އާސެނަލްއަށް ގިނަ ދުވަސްތަކެއް ކުޅެދީ ގިނަ ކާމިޔާބީތަކެއް އެ ޓީމަށް ހޯދައިދީފައިވާ ވޭލްސް ގެ ތަރި އެރޮން ރަމްސޭ މި ސީޒަން ނިމުމާއެކު ޔުވެންޓަސްއަށް ބަދަލުވާނެކަން އެ ދެ ކުލަބުން ޔަގީންކޮށްދީފިއެވެ.
ކާޑިފް ސިޓީއިން މީގެ 11 އަހަރު ކުރިން އާސެނަލްއަށް ބަދަލުވި 28 އަހަރުގެ ރަމްސޭއާއި އާސެނަލް ދެމެދުގައިވާ ކޮންޓްރެކްޓް މި ސީޒަނަށް ހަމަވާނެއެވެ. އަދި ޖޫން މަހާއި ހަމައިން ފެށިގެން އެއްވެސް އަގަކާއި ނުލާ ޔުވެންޓަސްއަށް ރަމްސޭއަށް ދެވޭނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރަމްސޭ ޔުވެންޓަސްއަށް ބަދަލުވުމުން އޭނައަށް މުސާރައިގެ ގޮތުގައި ހަފްތާއަކު 400،000 ޕައުންޑް ލިބޭނެއެވެ. އެއާއެކު އޭނާ ވެގެންދާނީ ޔުވެންޓަސްއަށް މި ސީޒަނުގައި ގުޅުނު ކުރިސްޓިއާނޯ ރޮނާލްޑޯއާއި ޖެހިގެން އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށެވެ.
OFFICIAL | @aaronramsey to join Juventus from next season ➡ https://t.co/6PFO3O5bpv#SeeYouAaron pic.twitter.com/BHjNaE8y9i
— JuventusFC (@juventusfcen) February 11, 2019
ރަމްސޭ ވަނީ އާސެނަލަށް 357 މެޗު ކުޅެދީ 61 ގޯލު ޖަހައިދީފައެވެ. އަދި އިނގިރޭސި އެފްއޭ ކަޕް ތިންފަހަރު އެ ޓީމަށް ކާމިޔާބުކޮށް ދިނުމުގެ އިތުރުން ދެފަހަރަކު ކޮމިއުނިޓީ ޝީލްޑްވެސް ހޯދުމުގައި އިސް ދައުރެއް އޭނާ ވަނީ އަދާ ކޮށްފައެވެ.
މި ސީޒަންގެ ކޮންޓްރެކްޓް ހަމަވުމުން އިތުރު އާސެނަލްގެ ކޮންޓްރެކްޓް އެއް ދޭން އެކުލަބުން ތައްޔާރު ވި ނަމަވެސް ރަމްސޭ ހުށައެޅި މުސާރަ އެކުލަބުން ނުދޭން ނިންމުމާއި ގުޅިގެން އޭނާ ވަނީ އެ ކުލަބާއި އެކު ކޮންޓްރެކްޓް އާ ނުކުރުން ނިންމާފައެވެ.
ގިނަ ކުލަބު ތަކަކުން ދިޔައީ ރަމްސޭ މި ސީޒަނަށް ފަހު އެ ޓީމުތަކަށް ގެންދިއުމައްޓަކައި މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަޔާން މުނިކް އާއި ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ އިތުރުން އޭސީ މިލާން ފަދަ ކުލަބު ތަކުން ދިޔައީ އޭނަ ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެންމެ ފަހުން ރަމްސޭ ދާން އެއްބަސް ވީ އިޓަލީގެ ޔުވެންޓަސް އަށެވެ.