ހިތްދަތިގޮތަކަށް މާޒިޔާ ކަޓުވާލައި އީގަލްސް ސެމީއަށް

މާޒިޔާ އާއި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

އެފްއޭއެމްގެ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި ރޭ މާޒިޔާ ސްޕޯޓްސް ހިތްދަތި ގޮތަކަށް ކަޓުވާލުމަށް ފަހު ކުލަބް އީގަލްސް އިން ސެމީގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ސްޓޭޑީއަމް (ގަލޮޅު ދަނޑު)ގައި ކުޅުނު އެ މެޗުން މާޒިޔާގެ މައްޗަށް އީގަލްސް ކުރި ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ. ގުރޫޕް "ބީ"ގެ އެއްވަނައިގެ ގޮތުގައި އީގަލްސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދާފައިވާ އިރު މާޒިޔާއަށް ލިބުނީ ތިން ޕޮއިންޓެވެ.

މާޒިޔާ އާއި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

ޔޫތު މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އީގަލްސް ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވާ އިރު އެ ގުރޫޕުގެ ތިން ޓީމެއް ދަނީ ދެ ވަނައިގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގައެއް ހޯދަން މަސައްކަތް ކުރަމުންނެވެ. ގުރޫޕުގެ ދެވަނާގައި އޮތް ގްރީން ސްޓްރީޓަށް ހަ ޕޮއިންޓް ލިބިފައިވާ އިރު ދެން އޮތް ތިން ޓީމަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ނަމަވެސް ކުރިއަށް އޮތް މެޗުގައި ގްރީން އަދި އީގަލްސް ވާދަ ކުރާ މެޗުން ގުރީން ބަލި ވެއްޖެ ނަމަ ޔުނައިޓެޑް ވިކްޓަރީ އާއި އޭދަފުށި ބައްދަލު ކުރާ މެޗަކުން މޮޅުވާ ޓީމަށް ސެމީއަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ.

ރޭ އީގަލްސް އާއި މާޒިޔާ ބައްދަލު ކުރި ވާދަވެރި މެޗުން ބަލިވެ، މާޒިޔާ ވަނީ މުބާރާތުން ކަޓައިފަ އެވެ. ރޭގެ މެޗުގައި އީގަލްސްގެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އަޒުމޫން އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އީގަލްސްގެ ޖާޒީ ނަންބަރު 13 ހުސައިން ފައިސަލް އެވެ.

މި މުބާރާތަކީ ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތަކަށްވާ އިރު ގުރޫޕް "އޭ"ގެ ދެ ޓީމެއް ވަނީ ސެމީއަށް ދަތުރު ކޮށްފަ އެވެ. އެ ދެ ޓީމަކީ ޓީސީ ސްޕޯޓްސް ކުލަބާއި ފުރަތަމަ ޑިވިސަން އަށް އަލަށް ކޮލިފައިވި ދަ ގްރާންޑޭ އެވެ.

comment ކޮމެންޓް