ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޗްއާރު ކޮންވެންޝަނެއް ބާއްވަނީ

މާޕްގެ ރައީސް އަފީފް (މ) އަދި ވައިސް ޕްރެޒިޑެންޓުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޗްއާރު ކޮންވެންޝަނެއް ބާއްވަން ނިންމައިފިއެވެ.

މި ކޮންވެންޝަން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ ހަތަރަކުން ފަހަކަށް ދަރުބާރުގޭގައެވެ.

"ފިޔުޗާ އޮފް އެޗްއާރު އެންޑް ވޯކް" މި ތީމަށް ކުރިއަށް ގެންދާ މި ކޮންވެންޝަނުގައި ބައިވެރިވުމުގެ ފުރުސަތު މާޕްގެ މެންބަރުންނަށާއި، ރާއްޖޭގައި ހިޔުމަން ރިސޯސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަނީ ހުޅުވާލައިފައެވެ.

މި ކޮންވެންޝަނުގެ ސްޕީކަރުންގެ ގޮތުގައި މީހުން ބިނާކުރުމުގެ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވާއިރު ކީ ނޯޓްް ސްޕީކަރުންގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުން ބައިވެރިވެ، ވާހަކަ ދައްކަވާނެއެވެ.

މާޕްގެ ރައީސް އަފީފް --- ސަން ފޮޓޯ: އަވްޝަން އިލްޔާސް

މި ކޮންވެންޝަނުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި މާޕްގެ މެންބަރުންގެ ގޮތުގައި އެއް އަހަރުވެފައިވާ މެންބަރުން ދައްކަންޖެހޭނީ 99 ޑޮލަރެވެ. މާޕް އާ އަލަށް ގުޅޭ މެންބަރުން 129 ޑޮލަރު ދައްކަން ޖެހޭއިރު އެހެނިގެން ފަރާތްތަކުން ދައްކަންޖެހޭނީ 149 ޑޮލަރުގެ ފީއެކެވެ. މާޕް އިން ބުނީ ގްރޫޕުތަކުންނާއި ކުންފުނިތަކުން ކޮންވެންޝަނުގައި ބައިވެރިވާނަމަ ހާއްސަ ޑިސްކައުންޓެއް ދޭނެ ކަމަށެވެ.

މާޕްގެ ރައީސް ހުސައިން އަފީފް ވިދާޅުވީ ހިޔުމަން ރިސޯސްގެ ދާއިރާގެ ޕްރޮފެޝަނަލުންގެ އިތުރުން މީހުން ބިނާ ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް މި ކޮންވެންޝަނުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮންވެންޝަން ބާއްވަނީ 300 މީހުންނަށް އަމާޒުކޮށްގެން،" އަފީފް ވިދާޅުވިއެވެ. ކޮންވެންޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި އިވެންޓަކީ ޗާޓާޓްް އިންސްޓިޓިއުޓް އޮފް ޕާސަނަލް މެނޭޖުމެންޓާއި މަޓީ އަދި ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އިން އެންޑޯޒް ކޮށްފައިވާ އިވެންޓެކެވެ.

comment ކޮމެންޓް