ފަލަސްތީނުން ޕޮލެންޑްގެ މަހާސިންތާ ބޮއިކަޓް ކުރުމުން އެމެރިކާ ހިތްހަމަނުޖެހިއްޖެ

ރައީސް ޓްރަމްޕް އަދި މަހުމޫދު އައްބާސް --

ވޮޝިންޓަން (ފެބްރުއަރީ 10) : މެދުއިރުމައްޗާބެހޭ ގޮތުން ޕޮލެންޑްގައި އެމެރިކާ ބާއްވާ މަހާސިންތާގައި ބައިވެރިވުމަށް ފަލަސްތީނުން ދެކޮޅު ހެދުމުން އެކަމާ ހިތްހަމަނުޖެހޭކަން އެމެރިކާއިން ހާމަކޮށްފި އެވެ.

ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއުލުވެރިއަކު ވިދާޅުވީ ފަލަސްތީނުގެ ނިންމުމުން ފަލަސްތީނަށް ލިބޭނީ އެކަހެރިކަން ކަމަށާއި އަދި އެކަމުން ސުލްޙައަށް ވެސް ވާނީ ގެއްލުން ކަމުގައެވެ. އަންނަ ހަފްތާގައި މެދުއިރުމައްޗާ ބެހޭ ގޮތުން ޕޮލެންޑްގައި ބާއްވާ މަހާސިންތާއަކީ އެމެރިކާ އިސްވެ އޮވެގެން ބާއްވާ ބައްދަލުވުމެކެވެ. އިސްރާއީލު ހިމެނޭ ގޮތަށް ބާއްވާ އެ ބައްދަލުވުމުގައި އިސްރާއީލާއި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް ފެށުމާ ބެހޭ ގޮތުން އެމެރިކާ އެކުލަވާލާއިވާ ޕްލޭންތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް މުސްތަޝާރު ޖަރެޑް ކުޝްނާ މަހާސިންތާގެ ބައިވެރިންގެ މަޝްވަރާއަށް ހުޅުވައި ލައްވާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެ އެވެ.

ޕޮލެންޑްގައި ބާއްވާ އެ މަހާސިންތާއަކީ އެމެރިކާ ސްޕޮންސަރ ކޮށްގެން ބާއްވާ މަގާސިންތާއަކަށް ވެފައި އެއީ މެދުއިރުމަތީގެ ސުލްހައާބެހޭ ކަމަކަށްވާތީ އެ މަހާސިންތާގައި ބައިވެރިވުމަށް ފަލަސްތީނުންވަނީ ދެކޮޅު ހަދައިފަ އެވެ. ފަލަސްތީނުގެ މަސްއޫލުވެރިއަކު ވިދާޅުވީ އެމެރިކާގެ ބެލުމުގެ ދަށުން ބާއްވާ އެ މަހާސިންތާގައި ބައިވެރި ނުވުމަށް ފަލަސްތީނުން ނިންމާފައިވާ ކަމުގަ އެވެ. އެ މަހާސިންތާގައި ފަލަސްތީނުން ބައިވެރިނުވަނީ އެމެރިކާ އިސްވެ އޮވެގެން ހިންގާ މެދުއިރުމަތީގެ ސުލްހައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް ފަލަސްތީނުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ވެސް ފަލަސްތީނުން ބުނެފައިވެ އެވެ.

އެމެރިކާ އިސްވެ އޮވެގެން ހިންގާ މެދުއިރުމަތީގެ ސުލްހައާ ބެހޭ ކަމެއްގައި ބައިވެރިނުވުމަށް ފަލަސްތީނުން ނިންމީ އިސްރާއީލު ވެރިވެގެންފައިވާ ގުދްސަކީ އިސްރާއީލުގެ ތަނެއްކަމަށް އެމެރިކާ ގަބޫލުކޮށް ގުދްސަށް އެމެރިކާގެ އެންބަސީ ބަދަލުކުރި މައްސަލާގަ އެވެ. މީގެ އިތުރުން ފަލަސްތީނުގެ ރެފިއުޖީންގެ މައްސަލަ ވުޖޫދުން ފުހެލުމަށް އިސްރާއީލާ ގުޅިގެން އެމެރިކާ ކުރާ މަސައްކަތްތަކުގެ ސަބަބުން ވެސް ފަލަސްތީނުން ވަނީ ސުލްހައިގެ ނަމުގައި އެމެރިކާ ހިންގާ ހަރަކަތްތައް ބޮއިކަޓް ކުރުމަށް ނިންމައިފަ އެވެ.

އެމެރިކާވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވާ އދ.ގެ އިދާރާ (ޔުނަރްވާ) އަށް އަހަރަކު ދޭ 300 ވުރެ ގިނަ މިލިޔަން ޑޮލަރު ވެސް ޓްރަމްޕްގެ ވެރިކަމުގައި ކަނޑާލައިފަ އެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ އަށް މިލިޔަން ރެފިއުޖީން ނަށް ވަނީ އިންސާނީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. މީގެއިތުރުން ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ރެފިއުޖީންނަށް ދޭ އިންސާނީ އެހީވެސް މިދިޔަ މަހު އެމެރިކާއިން ވަނީ ކަނޑާލައިފަ އެވެ.

ފަލަސްތީނުން ވަނީ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރިކުރުން އަލުން މުރާޖައާކޮށް ގުދްސަކީ އިސްރާއީލުގެ ތަނެއްކަމަށް އެމެރިކާ ގަބޫލުކުރި ކުރުން އަނބުރައި ގެންދިޔުމަށް އެދިފަ އެވެ. މިކަން ނުކުރަނީސް އެމެރިކާއާ އެކު ސުލްހައިގެ އެއްވެސް ކަމެއްގައި ބައިވެރި ނުވާނެކަމަށް ފަލަސްތީނުން ބުނާ ބުނުން ވަނީ މިފަހަރު ވެސް މިވަނީ ތަކުރާރުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް