ދިއްލީގެ ހޮޓަލެއްގައި ރޯވެ، 17 މީހުން މަރުވެއްޖެ

ދިއްލީގައި އަލިފާން ރޯވި އަރުޕިތް ޕެލެސް ހޮޓެލް -- ފޮޓޯ: އިންޑިއަންއެކްސްޕްރެސް

ދިއްލީ (ފެބްރުއަރީ 12): އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހޮޓަލެއްގައި ރޯވެ، 17 މީހުން މަރުވެއްޖެ އެވެ.

އެންޑީޓީވީން ރިޕޯޓުކުރި ގޮތުގައި ދިއްލީގެ ކަރޯލް ބާގްގެ ގުރުދުވާރާ ރޯޑުގައި ހުންނަ އަރުޕިތް ޕެލެސް ހޮޓެލުގައި ރޯވީ ރޭ ފަތިހު 04:35ގަ އެވެ. އަދި ހޮޓެލުގެ ހަތަރު ވަނަ ފަންގިފިލަޔާއި ފަސް ވަނަ ފަންގިފިލާގައި ރޯވުމުގެ ސަބަބުން، އަލިފާންގަނޑުން ސަލާމަތްވުމަށް ފުއްމާލި އަންހެނަކާއި ކުޑަކުއްޖަކު ވަނީ މަރުވެފަ އެވެ.

މީގެ އިތުރުން އެ ހާދިސާގައި ހަ މީހަކަށް އަނިޔާވެފައިވެ އެވެ. އެހޮޓެލުގެ މުވައްޒަފުން ބުނި ގޮތުގައި އަލިފާން ރޯވި ވަގުތު ހޮޓެލުގެ 65 ކޮޓަރީގައި 150 މީހުން ތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުން ތިބީ ނިދާފައި ކަމަށާއި ބައެއް މީހުން މަރުވީ ނޭވާ ހާސްވެގެން ކަމަށް ފުލުހުން ބުންޏެވެ.

އެއަލިފާންގަނޑު ކޮންޓްރޯލު ކުރެވުނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. އަދި ފަޔާފައިޓަރުން ވަނީ ރޯވެފައިވާ ކޮޓަރިތަކުން 35 މީހަކު ނެރެ، އަނިޔާވެފައިވާ މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުނެފަ އެވެ. ހޮޓެލުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ޔަގީންވެފައި ނުވެ އެވެ. ދިއްލީގެ ފުލުހުން މިހާރު ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް