ޖަނަވާރުތަކުގެ ކްލިނިކްގެ ހިދުމަތް ވަގުތީގޮތުން ހުއްޓައިލަނީ

ވިލިމާލޭގައި ހިންގާ ޖަނަވާރުތަކުގެ ކްލިނިކް ---

ޖަނަވާރުތަކަށް ފަރުވާދޭން ރާއްޖޭގައި ހުޅުވި ފުރަތަމަ ވެޓެރިނަރީ ކްލިނިކްގެ ހިދުމަތް ވަގުތީގޮތުން ހުއްޓައިލަން ނިންމައިފި އެވެ.

އެ ކްލިނިކް ހިންގާ ފިޝަރީޒް މިނިސްޓްރީން ބުނީ އެތަން މިމަހުގެ 17 އިން ފެށިގެން 24 އަށް ބަންދުވާނެ ކަމަށެވެ.

އެތަނުގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓައިލަން ނިންމީ އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރު އާއިލީ ޒިންމާގެ ޗުއްޓީއެއްގައި ރަށަށް ދާން ޖެހުމުން ކަމަށާއި އެހެންކަމުން އެތަން ދެން އަލުން ހުޅުވޭނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ދިރޭ ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި، އެތަކެތި އެތެރެކުރުމާއި ބޭރުކުރުމާއި، އެތަކެތީގެ ދުޅަހެޔޮކަމާ ގުޅުންހުރި މަސައްކަތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތަކީ ފިޝަރީޒް މިނިސްޓްރީ އެވެ.

ވިލިމާލޭގައި ހުޅުވާފައިވާ ކްލިނިކްގައި ފަރުވާ ދެނީ އާދިއްތަ، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެކި ގަޑިތަކުގައެވެ. އެ ކްލިނިކްގެ ހިދުމަތްތަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ބޭނުން ނަމަ 7448286 އަށް ގުޅުއްވުމުން މައުލޫމާތު ލިބޭނެ ކަމަށް އެ ކްލިނިކުން ބުންޏެވެ.

comment ކޮމެންޓް