ހަންގެރީގައި ހަތަރު ކުދީންގެ މަންމައިންނަށް އިންކަމް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ހަދަނީ

ހަންގެރީގެ ބޮޑުވަޒީރު ވިކްޓާ އޯބަން ވެރި ކަމަށް ވަޑައިގެންނެވީ އެންޓި-އިމިގްރޭޝަން ކެމްޕެއިނެއް ކުރެއްވުމަށް ފަހު -- ފޮޓޯ: އޭއެފްޕީ

ބުޑަޕެސްޓް (ފެބްރުއަރީ 11): ހަންގެރީގައި އާބާދީ އިތުރު ކުރަން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މުސްތަގުބަލުގައި ހަތަރެއް ނުވަތަ އެއަށް ވުރެ ގިނަ ކުދީން ވިހާ އަންހެނުންނަށް އިންކަމް ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް ބޮޑުވަޒީރު ވިކްޓާ އޯބަން ވިދާޅުވެއްޖެ އެވެ.

ހަންގެރީގެ އާބާދީ ދަނީ ކޮންމެ އަހަރަކު އެތައް ގުނައަކަށް ދަށްވަމުންނެވެ. އަދި ތަފާސްހިސާބުން ދައްކާ ގޮތުގައި އެގައުމުގެ އަންހެނުން ވިހާ ކުދީންގެ އަދަދު އީޔޫގެ އެވަރެޖު އަދަދަށް ވުރެ މަދެވެ.

އިމިގްރޭޝަނާ ދެކޮޅު ކެމްޕެއިން ކުރެއްވުމަށް ފަހު ހަންގެރީގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި އޯބަން ވިދާޅުވި ގޮތުގައި އެގައުމަށް "މުސްލިމް ގައުމުތަކުން" މީހުން ދިޔުމަށް ހިތްވަރު ދިނުމުގެ ބަދަލުގައި، އެގައުމުގެ އާއިލާތަކުން އިތުރު ދަރިން ހޯދަން ހިތްވަރު ދިނުމަކީ މާ ރަނގަޅު ގޮތެކެވެ.

"މުޅި ޔޫރަޕްގައި ކުޑަކުދިންގެ އަދަދު ދަނީ ދަށްވަމުން އަދި އެމައްސަލައަށް ހުޅަނގުން ހުށަހަޅާ ހައްލަކީ ހިޖުރަވެރިން (ގެނައުން). އެމީހުން ބޭނުންވަނީ މަދުވާ ކޮންމެ ކުއްޖަކަށް ހިޖުރަވެރިއަކު ގެންނަން. ނަމަވެސް އަހަރެމެން ވިސްނަނީ ތަފާތުކޮށް. އަހަރުމެން ބޭނުން ވަނީ ހަންގެރީގެ ކުދިން،" އޯބަން ވިދާޅުވި އެވެ.

މީގެ އިތުރުން ހަންގެރީގެ ސަރުކާރުން އާބާދީ އިތުރު ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ގައުމީ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ 2.5 ބިލިއަން ޑޮލަރު އިތުރަށް ހަރަދު ކުރުމާއި ހައުސިން ސަބްސިޑީތައް ދިނުމާއި ތިން ކުދިން ނުވަތަ އެއަށް ވުރެ ގިނަ ކުދިން ބަލަހައްޓާ އާއިލާތަކަށް ކާރެއް ގަތުމަށް އެހީ ފޯރުކޮށް ދިނުން ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް