ޗައިނާއިން މުސްލިމުން ހައްޔަރު ކުރާ ކޭމްޕުތައް ބަންދު ކުރަން ތުރުކީން ގޮވާާލައިފި

ޗައިނާގެ ޝިންޖަންގް ޕްރޮވިންސުގެ އާބާދީގެ 45 ޕަސެންޓު ހިއްސާ ކުރަނީ އުއިގޫރު މުސްލިމުން -- ފޮޓޯ: ގެޓީ

އަންކާރާ (ފެބްރުއަރީ 10): ޗައިނާއިން މުސްލިމުން ހައްޔަރު ކޮށްފައި ބައިތިއްބާ ކޭމްޕުތައް ބަންދު ކުރަން ތުރުކީން ގޮވާލައިފި އެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ތަރުޖަމާނު ހަމީ އަކްސޯއި ވަނީ ޗައިނާއިން އެއް މިލިއަނަށް ވުރެ ގިނަ މުސްލިމުން ކޭމްޕުތަކުގައި ހައްޔަރު ކޮށްފައިވާ ކަމަކީ މިހާރު "ސިއްރެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ. އަދި އެކޭމްޕުތަކުގައި މުސްލިމުންނަށް އަނިޔާކޮށް މީހުންގެ ހިޔާލާއި ފިކުރަށް ބަދަލު ގެނައުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ.

އެބަޔާނުގައި ތުރުކީން ވަނީ ޗައިނާއިން އެގައުމުގައި ދިރިއުޅޭ އުއިގޫރު މުސްލިމުންނާ މެދު އަމަލު ކުރާ ގޮތަކީ އެގައުމުން ލަދު ގަންނަން ޖެހޭ ގޮތެއް ކަމަށް ބުނެފަ އެވެ. އަދި ޗައިނާއިން މުސްލިމުންގެ އިންސާނީ ހައްގުތަކަށް އިހުތިރާމުކޮށް، "ކޮންސެންޓްރޭޝަން ކޭމްޕުތައް" ބަންދު ކުރުމަށް ގޮވާލާފަ އެވެެ.

ތުރުކީން އެބަޔާން ނެރުނީ އޭގެއިން ކޭމްޕެއްގައި ހައްޔަރު ކޮށްފައިވާ މަޝްހޫރު އުއިގޫރު ޅެންވެރިޔަކު މަރުވި ހަބަރު ފެތުރުނު ފަހުންނެވެ. އަބްދުއްރަހީމް ހެޔިތު މަރުވިކަން ޗައިނާއިން އަދި ޔަގީންކޮށްދީފައި ނުވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުންޏެވެ.

ނަމަވެސް ރިޕޯޓުތަކުގައިވާ ގޮތުން ޗައިނާއިން ހެޔިތު ހައްޔަރު ކުރީ އޭނާ "ހަނގުރާމައިގެ ޝަހީދުން"ނާ ބެހޭ ލަވައެއް ކިޔުމުންނެވެ. އޭގެ ސަބަބުން ޗައިނާއިން ވަނީ އޭނާއަކީ ޓެރަރިސްޓު އަމަލެއް ކުރުމުގެ ނުރައްކާ އޮތް މީހެއް ކަމަށް ނިންމާފަ އެވެ.

ޗައިނާގެ ޝިންޖިއަންގް ޕްރޮވިންސުގެ އާބާދީގެ 45 ޕަސެންޓު ހިއްސާ ކުރަނީ އުއިގޫރު މުސްލިމުންނެވެ. ނަމަވެސް އެގައުމުގެ ބައެއް ސަރަހައްދުތަކުގައި އިސްލާމްދީނަށް އަމަލު ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން ނަމާދުކުރާ، ރޯދަ ހިފާ، ތުނބުޅި ދިގުކުރާ ނުވަތަ ބުރުގާ އަޅާ މީހުން ހައްޔަރު ކުރުމަކީ އާއްމު ކަމެކެވެ.

comment ކޮމެންޓް