ބޮލީވުޑް ވިލަން މަހޭޝް އާނަންދު މަރުވެފައި އޮއްވައި ފެނިއްޖެ

ނެގެޓިވް ރޯލުތަކުން އާންމުންގެ މަގުބޫލުކަން ހޯދި ބޮލީވުޑް އެކްޓަރު މަހޭޝް އާނަންދު (57) މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަހޭޝް މަރުވެފައި އޮއްވާ ފެނިފައި ވަނީ މުމްބާއީގައި ހުންނަ ގެއިންނެވެ. ފުލުހުން ބުނީ މަހޭޝްގެ ހަށިގަނޑު ފެނުނު އިރު ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ، ހަލާކުވާން ފަށައިފައިވާ ކަމަށެވެ.

ފުލުހުން މިހާރު މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މަހޭޝް މަރުވި ގޮތާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށާއި އެހެންކަމުން އެއީ ގުދުރަތީ މަރެއްގެ ގޮތުގައި އަދި ނިންމެއް ނެތް ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނެ އެވެ.

މަހޭޝްގެ ގެއިން އެއްވެސް ކަހަލަ ނޯޓެއް ފެނިފައި ނުވި ނަމަވެސް، އޭނާ އަމިއްލައަށް މަރުވީ ކަމަށް ބެލުމުގެ ފުރުސަތު ވެސް އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މަހޭޝް މަރުވި ގޮތް ދެނެގަތުމަށް އޭނާގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓް މޯޓަމް ހެދުމަށް މުމްބާއީގެ ކޫޕާ ހޮސްޕިޓަލަށް ފޮނުވައިފަ އެވެ.

މުމްބާއީގެ އަންދޭރީގައި ހުންނަ އެ ގޭގައި މަހޭޝް ދިރިއުޅެމުން ދިޔައީ އެކަންޏެވެ. އޭނާގެ އަންހެނުން ދިރިއުޅެމުން އަންނަނީ މޮސްކޯގަ އެވެ.

މަހޭޝް ވަނީ ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފަ އެވެ. އޭގެ ތެރޭގައި 'ޝެހެންޝާ'، 'ވިޖޭތާ'، 'ކޫލީ ނަންބަރު 1'، 'ސްވަރްގް'، އަދި 'ކުރުކްޝެތުރާ' ފަދަ ފިލްމުތައް ހިމެނެ އެވެ.

މަހޭޝް އެންމެ ފަހުން ފެނިގެން ދިޔައީ ހުސްވި ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރި 'ރަންގީލާ ރާޖާ' އިން ގޯވިންދާ އާއެކު އެވެ.

comment ކޮމެންޓް