނޑުތައް ހިމެނެއެވެ،" މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

އޮޕަރޭޓިންގް ހުއްދަ ނެތި ފަތުރުވެރިން ބޭތިއްވިކަން ސާބިތުވި ދެ ތަނެއްގެ މައްސަލަ ޓޫރިޒަމް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާ އިރު، މިނިސްޓްރީން ދަނީ ފުލުހުންނާއި ސިފައިން އަދި މަޓީއާ ގުޅިގެން މުޅި ރާއްޖޭގައި ގެސްޓްހައުސް، ހޮޓެލް އަދި ރިސޯޓުތަކުގެ އިންސްޕެކްޝަންތަކެއް ހަދަމުންނެވެ.

comment ކޮމެންޓް