އީރާނުގެ އިސްލާމީ އިންގިލާބަށް 40 އަހަރު

އީރާނަށް އިސްލާމީ އިންގިލާބު ގެނައިތާ 40 އަހަރު ފުރުން އެގައުމުގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުން ގެންދާއިރު އީރާނުގެ ލީޑަރުން އެމެރިކާއަށާއި އިސްރާއީލު ވަރަށް ބޮޑަށް ކުށްވެރިކޮށް ވާހަކަ ދައްކަވައިފި އެވެ.

އިސްލާމީ އިންގިލާބަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ތެހެރާންގެ އާޒާދީ މައިދާނަށް އެއްވި އީރާނުގެ ރައްޔިތުންނާ މުޚާބަތު ކުރައްވައި ވާހަކަ ދައްކަވަމުން އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އީރާނުގެ އިންގިލާބީ ވެރިކަން ވައްޓާލުމަށް 40 އަހަރުވަންދެން އެމެރިކާ އާއި އިސްރާއީލު ކުރި މަސައްކަތް ކާމިޔާބުވެފައިނުވާ ކަމަށް ވިދާޅުވެ، އީރާން ވަނީ ހުރިހާ ކަމެއްގައި ވެސް އަމިއްލަ ނަފްސަށް ބަރޯސާވުމުގެ ސިޔާސަތު ކާމިޔާބުކޮށްފައިކަން ރޫހާނީ ވަނީ ފާހަގަކުރައްވައިަފ އެވެ.

މިގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނާއި އަވަށްޓެރި ބައެއް އަރަބި ގައުމުތައް އަވާގައި ޖައްސައިގެން އީރާނާދެކޮޅަށް އެ ގައުމުތައް ލައްވައި ހަނގުރާމަކުރުވައިގެން ވެސް އީރާނުގެ އިންގިލާބީ ނިޒާމު ވައްޓާލުމުގައި އެމެރިކާއާއި އިސްރާއީލުވަނީ ނަކާމިޔާބުވެފައިވާ ކަމަށް ރޫހާނީ ވިދާޅުވި އެވެ. ރޫޙާނީ މި އިޝާރާތް ކުރައްވަނީ 1980 އިން 1988 އަށް އިރާގުން އީރާނާދެކޮޅަށް ކުރި ނާކާމިޔާބު ހަނގުރާމައަށް ކަމަށްވަނީ ބެލެވިފަ އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އީރާނާދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ފަހަތުގައި ވަނީ އިސްރާއީލާއި އެމެރިކާގެ ގޮނޑިކޮއްކޮއިންގެ ގޮތުގައި ހަރަކާތްތެރިވާ ގަލްފުގެ ބައެއް އަރަބި ގައުމުތައް ކަމަށް ރޫޙާނީ ވިދާޅުވި އެވެ. މިއީ ސައޫދީ އާއި ޔޫއޭއީ އަށް ކުރެއްވި އިޝާރާތެއްކަމަށް ވަނީ ބެލެވިފަ އެވެ.

އިސްލާމީ އިންގިލާބާއެކު އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅީ އިންގިލާބަށް ފަހު އީރާނުގައި ގާއިމްކުރި އިސްލާމީ ޖުމްހޫރީ ވެރިކަމުގެ ނިޒާމަކީ އިސްރާއީލު ފަލަސްތީނުގެ ބިމުން ފައްސާލައި ފަލަސްތީނުގެ މިނިވަންކަމަށް ފާޅުގައި ގޮވާލާ ގައުމަކަށްވެފައި އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތާ އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް ހަތިޔާރުގެ ގޮތުން ވާގިވެރިވާ ހަމައެކަނި ގައުމަކީ އީރާން ކަމަށްވާތީ އެވެ.

މީގެ އިތުރުން މެދުއިރުމައްޗާ އަދި ގަލްފުގެ ސަރަހައްދުގައި ފަންފެތުރުމަށް އެމެރިކާ ކުރާ މަސައްކަތްތަކާ ދެކޮޅު ހަދަގައުމަކީ ވެސް ހަމައެކަނި އީރާންކަމަށްވެފައި އެމެރިކާ ގެ ބަސްނާހާ ގައުމަކަށް އީރާން ވުމަކީ ވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އީރާނަށް އަމާޒުކުރާ މައިގަނޑު ސަބަބެއް ކަމަށްވަނީ ބެލެވިފަ އެވެ.

