އެމްއާރުއެމްގެ މަޖިލިސް ކެމްޕޭން މެނޭޖަރަކަށް ފައިސަލް، ތަރުޖަމާނަކަށް ތަޒްމީލް

އެމްއާރުއެމްގެ ކެމްޕޭން މެނޭޖަރަކަށް އައްޔަނުކުރި ފައިސަލް (ކ) އަދި ތަރުޖަމާނަކަށް އައްޔަނުކުރި ތަޒްމީލް (ވ) --

ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއިދާއެކު ވާދަކުރައްވާ ފަރާތްތަކުގެ ކެމްޕޭން މެނޭޖަރާއި ކެމްޕޭނުގެ ތަރުޖަމާނު ހަމަޖައްސައިފިއެވެ.

އެމްއާރުއެމްގެ މަޖިލިސް ކެމްޕޭނުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރުގެ ނައިބު މުހައްމަދު ފައިސަލްއެވެ. ފައިސަލްއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން ހިންގުމަށް ހަތަރު ޕާޓީ ގުޅިގެން އުފެއްދި ކެމްޕޭން ކޮމިޓީގައިވެސް އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ.

އެމްއާރުއެމްގެ އެސިސްޓަންޓް ކެމްޕޭން މެނޭޖަރަކަށް އައްޔަނުކޮށްފައިވަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރާއިދުއެވެ.

މީގެ އިތުރުން އެމްއާރުއެމްގެ ކެމްޕޭންގެ ތަރުޖަމާނަކަށް އައްޔަނުކޮށްފައިވަނީ މޯލްޑިވް ގޭސްގެ މެނޭޖިންގް ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދެވެ.

މައުމޫން އިސްވެ ހުންނަވައިގެން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށްވެސް ދާދި ފަހުން ވަނީ ހުށަހަޅައިފައެވެ.

މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި 32 ބޭފުޅަކަށް ތާއީދު ކުރައްވަންވެސް ރައީސް މައުމޫން ވަނީ ނިންމަވައިފިއެވެ.

އަދި ގޮނޑި ގެއްލުނު ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެމަބަރުންގެ ދާއިރާތަކަށް ކެންޑިޑޭޓުން މައުމޫންގެ ފާރާތުން ނުނެރޭނެ ކަމަށާއި އެ ދާއިރާތަކަށް މައުމޫން ތާއީދު ކުރައްވާނީ އެ 12 ކެންޑިޑޭޓުންނަށް ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް