އައިއެސްގެ ވުޖޫދު ސޫރިޔާއިން ނައްތާލުމުގެ ހަނގުރާމަ ފަށައިފި

އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރާ ސޫރިޔާގެ ކުރުދީ ލަޝްކަރުގެ އަންހެން ހަނގުރާމަވެރިން

ދީރުއްޒޫރު (ފެބްރުއަރީ 10) : ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ އެންމެ ފަހުގެ މަރުކަޒުތައް ނައްތާލައި އެޖަމާއަތުގެ ވުޖޫދު ސޫރިޔާއިން ފުހެލުމުގެ ހަނގުރާމަ ކުރުދީން ފަށައިފި އެވެ.

މިހަނގުރާމަ ފެށީ އެ މެރިކާގެ އަސްކަރީ އެހީތެރިކަމާ އެކު ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކުންނެވެ. މިހނަގުރާމައިގާ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިން އެއްގަމު މަގުން ހަމަލާތައް ދެމުން ގެންދަނީ ސޫރިޔާގެ އިރު އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ދީރުއްޒޫރުގައި އައިސް ހަނގުރާމަވެރިން ފައިހަރުކޮށްލައިގެންތިބި ދެ އަވަށަކަށެވެ. އެއަވަށްތަކަށް އެމެރިކާ ވެސް ގެންދަނީ ވައިގެ މަގުން ޙަމަލާތައް ދެމުންނެވެ. އައިއެސްގެ ހަނގުރާމަވެރިން ހިސާރުވެފައި ތިބިކަމަށްވަނީ ދީރުއްޒޫރުގެ ހަތަރު އަކަ ކިލޯ މީޓަރުގެ ދެ އަވަށުގައި ކަމަށް ކުރުދީންގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް އިން ބުނެ އެވެ.

އައިއެސް ޖަމާއަތަކީ އިރާގާއި ސޫރިޔާގެ ބޮޑު ބައަކަށް ވެރިވެގަނެގެން އެދެގައުމުގެ ބޮޑު ސަރަހައްދެއްގައި ތިން އަހަރުވަންދެން އިސްލާމީ ޚިލާފަތުގެ ނަމުގައި އަނިޔާވެރި ވެރިކަމެއް ކުރަމުން ގެންދިޔަ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެކެވެ. ބަދަލުހިފުމުގެ ރޫހުގައި އެޖަމާއަތް ފުރަތަމަ އުފެއްދީ މާތްވެގެންވާ އިސްލާމް ދީނާ އިދިކޮޅު "ތަކްފީރީ" ފިކުރުގެ ހަރުކަށި ބަޔަކު ގުޅިގެން އިރާގުގަ އެވެ. ނަމަވެސް އެޖަމާއަތް ބޮޑުވެ، އަސްކަރީ ގޮތުން ބާރުގަދަވީ އެމެރިކާ ސިފައިން އިރާގަށް އަރައި ހިންގި ލާއިންސާނީ ޖަރީމާތަކުގެ ޝިކާރައަކަށްވެގެންދިޔަ އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ސިފައިންގެ ލަޝްކަރުތަކުގެ ތަޖްރިބާކާރު ޖެނެރަލުން (ބަދަލު ހިފުމުގެ ރޫހުގައި) އައިއެސް އާ ގުޅުމުންކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް އިރާގު ހަލާކުކޮށް ސިޔާސީ އެކި މަގްސަދުތައް އިރާގާއި ސޫރިޔާއިން ހާސިލް ކުރުމަށްޓަކައި ފަރުދާގެ އަނެއް ފަރާތުން އައިއެސް އަށް ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދިން ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވެސްވަނީ ކުރެވިފައިވެ އެވެ. އިރާގުގައި 2017 ފަހުކޮޅު އައިއެސް ޖަމާއަތް ބަލިކޮށް އެޖަމާއަތުގެ ވުޖޫދު ފުހެލާފައިވާއިރު ސޫރިޔާގައި އެޖަމާއަތް ބަލިކޮށްލާފައި ވަނީ ކުރުދީ ޖަމާއަތްތަކުންނާ އަދި ސޫރިޔާ ސިފައިން ވަކިވަކިން ކުރި ހަނގުރާމަތަކުގައި މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ. އެ ހަނގުރާމަތަކުގައި އައިއެސްގެ ވެރިރަށް ރިއްޤާ އިންވެސް އައިއެސްގެ ހަނގުރާމަވެރިން ފައްސާލައި މިދިޔަ އަހަރު ވަނީ އެސިޓީ މިނިވަންކޮށްފަ އެވެ.

މިހާރު އައިއެސްގެ ހަނގުރާމަވެރިން ޙިސާރުވެފައި ތިބީ ދީރުއްޒޫރުގެ ކުޑަ ދެ އަވަށެއްގައި ކަމަށާ ސޫރިޔާގެ ބިމުން އައިއެސްގެ ވުޖޫދު ނައްތާލުމުގެ މަގްސަދުގައި އިއްޔެ ފެށި ހަނގުރާމަ އަމާޒުކޮށްފައި ވަނީ ހަތަރު އަކަ ކިލޯމީޓަރުގެ އެ ދެ އަވަށަށްކަމަށް ސީރިޔަން ޑިމޮކްރެޓިކް ފޯސަސް ގެ ކޮމާންޑަރުން ބުނެއެވެ.

ސޫރިޔާއާއި އިރާގުގައި އައިއެސް ބަލިކޮށްލެވިފައިވާއިރު އެ ޖަމާއަތުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ފިލައިގެން ލީބިޔާ، އަފްޣާނިސްތާން ފަދަ ބައެއްގައުމުތަކަށް ގޮސްފައިވާ ކަމަށާ އަދި ސޫރިޔާއާއި އިރާގުގައި އައިއެސް އާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި އެޖަމާއަތުގެ އެތައް ހާސް ހަނގުރާމަވެރިން މަރުވެ ފަނާވެފައިވާ ކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް