ތައި ޕްރިންސެސްއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސްއިން ނިންމައިފި

ތައި ރަކްސާ ޗާޓް ޕާޓީން މިހާރު ވަނީ ޕްރިންސެސް އުބޮންރާތްނާއަށް ކެމްޕެއިން ކުރުން ހުއްޓާލާފަ -- ފޮޓޯ: ރޮއިޓާސް

ބޭންކޮކް (ފެބްރުއަރީ 11): ތައިލޭންޑުގެ ޕްރިންސެސް އުބޮންރާތުނާ މަހިދޮންއަށް ބޮޑުވަޒީރު ކަމަށް ވާދަ ނުކުރެވޭނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެކޮމިޝަނުން މިއަދު ވަނީ އަންނަ މާޗު މަހު އެގައުމުގައި ބާއްވާ އާއްމު އިންތިހާބުގައި ވާދަ ކުރާ ޕާޓީތަކުން ބޮޑުވަޒީރު ކަމަށް ހުށަހަޅާފައިވާ ނަންތަކުގެ ލިސްޓު އާއްމުކޮށްފަ އެވެ. ނަމަވެސް އެލިސްޓުގައި ކުރީގެ ރަސްގެފާނު ބޫމިޕޮން އަދުންޔަދޭގެ ދޮށީ ދަރިކަނބަލުންގެ ނަން ހިމަނާފައެއް ނުވެ އެވެ.

އަދި އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ޝާހީ އާއިލާގެ ހުރިހާ މެމްބަރުންނަކީ ވެސް ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ ބޭފުޅުންނަށް ވާން ޖެހޭކަން ފާހަގަކޮށްފަ އެވެ. ތައިލޭންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން ވެސް ވަނީ މީގެ ކުރިން ޕްރިންސެސް އުބޮންރާތުނާގެ ކެނޑިޑޭސީއަށް ދެކޮޅު ހައްދަވައި ނެރުއްވި ބަޔާނެއްގައި އެފަދައިން ވިދާޅުވެފަ އެވެ.

ޕްރިންސެސް އުބޮންރާތުނާ ބޮޑުވަޒީރުކަމަށް ވާދަ ކުރުމަށް ނޮމިނޭޓު ކުރީ، ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާއަށް ތާއިދު ކުރާ ތައި ރަކްސާ ޗާޓް ޕާޓީންނެވެ. ނަމަވެސް ރަސްގެފާނުގެ ބަޔާނާ ގުޅިގެން އެޕާޓީން ވަނީ އެކަމަނާއަށް ކެމްޕެއިން ކުރުން ހުއްޓާލާފަ އެވެ.

ތައިލޭންޑުގެ މިހާރުގެ ބޮޑުވަޒީރު ޕްރަޔުތު ޗަންއޮޗާ ވެސް ވަނީ ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ. ބޮޑުވަޒީރު ޕްރަޔުތު ވެރިކަމަށް ވަޑައިގެންނެވީ 2014 ވަނަ އަހަރު އަސްކަރީ ބަޣާވާތެއްގައި ޔިންގްލަކް ޝިނަވަތުރާގެ ވެރިކަން ވައްޓާލެއްވުމަށް ފަހުގަ އެވެ.

comment ކޮމެންޓް