އީރާނުގެ އިންގިލާބަށް ފަހު އެގައުމުން ވަނީ އިސްރާއީލާ ގުޅުންތައް ވަގުތުން ކަނޑާލައި ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރަން ފަށައިފަ އެވެ. އީރާނުގެ އިސްލާމީ އިންގިލާބަކީ އެގައުމުގައި ބާރުގަދަ ރަސްކަމެއް ކުރެއްވި ލާދީނީ ފިކުރުގެ ރަސްގެފާނު ޝާހު މުހައްމަދު ރިޒާގެ ވެރިކަމާދެކޮޅަށް ރައްޔިތުން އުތުރި އެރުމާއެކު އެ އުތުރިއެރުން ލީޑް ކުރެއްވި އެގައުމުގެ ދީނީ އިލްމުވެރިއެއްކަމަށްވާ އާޔަތުﷲ ރޫހުﷲ އަލްޚުމައިނީ އިސްކޮށް ހުންނަވައިގެން ގެނައި އިންގިލާބެކެވެ.

މި ތާރީޚީ މުނާސަބާ ފާހަގަކުރުމުގެ ގޮތުން އީރާނުގެ އެތައް ހާސްބަޔަކު ވަނީ ތެހެރާންގެ އާޒާދީ މައިދާނަށް އެއްވެ، އެމެރިކާއަށާއި އިސްރާއީލާ ދެކޮޅަށް އަޑުއުފުލައި އިސްލާމީ އިންގިލާބު ހިމާޔަތް ކުރުމަށް ވައުދުވެފަ އެވެ. އީރާނަށް އިސްލާމީ އިންގިލާބު ގެނަސް ޝާހް މުހައްމަދު ރިޒާގެ ރަސްކަމުގެ ނިޒާމު ވައްޓާލާފައިވަނީ 1979 އަހަރުގެ ފެބްރުއަރީ މަހުގެ އެގާރަވަނަ ދުވަހު އެވެ. އީރާނުގެ އިންގިލާބަށް 40 އަހަރު ފުރި އެއާ އެކު އެމެރިކާ އާއި އިސްރާއީލުގެ ބާރާއި ނުފޫޒުން އީރާން ސަލާމަތްވި މުނާސަބަތުގައި އެމެރިކާ އިން ބުނެފައިވަނީ ފާއިތުވި 40 އަހަރަކީ އީރާނުގެ ރައްޔިތުން ދަތި ހާލުގައި އުޅެންޖެހުނު ނާކާމިޔާބު 40 އަހަރު ކަމަށާ އީރާނުގެ ނިޒާމަކީ ނާކާމިޔާބު ނިޒާމެއް ކަމުގަ އެވެ.

އީރާނަކީ އިންތިހާއަށް ގުދްރަތީ ގޮތުން މުއްސަނދި ގައުމަކަށްވާއިރު އެގައުމުގެ ރައްޔިތުން ފާއިތުވި 40 އަހަރު އެމީހުންގެ ހައްގުތަކުން މަހްރޫމްކޮށްފައި ކަމަށާ އީރާނުގައި އޮންނަނީ ޚުދު މުޚްތާރު ވެރިކަމުގެ ނިޒާމެއްކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އީރާނުގައި ޚުދު މުޚްތާރު ނިޒާމެއް އޮންނަ ކަމަށްބުނާއިރު ގަލްފުގެ ގައުމުތަކުގައިވާ ޚުދު މުޚްތާރު ވެރިކަމުގެ ނިޒާމުތަކަކީ އެފަދަ ނިޒާމުތަކެއްކަމަށް އެމެރިކާ ސިފަނުކުރާ ސަބަބު އެމެރިކާއަށް ބަޔަންކޮށް ދެވިފައެއް ނުވެ އެވެ.

އީރާނަށް ދަތިތައް ކުރިމަތިވީ 40 އަހަރުވަންދެން އެމެރިކާ އާއި ޔޫރަޕުން އެކި ގޮތްގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުންކަން ވެސް ފާހަގަކޮށްފައެއް ނުވެ އެވެ. އަދި ނިއުކްލިޔާ މައިދާނާއި ހަތިޔާރުގެ ޓެކްނޮލޮޖީ އާއި ފަޒާގެ މައިދާން ފަދަ ސައެންސްގެ މައިދާންތަކުގައި އީރާނުގެ އަމިއްލަ މަސައްކަތުން ހޯދާފައިވާ ކުރިއެރުންތަކަށް އެމެރިކާ ބަލާލާފައެއް ނުވެ އެވެ. އަދި އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާ ކުރި ޚަރަދުތަކުންނާއި ހަނގުރާމައާއި ތަޅާފޮޅުމަށް އެމެރިކާ ކުރި އެތަށް ޓްރިލިޔަން ޑޮލަރުތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ލިބުނު ގެއްލުންތައް ވެސް އެމެރިކާ ފާހަގަކޮށްފައެއް ނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް