ފުލަހަމް ކައިރިން ލިބުނު މޮޅަކީ ޕީއެސްޖީ މެޗަށް ލިބުނު ހިއްވަރެއް: ޔުނައިޓެޑުގެ ކޯޗު ސޯލްޝަޔާ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝަޔާއާއިބ އެ ޓީމުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ --- ފޮޓޯ / މެޓް ޑޯމަން

ރޭ އިނގިރޭސި ޕުރިމިއާ ލީގުގައި ފުލަހަމް ކައިރިން މެންޗެސްޓާ ޔުނައިޓެޑް އަށް ލިބުނު މޮޅަކީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީއާ ބައްދަލު ކުރުމަށް ލިބުނު ހިއްވަރެއް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝަޔާ ބުނެފި އެވެ.

ސޯލްޝަޔާ ޔުނައިޓެޑްއާ ހަވާލުވުމަށް ފަހު ކުޅުން އެއްވެސް މެޗަކުން ބަލިވެފައި ނުވާ އިރު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މި ހަފްތާގައި އެ ޓީމު ވާދަކުރަން ޖެހޭނީ މިވަގުތު ފްރާންސްގެ ލީގުގައި އެއްވަނައިގައި އޮތް ޕީއެސްޖީއާ އެވެ.

ރޭ ފުލްހަމްއާ ވާދަކޮށް 0-3ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވި މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ބުނީ މި މޮޅަކީ ޕީއެސްޖީއާ ބައްދަލު ކުރާ މެޗަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއް ކަމަށެވެ.

ރޭ މެޗުގައި ގޯލު ޖަހައިދިން ދެ ކުޅުންތެރިން، ޕޯލް ޕޮގްބާއާއި އެންތޮނީ މާޝިއަލް --- ފޮޓޯ / މެޓް ޑޯމަން

ފްރާންސްގެ ތަރިން ކަމަށްވާ ޕޯލް ޕޮގްބާގެ ދެ ގޯލާއި އެންތޮނީ މާޝިއަލްގެ ހިތްގައިމު ސޯލޯ ގޯލެއް ފެނިގެން ދިޔަ މެޗުން ޔުނައިޓެޑް ވަނީ މޮޅުވެ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފަ އެވެ. ސޯލްޝަޔާގެ އިރުޝާދުގެ ދަށުގައި ޔުނައިޓެޑް އިން ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ އެމީހުންގެ ކުޅުމުގެ ރަސްމީ ވައްޓަފާޅި (އެޓޭކިންގް ފުޓްބޯޅަ) ވަރަށް ފުރިހަމައަށް ދައްކަމުންނެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް ފުރަތަމަ އެގާރައިގައި ހިމަނާފައި ނެތުމުން އެ ޓީމުގެ ސަޕޯޓަރުންގެ ސުވާލުތަކަށް ރައްދު ދެމުން ސޯލްޝަޔާ ބުނީ ކޮންމެ ކުޅުންތެރިއަކަށް ވެސް ފުރުސަތު ދޭނެ ކަމަށާއި ލިބޭ ފުރުސަތުގައި ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް އެއްބާރުލުން ލިބިގެން ނޫނީ ކާމިޔާބު ނުލިބޭނެ ކަމަށެވެ.

މީގެ އިތުރން ކުރިއަށް ވަރުގަދަ މެޗުތަކެއް ހުރުމުން ކުޅުންތެރިންނަށް ރެސްޓް ދިނުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ސޯލްޝަޔާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް