އެމްޑީޕީ ކެންޑިޑޭޓުން މާލީ ބަޔާން ހާމަކުރަން ޕާޓީން އަންގައިފި

އެމްޑީޕީގެ މެމްބަރުން ކެންޑިޑެންސީ ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުގައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން މާލީ ބަޔާން ހާމަކުރަން އެ ޕާޓީން އަންގައިފި އެވެ.

އެމްޑީޕީ މަޖިލިސް ކެމްޕެއިނުގެ ތަރުޖަމާނު އަފްޝަން ލަތީފު މިއަދު ވިދާޅުވީ އެ ޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ބަޔާން އާންމު ކުރުމަށް ފޯމެޓެއް ކެންޑިޑޭޓުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް އިލްތިމާސްކޮށްފައި ވާނީ މިހަފްތާގެ ބުރާސްފަތި ދުވަހުގެރޭ، އެއީ 14ގެ ރޭގަނޑު އަށެއް ޖެހުމުގެ ކުރިން އެބޭފުޅުންގެ މާލީ ބަޔާން އަޅުގަނޑުމެންނަށް ހިއްސާކޮށްލަދެއްވަން." އަފްޝަން ވިދާޅުވި އެވެ.

މާލީ ބަޔާން އާންމުނަނަށް ފެންނަ ގޮތަށް އެމްޑީޕީގެ ވެބްސައިޓުގައި އާންމު ކުރުމަށް ނިންމާފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

އަފްޝަން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން މާލީ ބަޔާން އާންމު ކުރުމަށް އެންގީ ރައްޔިތުންގެ މެދުގައި ކެންޑިޑޭޓުންނަށް އޮތް އިތުބާރު މިހާރަށްވުރެ ވެސް އިތުރު ކުރުމަށް ކަމަށެވެ. އަދި ކެމްޕެއިންގެ ހުރިހާ ކަމެއް ވެސް ގެންދާނީ ދެފުށް ފެންނަ ގޮތަށް ކަމަށް އަފްޝަން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން މިހާރު ދަނީ މާލީ ބަޔާން އާންމު ކުރަމުންނެވެ. ހާއްސަކޮށް އަމިއްލަ ގޮތުން ވާދަކުރާ ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ވަނީ ސޯޝިއަލް މީޑިއާގައި އާންމުކޮށްފަ އެވެ.

comment ކޮމެންޓް