އެއްވަރުވެ ލީޑު ފުޅާ ކުރުމަށް ލިބުނު ފުރުސަތު ބާސެލޯނާއިން ނަގާލައިފި

ބާސެލޯނާއާއި އެތްލެޓިކް ބިލްބާއޯ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / ރަޔާން ބެންސަން

އެތުލެޓިކް ބިލްބާއޯއާ ވާދަކޮށް އެއްވަނައިގައި އަށް ޕޮއިންޓަށް ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު ބާސެލޯނާއިން ނަގާލައިފިއެވެ.

ރޭ ސްޕެނިޝް ލީގުގައި ބިލްބާއޯއާއި ބާސެލޯނާ ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލު ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ އަށް ޕޮއިންޓުގެ ލީޑު ނަގަން ލިބުނު ފުރުސަތު ގެއްލުނު ނަމަވެސް އަދިވެސް ބާސެލޯނާ އެއްވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑެއްގައެވެ.

ބާސެލޯނާއާއި އެތްލެޓިކް ބިލްބާއޯ ބައްދަލު ކުރި މެޗުގެ ތެރެއިން ލިއޮނެލް މެސީ -- ފޮޓޯ / ރަޔާން ބެންސަން

މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ގިނަ ނުރައްކާތެރި ހަމަލާތައް އުފެއްދީ ބިލްބާއޯ އިންނެވެ. ބިލްބާއޯ ކުޅުންތެރިންގެ ގިނަ ބާރު ހަމަލާތަކެއް ހުށިޔާރު ކަމާއި އެކު ސަލާމަތް ކޮށްދީ ބާސެލޯނާގެ ކީޕަރު މާކް އެންޑާ ސްޓެގަން ވަނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

އަނިޔާގައި ހުރުމަށް ފަހު ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ވެސް ރޭގެ މެޗުގައި ކުޅެފައިވެއެވެ. މެސީ %100 ފިޓު ނޫން ކަމަށް ބާސެލޯނާގެ އެސިސްޓެންޓް ކޯޗު މީގެ ކުރިން ވަނީ ބުނެފައެވެ. މެސީ ވަނީ ރޭގެ މެޗުގައި ބިލްބާއޯ ގޯލުގެ ދަނޑީގައި ދެފަހަރަކު ޖަހާފައެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާއިން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅު ވެފައި ނުވާ އިރު ފަހަތުން ރެއާލް ދަނީ އަރާ ހަމަކުރުމަށް މަސައްކަތް ކުރަމުންނެވެ. މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ރެއާލުން ފަހަކަށް އައިސް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ބާސެލޯނާގެ ކޯޗު މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ މެސީ ފިޓު ކަމަށާއި އަނިޔާގައި ހުރި އެއްވެސް ކުޅުންތެރިއަކު އޭނާ ރިސްކު ނުކުރާނެ ކަމަށެވެ. އަދި ބައެއް ކުޅުންތެރިންގެ ފަރާތުން ރޭގެ މެޗުގައި ބޮޑެތި މިސްޓޭކުތައް ފެނުނު ނަމަވެސް ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް