މާފުކުރާށޭ ލޯބިވާ (15)

ކާރު ހުއްޓާލުމާއެކު ކާރުން ފައިބައިގެން ގޮސް ދީމް ގޭތެރެއަށް ވަދެއްޖެއެވެ. ކިނާން ބުނި އެއްވެސް އެއްޗަކަށް ވެސް އޭނާ ޖަވާބެއް ނުދިނެވެ. "ސްޓްރޭންޖް" ދެފަރާތަށް ބޯ ހޫރާލަމުން ކިނާންއަށް ބުނެވުނެވެ. އަދި އޭނާ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

******

ޗުއްޓީ ނިންމާލުމަށްފަހު އަނެއްކާވެސް އަނާލްއާ އިޒިއަންއާއި ދެމީހުން އޮފީހަށް ނުކުންނަން ފަށައިފިއެވެ. އާދައިގެ މަތިން މަސައްކަތުގައި ދެމީހުންވެސް އުޅެންޖެހެނީ ނުހަނު ބުރަކޮށެވެ. މިދުވަސްކޮޅު ކުރަންޖެހޭ މަސައްކަތް ގިނަކަމުން ކަންތައްތަކާ މަޝްވަރާ ކުރަން ދެމީހުން ހޭލާ ތިބޭ ރޭތައް ވެސް ގިނަވެއްޖެއެވެ. އަނެއްކޮޅުން ކިނާންގެ ވަޒީފާ ހަމަޖެއްސުމުގައި ވެސް އަނާލް އިސްކޮށް ހަރަކާތް ތެރިވަމުން ދިޔައެވެ. އައްމާރު އަތަށް ކިނާންގެ ހުރިހާ ސެޓްފިކެޓް ތަކަކާއި މައުލޫމާތެއް އަނާލް ގެންގޮސްދިނެވެ. އާއްމުކޮށް އެ ހޮސްޕިޓަލުގައި ވަޒީފާ ހަމަޖައްސަނީ ތަނުގެ ބޮޑެތިން ބާއްވާ ބައްދަލު ވުމަކަށްފަހު ކަމަށްވުމާއެކު އެ ހަފްތާ ތެރޭގައި އެ ބައްދަލުވުންވެސް އައްމާރުގެ އެދުމަށް ހޮސްޕިޓަލުގެ އިސްވެރިން ތާވަލު ކުރިއެވެ. މިހާރު ހޮސްޕިޓަލް ހިންގުމާ ހަވާލުވެހުންނަނީ އައްމާރުގެ އިތުރުން އޭނާގެ ކޮއްކޮ އަފާޒުއެވެ. ބައްދަލުވުމުގައި ކިނާންގެ ތަޖުރިބާއެއް ނެތަސް ސެޓްފިކެޓްތަކަށް ބަލާފައި ވަޒީފާ ދޭން ނިންމުން ވެގެން ދިޔައީ އިޒިއަންއަށާއި އަނާލްގެ އިތުރުން އެންމެންނަށް ވެސް ލިބުނު ބޮޑު އުފަލަކަށެވެ. ކިނާން ކިޔެވުން ވަނީ އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަކޮށްފައެވެ. އެމީހުން ބެޗްގެ އެންމެ މޮޅު ދަރިވަރުގެ އިތުރުން އެންމެ ހިންގުންތެރި އަދި މުޅި ޔުނިވަރސިޓީގެ ވެސް އެންމެ މޮޅު ދަރިވަރަކަށް ކިނާން އޮތީ ހޮވިފައެވެ. އޭނާއަށް އެހާ ފަސޭހައިން ހުރިހާ އެންމެންގެ ތާއިދާއެކު ވަޒީފާ ހަމަޖެހުނީ އެންވެއެވެ.

އަނެއްކޮޅުން ދީމްގެ ނަންބަރު އަނާލްއަށް ނޭނގި އަނާލްގެ ފޯނުން ނަގައިގެން ކިނާން ދީމްއަށް މެސެޖް ކުރާތާ ހަފްތާއެއް ވެއްޖެއެވެ. ކިނާން ކަން އެނގޭތީ ދީމް ހުންނަނީ ބޮލަށް އުނދަގޫވެފައެވެ. ކިނާން އެވަރަށް މެސެޖް ކުރާއިރުވެސް އޭނާ އެއަށް އެއްވެސް ޖަވާބެއް ނުދެއެވެ.

އެއީވެސް އެފަދަ ރެއެކެވެ. ކިނާން ދީމްއަށް މެސެޖެއް ކޮށްލިއެވެ. ހާލު އަހާފައެވެ. އެހެންނަމަވެސް ފަނަރަ މިނެޓް ވީއިރުވެސް ދީމްގެ ފަރާތުން މެސެޖަށް ޖަވާބެއްނުލިބުނެވެ. އެއީ އެކަންވާނެ ގޮތްކަން އެނގޭއިރުވެސް ދީމްގެ ޖަވާބެއް އެއްފަހަރެއް ކަމަކު ލިބޭނެކަމަށް ކިނާންއަށް އިންތިޒާރުކުރެވެއެވެ. އެންމެފަހުން ދެވަނަ މެސެޖް ވެސް އޭނާ ދީމްއަށް ފޮނުވާލިއެވެ.

"އަދި އަހަރެންގެ އެއްވެސް އެކުވެރިއަކުވެސް ނެތް، ދީމްއާ އެކުވެރިވާން ބޭނުންވެގެން މެސެޖް ކުރީމަވެސް އަޅާނުލާ...." ދީމް އޮތީ ކިނާން އޭނާއަށް ފޮނުވި މެސެޖަށް ނަޒަރު ހުއްޓާލައިގެންނެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައެވެ. ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ކިނާން ދީމްއަށް މެސެޖް ކުރެއެވެ. އެހެންނަމަވެސް އެއިން އެއްވެސް މެސެޖަކަށް ދީމް ރިޕްލައި އެއްނުކުރެއެވެ.

*****

އަނާލް އާއި އިޒިއަން އާއި ދެމީހުން ނިދަން އަވަސްވެގަތީ މިރޭވެސް ޕްރޮޖެކްޓްގެ ވާހަކައެއް ދައްކަން އެތައްއިރަކު ތިބެފައެވެ. އަނާލް ބިރުގަންނާތި މިހާރު އިޒިއަން ވެސް ނިދަނީ އެއްކޮށް ނިއްވާނުލައެވެ. ކުރީކޮޅު އޭނާއަށް އުނދަގޫ ވިނަމަވެސް މިހާރު ލައިޓް ކޮންމެވެސް ވަރަކަށް ދިއްލައިގެން ނިދަން އާދަވެއްޖެއެވެ.

*****

ވޭރޭގެ ތެރޭގައި ހިނގަމުން ދިޔަ އަންހެން ކުއްޖެކެވެ. އަތުގައި އޮތް ފޮތްދަބަސް ވަނީ މެއާލާ ފިއްތާލެވިފައެވެ. ދެ ތުންފަތް ތުރުތުރުއަޅަމުން ދިޔައީ ވަމުންދިޔަ ފިނީގެ ސަބަބުންނެވެ. އިރުއިރު ކޮޅަކާ ގުގުރިއާއެކު ޖަހާލާ ވިދުކަނީގެ ސަބަބުން އެ ކުއްޖާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. މަގުގެ މެދަށް ހުއްޓިހުރެ އޭނާ ވަށައިގެން ބަލާލިއެވެ. ކުރިމައްޗަށް ބަލަހައްޓައިގެން ހުރެވުނީ ދާންވީ މިސްރާބެއް ނޭނގޭތީއެވެ. ވަށައިގެންވީ މުޅި މާހައުލުވެސް އެނބުރޭހެން އެ ކުއްޖާއަށް ހީވިއެވެ. ކުއްލިއަކަށް ފަހަތުން މީހަކު ހުރަސް ކަޑާލިހެންހީވެ އެ އަންހެން ކުއްޖާއަށް ފަހަތަށް ބަލާލެވުނެވެ.

*****

ނިދީގައި އަނާލް ދެފަރާތަށް ބޯ ހޫރަމުން 'ނޫނެކޭ' ކިޔަމުން ދިޔައެވެ. ފެންނަމުންދިޔަ ބިރުވެރި ހުވަފެނުގެ ސަބަބުން އޭނާއަށް އުނދަގޫވަމުންދިޔަ ނަމަވެސް ހޭލަންވީ ދަތިކަމަކަށެވެ. އަތް ވެސް ދެ ފަރާތަށް އުކަމުން އޭނާ 'އައްދިޔޯއްޔޭ' ބުނެލިއެވެ.

ނިދިފައި އޮތް އިޒިއަންއަށް އެސްފިޔަތަށް ތަޅުވާލާ ދެލޯ ހުޅުވާލަން މަޖުބޫރުވީ އެނދުގައި އޮވެ އަނާލް ތެޅެމުން ދިޔައީތީއެވެ. އެއްފަރާތަށް ބަލާލި އިޒިއަންއަށް އަނާލްއަށް ވަމުންދިޔަ ގޮތް ފެނި އަވަސްއަވަހަށް ތެދުވެވުނެވެ. އޭނާ ލައިޓްތަކުގެ އެންމެ އަލިގަދަ ކޮށްލިއެވެ. އަދި ގައިމަތިން ރަޖާ ނަގާ އެއްފަރާތް ކޮށްލުމަށްފަހު އޭނާ އަނާލްއާ ދިމާލަށް ވާގޮތަށް އިށީނެވެ.

"ނާލް" މަޑުމަޑުން އަނާލްއަށް ގޮވާލަމުން އިޒިއަން އަނާލްގެ އަތުގައި ހިފާ ކޮށްޓާލިއެވެ. އެހެންނަމަވެސް ގަދަ ނިދީގައި އޮތް އަނާލްއަށް އެކަމުގެ ހިލަމެއްވީ ހެނެއް ހިޔެއްނުވެއެވެ. އޭނާ ނިދީގައި ތެޅި ފޮޅެމުންދިޔަ ގޮތުން އިޒިއަންގެ ހިތަށް ވެސް ބިރުވެރިކަން ވަނެވެ.

ދެފަހަރަކު އަނާލްގެ އަތުގައި ހިފާ ތަޅުވާލުމުން ވެސް އަނާލްއަށް ހެޔެއް ނުލެވުނެވެ. އޭނާ ތެދުވެ ރަނގަޅަށް އަނާލްއާ ދިމާލަށްވީ ގޮތަށް އިށީނދެ އަނާލް އެ އަތުގެ ތެރެއަށް ލިޔެވެ. އަދި އަނާލްއަށް ގޮވާލަމުން އޭނާ ބާރަށް އަނާލް ތަޅުވައިގަތެވެ. ފުންނޭވާއަކާއެކު މޭގައި އަތް އަޅާލަމުން އަނާލް ދެލޯ ތަންމިނަށް ހުޅުވާލިއެވެ. ދެތުންފަތުގައި މަޑު ތުރުތުރު އެޅުމެއްވުމާއެކު އަތް ފައި ވަނީ ފާޑަކަށް ގަނޑުވެފައެވެ.

"އަހަރެންނަށް ތިހާ އަނިޔާ ނުކުރޭ" އެ ކަންފަތުގައި އެ ޖުމްލަތަށް ގުގުމާލުމާއެކު ކުއްލިއަކަށް އޭނާއަށް އަނާލްގެ ގައިން ދޫކޮށްލެވުނެވެ. އަނާލްގެ ހަށިގަނޑު އެނދުމައްޗަށް ދޫކޮށްލަމުން އިޒިއަންއަށް އިނދެވުނީއެވެ. އަނާލްގެ ގައިގައި އަތްލަން ވެސް އިޒިއަންއަށް ނުކެރުނީކަންނޭގެއެވެ. އަތް ގެންގޮސް ވެސް އަތް ދަމައިގަނެވުނީއެވެ. ބޮލުގެ އިސްތަށިގަނޑުގެތެރެއަށް އަތް މަހާލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލީ ނަފްސަށް އަންނަމުންދިޔަ ބަދަލުތަކުން ހަމަޖެހެވޭތޯއެވެ. އެހެންނަމަވެސް ހިތާ ސިކުނޑީގައި އުފެދުނު ހައިޖާނުގަނޑުން އޭނައަށް ސަލާމަތެއް ނުވެވުނެވެ. ދެލޮލަށް ކަރުނަތަށް ޖަމާވާންނެގީ މަދު ސިކުންތުކޮޅެކެވެ. މީހާގެ ނޭވާ ތާށިވެފައި ވެއެވެ. ތުންފަތުގައި ދޫ ހާލާކީ ތުންފަތް ހިކިފައި ވީތީއެވެ. ހިންދިރުވާލެވުނީ ގާބުރިއެއް ދިރުވާލެވުނު ފަދަ ގޮތަކަށެވެ. ހަށިގަނޑުގައި އާދަޔާ ހިލާފް އިޙްސާސްއެއް ދައުރުކޮށްލިއެވެ. އަނާލްގެ ދެލޯ މަޑުމަޑުން މެރެމުން ގޮސް އެކީ މެރިއްޖެއެވެ.

މަޑުމަޑުން އަނާލް އުފުއްލާލުމަށްފަހު އޭނާ އަނާލް އެނދުމަތީ ރީތިކޮށް ބާއްވާލިއެވެ. އެއަށްފަހު އެނދުގައި އިށީނދެލަމުން ބުރަކައްޓާ ދިމާލަށްވާ ގޮތަށް ބާލީހެއް ލައްވާލާ ހަމަޖެހިލިއެވެ. ނިދުމަށް ތަންނުދީ ސިކުނޑީގެ ހުރިހާ ސެލްތަކެއް މަސައްކަތް ކުރަމުން ދިޔައީ އިޒިއަންއަށް ކަމެއް ހަނދާން ކޮށްދޭށެވެ.

*****

އަނާލްއަށް ހޭލެވުނީ ފިނި ބޮޑުވެގެން ނެވެ. އޭސީގެ ރިމޯޓް ފެނޭތޯ ހޯދާލެވުނުއިރު އެ އޮތީ އޭނާގެ އަތުޖެހޭ ވަރަށް ވުރެ ދުރުގައެވެ. އެހެންކަމުން އޭނާ އިޒިއަންއަށް ބަލާލިއެވެ. އެނދުގެ ބޯލާ ކޮޅުގައި ބުރަކަށި ޖައްސާލައިގެން އިނދެ ނިދާފައި އިން އިޒިއަން ފެނުމުން އަނާލްއަށް ދެބުމަ ގާތް ކޮށްލެވުނެވެ. ރޭގައިވީ އެއްވެސް ކަމެއް އޭނާގެ ހަނދާނަކު ނެތެވެ. ވާނީވެސް އެހެންތާއެވެ. އެ ހުރިހާ ކަމެއް ވެސް ހިނގީ އޭނާ ނިދާފައި އޮތްވާ ތާއެވެ.

ކޮންމެއަކަސް ފިނިވެ އޭނާގެ ދެއަތަށާއި ފަޔަށް ވެސް އައްސިކަމެއް ވެރިވަމުން ދިޔުމާއެކު އަނާލް ނިންމީ އިޒިއަންއަށް ގޮވާށެވެ. މަޑުމަޑުން ދެފަހަރަކު އޭނާ އިޒިއަންއަށް ގޮވާލިއެވެ.

"އައި އެމް ސޮރީ..." ނިދީގައި އޮވެ އިޒިއަން ބުނެލުމާއެކު އަނާލްއަށް ތަންކޮޅެއް ބާރަށް އިޒިއަންއަށް ގޮވާލެވުނެވެ.

"އިޒް..."

"އައި އެމް ސޮރީ، އައި ޝުޑުންޑް ހޭވް ޑަން ދެޓް" ދެން ވެސް އިޒިއަން ނިދީގައި އޮވެ ބުނެލިއެވެ. އަނާލްއަށް ހައިރާންކަމެއް ވެރިވެގެން ދިޔައެވެ. އިޒިއަން މާފަށް މިއެދެނީ ކާކުގެ ކިބައިން ހެއްޔެވެ؟ އަނެއްކާ ނިދީގައިވެސް މީހަކުގެ ކިބައިން މާފަށް އެދެން ޖެހޭވަރު ބޮޑު ކުށެއް އިޒިއަންއަށް ކުރެވިފައި ވީހެއްޔެވެ؟ އޭނާ ދެފަރާތަށް ބޯ ހޫރާލަމުން އިޒިއަންގެ އަތުގައި ހިފާ ތަޅުވާލިއެވެ.

ސިހިފައި ހޭލެވުނު އިޒިއަންގެ އުނަގަނޑަށާއި ކަނދުރާއަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ ތަދެއް އަރާފައެވެ. ދެފަރާތަށް ބޯ އަނބުރާލަމުން އޭނާ ކަނދުރާގައި އަތް އުނގުޅާލިއެވެ. ނާރަށް ވާންވެފައި ހުރުމުން ހިސާބެއްގެ އުނދަގޫކަމެއް ކަރުގައި ހުއްޓެވެ. މަޑުމަޑުން އަނާލްއާ ދިމާލަށް ބަލާލެވުނެވެ.

"އާރ ޔޫ އޯކޭ" އިޒިއަންއަށް ތެދުވަމުން އަވަސް އަވަހަށް އަހާލެވުނެވެ.

"އާ! އަހަރެން ރަނގަޅު، އެކަމަކު އިޒްއަށް ދެންމެ ކިހިނެތްވީ؟" އަނާލް އިޒިއަންއާ ދިމާލަށް ބަލަން އިނީ ކަމެއް އެނގެން ބޭނުންވެފައިވާ ފަދައަކުންނެވެ.

"އަހަރެން..... އަހަރެން ކީ" އަނާލްއަށް ވީ އެއްވެސް ކަމެއް ހަނދާން ނެތްކަން އެނގުމުން އޭނާ އެ މައުޟޫއަށް ވާހަކަ ދައްކަން ބޭނުންނުވުމާއެކު ސުވާލުކޮށްލެވުނީ އޭނައަށް ކަމެއްވީކަމަށް އަނާލް ބުނުމުންނެވެ.

"ނޭނގެ! މާފު ކުރާށޭ، އެކަހަލަ ކަމެއް ކޮށްގެން ނުވާނޭ..." އަނާލް ފާޑަކަށް އިނދެ ބުނެލިއެވެ. އޭނާ ހީވީ ކަމެއް އެނގެން އިޒިއަންގެ މޫނުމަތި ސްކޭން ކޮށްލި ހެންނެވެ.

"ވެދާނެ ހުވަފެނެއްކަމަށް ވެސް" އިޒިއަން އާފުރެމުން ބުނެލިއެވެ. ހަޤީގަތުގައި ވެސް އޭނާ އިނީ ވަރަށް ނިދިއައިސްފައެވެ. އަނާލް އެދުމުން އޭސީގެ ފިނި ދަށްކޮށްލަމުން އޭނާ ވެސް ރީތިކޮށް އޮށޯވެލިއެވެ. ބޮލުގައި އަތުގެ އިނގިލިތައް ހިންގާލުމާއެކު އޭނާ ދެލޯ މަރާލިއެވެ. އަދިވެސް އެ ނަފްސަށް ވެރިވެފައިވި ގިލަން ވެރިކަމަށް ނިމުމެއް ނާދެއެވެ. އެހެންނަމަވެސް ނިދި ބޮލަށް ސަވާރުވެފައި ހުރުމުން އިޒިއަންއަށް ނިދެން މާގިނަ އިރެއްނުނެގިއެވެ. އަނާލްއަށް ވެސް އޭގެ އިރުކޮޅެއް ފަހުން ނިދިއްޖެއެވެ.

ޖެހިގެން އައި ދުވަހު އެރި އިރާއެކު އިޒިއަން އުޅުނީ އަނާލް ހުއްޓާލާފައިވާ ފިޒިއޮތެރަޕީގެ ޚިދުމަތް އަނެއްކާ ފަށަން ވާންޖެހޭ ތައްޔާރީތަށް ވުމުގައެވެ. އެދުވަހުގެ ބޮޑުބައި އޭނާ ހޭދަކުރީ ހޮސްޕިޓަލުގައެވެ. އަނާލްގެ ހުރިހާ ރިޕޯޓްތަކަކާ އެއްޗެހި ގެންގޮސް އެތަނުގެ ހެޑްއަށް ދެއްކުމުން އޭނާ އެދުނީ މަސައްކަތް ކުރެވިދާނެކަމުގައެވެ. އެހެންނަމަވެސް އަނާލްއަށް ހިނގޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނުދެވޭނޭ ކަމުގައެވެ. އިޒިއަން އުންމީދުގެއްލުވައެއް ނުލިއެވެ. އޭނާ ބުނިހާވެސް އެއްޗަކީ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު އަނާލްއަށް ފަރުވާ ކުރެވެން ކުރެވުނުހާ މަސައްކަތެއް ކުރާނެކަމުގައެވެ. އިންސާނުންނަށް ކުރެވޭނީ މަސައްކަތެވެ. ކާމިޔާބު ދެއްވާނީ ﷲ އެވެ.

ގިނަ އެތައް ވާހަކައަކަށްފަހު އަނާލްގެ ސެޝަންތައް ހޮސްޕިޓަލުގައި ގެންދިޔުމަށް ނިންމީ ބޭނުންވާ ހުރިހާ ސާމާނެއް ހުންނާނީ ހޮސްޕިޓަލުގައި ކަމަށްވީތީ ފަސޭހަ ވާނެތީއެވެ.

ކުރިންވެސް އަނާލް ޕިޒިއޯ ހުއްޓާލީ އުންމީދެއްނެތުމުންނެވެ. އެހެންނަމަވެސް މިހާރު އިޒިއަންއާ ޖެހުނީއެވެ. ހިތްވަރާއެކު އަނެއްކާވެސް އަނާލް ޖެހޭނީ މަސައްކަތް ކުރާށެވެ. އުންމީދެއްނެތޭ ކިޔާފައި ހުއްޓާލިޔަކަ އޭނާ ނުދޭނެއެވެ. އެއަށްވުރެ ބޮޑަށް އޭނާ އަނާލް ހެޔޮހާލުގައި ހުންނަން ބޭނުމެވެ.

ގެއަށް ގޮސް އަނާލް ގާތު އެ ހުރިހާ ކަމެއް ނިމުނު ވާހަކަ ބުނުމާއެކު އަނާލްއަށް އިސްޖަހާލެވުނެވެ. އިޒިއަން އެކަންތައް އެ ނިންމީ އޭނާ ބޭނުމެއް ނޫނޭ ބުނެބުނެ އޮއްވައެވެ.

"ބޭކާރު ކަމެއް ކޮށްގެން އަހަރެންގެ ހިތްވަރު އެލޭނީ، އެކަމުންވެސް އެއްވެސް ފައިދާއެއް ނުކުރާނެކަން އެނގޭއިރު ފުރިހަމަވުމެއް ނެތް އުންމީދެއް ކީކުރަން ކުރަނީ" އަނާލްއަށް ބުނެވުނެވެ. އޭނާ އިނީ ހިންހަމަ ނުޖެހިފައިކަން އެ އަޑުން ހާމަވެއެވެ. އެހެންނަމަވެސް އިޒިއަންއަށް ފާހަގަވިކަމަކީ އެ ހިންހަމަ ނުޖެހުމަކީ މާޔޫސްކަމާއި ހިތްދަތި ކަމުގެ އަސަރުތައް އެކުވެގެން އައި ހިންހަމަ ނުޖެހުމެއް ކަމެވެ.

"ނާލް! އަހަރެންނަށްޓަކާ ކުޑަ ހިތްވަރެއްލާފަ ނަމަވެސް މަސައްކަތް ކޮށްލަމާ، އަހަރެން ޔަޤީންކަންދެން، މިކަމުގެ ސަބަބުން ނާލްއަށް އިތުރު ތަކުލީފުތަކެއް ލިބެންޏާ އަމިއްލައަށް އަހަރެން ބުނާނަން ހުއްޓާލަން" އިޒިއަން އަނާލް އާއި އެއްހަމައެއްގައި އިށީނަމުން ބުނެލިއެވެ.

"އުންމީދެއްނެތޭ އިޒިއަން" އަނާލްއަށް ބުނެވުނެވެ.

"ކީއްވެ؟ ރަނގަޅުނުވާނޭ ބުނެފަ ތިބި ކިތައް މީހުންތަ ދުނިޔޭގަ ރަނގަޅު ވެފަ ތިބީ؟ ޑޮކްޓަރުން އުންމީދު ކަނޑާލާފަ ތިބޭ ކިތަށް މީހުންތަ އެތައް އަހަރެއް ވަންދެން ދިރިއުޅެނީ، އަހަރެން އެބަ މަސައްކަތް ކުރަން އެންމެ ރަނގަޅު ފަރުވާ ނާލްއަށް ދެވޭތޯ... " އިޒިއަން ވެސް މިހާރު އިނީ އިސްޖަހާލައިގެންނެވެ.

"އިޒް! ކިތައް އަހަރު ވިކަން އެނގޭތަ އަހަރެން ފަރުވާ ކުރިތާ، އެއްގޮތެއްވެސް ނުވިއޭ، ކިތަށްފަހަރު ރާއްޖޭން ބޭރަށް ދިޔަކަން އެނގޭތަ؟ އެއްވެސް އަލިމަގެއް ނުފެނުނޭ. އިޒިއަން އަހަރެން ޤަބޫލުކުރީ މި ގޮނޑީގައި އަހަރެން އިނަސް ވަރިހަމަކަމަށް، މިހާރު ކިހިނެތްވީ؟ އަހަރެން ގޮވައިގެން އުޅެން ލަދު ގަންނަނީތަ؟ ނޫނީ އަހަރެން މީގަ އިންނާތީ އަހަރެން މަތިން ފޫހިވީތަ؟" އަނާލްގެ ގާތަށް ފާޑަކަށް ރުޅިއަތުވެއްޖެއެވެ. އެއާއެކުވެގެން އެ ހަށިގަނޑު ތެރޭގައި އުތުރިގަތް ހިތްދަތިކަމުގެ ސަބަބުން ދެލޮލުން ކަރުނަ ވެސް އަންނަން ފަށައިފިއެވެ.

އިޒިއަން ބުނި އެއްޗެއް ރަނގަޅަށް ފަހުމްނުވި އަނާލްއަށް ވިސްނުނީ މުޅިން ގޯސްކޮށެވެ. އޭނާ އިޒިއަން ހިފެއްޓި އަތް ފޮޅުވާލިއެވެ. އަދި އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އިޒިއަންއަށް އިސްޖަހާލެވުނެވެ. އަނާލްއަށް ވިސްނަދޭން ދުލު ކުރިއަށް ގެންނާނޭ ބަހެއް އެ ސިކުނޑިއަށް އެވަގުތަކު ނަޔެވެ.

ކޮޓަރިތެރެއަށް ވެރިވި ހަމަހިމޭންކަމުގެ ތެރެއަށް އަނާލްގެ ގިސްލުމުގެ އަޑު ފެތުރޭކަށް މާގިނަ އިރެއްނުނެގިއެވެ. އެ ވޭނީ ގިސްލުމުގެ އަޑު އިވި އިސްއުފުލާލި އިޒިއަން އަނާލްއަށް ގޮވާލިއެވެ. އޭރު އަނާލް އިނީ އެ ދެއަތުގެ ތެރޭގައި އޭނާގެ މޫނު ފޮރުވާލައިގެންނެވެ. އަނާލްއަށް ހިތްވަރުދޭން އެވަގުތު ކުރަންވީ ކީއްކަން އިޒިއަންއަކަށް ނޭނގުނެވެ. ބުނަންވީ ކީކޭކަމެއް ސިކުނޑިއަކަށްނަޔެވެ. އެހެނެއްކަމަކު އޭނާގެ މޭގައި އުފެދިގެން އައި ރިހުމުގެ ސަބަބުން ދެލޯ މަރާލެވުނެވެ.

އަނާލްގެ ހުއްދަ ހޯދާނުލާ ކުރެވުނު ކަމަކުން އަނާލްއަށް މިފަދަ ބަދަލެއް އަތުވެދާނެކަމަށް އެ ހިތަށް ތަސައްވަރު ކުރެވިފައި ނެތީއެވެ. އެހެންވުމާއެކު އިޒިއަން އަމިއްލަ ނަފްސަށް ވައުދެއްވިއެވެ. އަނާލްއާ ގުޅޭ ހުރިހާ ކަމެއް ވެސް މީގެ ފަހުން އޭނާ ނިންމާނީ އަނާލްގެ ހިޔާލް ހޯދުމަށް ފަހުއެވެ. އަނާލްގެ ކިބައިން މާފަށްއެދުމާއެކު އިޒިއަންއަށް އަނާލްގެ އުނގުގައި ބޯ އަޅާލެވުނެވެ. އަޑުވީއްލާ ނުރުއި ނަމަވެސް އެހިތުގައި ވެސް ވޭން އަޅަމުން ދިޔައެވެ. ތަކުރާރުކޮށް އިޒިއަން މާފަށްއެދުނެވެ. އޭނާގެ މަޤްސަދަކީ އަނާލް ދެރަކޮށް ރޮއްވުން ނޫންކަމަށް ބުނެ އެތަކެއް ގޮތަކަށް ވިސްނައިދިނެވެ. އަނާލްގެ ރުއިން ހުއްޓުނުއިރު އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ.

"އަހަރެން ގުޅާފަ ބުނެފާނަން ނާލް ބޭނުމެއްނުވެޔޭ!" އިޒިއަން ފޯން ނަގާ ނަންބަރަކަށް ގުޅާލަމުން ދުރަށް ޖެހިލިއެވެ. އިޒިއަންގެ އަޑުގައިވި ރިހުން އަނާލްއަށް ވެސް އަސަރުކުރުވީއެވެ. އޭނާ މަޑުމަޑުން އިޒިއަންއަށް ގޮވާލިއެވެ. އިޒިއަން ބަލާލުމާއެކު އޭނާ ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމަށެވެ. ދެންމެ އިޒިއަން އޭނާއަށް ވސްނަދޭން ދެއްކި ވާހަކަތަކުން ވިސްނުން ވަނީ ބަދަލުވެފައެވެ. އިޒިއަން ހިނިތުންވާން މަސައްކަތް ކުރީ ގަދަކަމުންނެވެ. އެކަން އަނާލްއަށް ވެސް އެނގުނެވެ. ވިސްނާނުލާ ހިތަށް އައި އެއްޗެއް އިޒިއަންއާ ދިމާލަށް ކިޔާލިއިރު އެހިތަށް ވެސް އަސަރު ކުރާނެކަން އަނާލްއަށް ނުވިސްނުނީއެވެ.

މީހުން ބުނެއުޅެއެވެ. ދުލުން ބަހެއްބުނުމުގެ ކުރިން އެ ބަހަކީ އޭނާގެ އަޅެކެވެ. އެހެންނަމަވެސް ބަހެއްބޭރުކުރުމަށްފަހު ބަހުގެ އަޅަކީ އޭނާއެވެ. އަނބުރާ ނުގެނެވޭނޭ އެބަހުގެ ސަބަބުން މީހެއްގެ ހިތުގައި އުމުރަށް ވެސް ނުފުހެލެވޭ ވަރުގެ ލަކުނެއް ލެވިދާނެއެވެ. އަނާލްބުނީ އިޒިއަންއަށް ޓަކާއަދިވެސް އޭނާ ފިޒިއޮތެރަޕީ ކުރިއަށް ގެންދާނޭ ކަމުގައެވެ. އިޒިއަން އޭނާ އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަމޭ ބުނަމުން އަނާލްގެ ނިތަށް ބޮސް ދިނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަނާލްއާ އިޒިއަންގެ ދިރިއުޅުމުގެ ނައުގެ ދަތުރު އޮމާނެއެވެ. އެކަކު އަނެކަކަށް އިތުބާރުކުރެއެވެ. ކަންކަން އެކަކު އަނެކަކާ ހިއްސާކުރަމުން ދިޔައެވެ. އެންމެފަހުން ތަނުގެ ކޮންސްޓްރަކްޝަންގެ މަސައްކަތްތައް އެއްކޮށް ނިންމާލެވިއްޖެއެވެ. އެހެންކަމުން އިޒިއަންއާއި އަނާލް ވެސް ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ މަސައްކަތުގައެވެ. ކައިވެނީގެ ފަހުން ވެސް ދެފަހަރަކު ޔުމާން ފެނުނެވެ. އެކަމަކު ތަންކޮޅެއް ދުރުންނެވެ. އެއިން ކޮންމެ ފަހަރަކު ވެސް ޔުމާންގެ ނަޒަރު ހުންނަނީ އިޒިއަންއާއި އަނާލްއަށް ހުއްޓިފައެވެ.

ދުވަހަކީ އަނާލް ގޮވައިގެން ފިޒިއޯ ނަގަންވެގެން އިޒިއަން ހޮސްޕިޓަލަށް ދިޔަދުވަހެކެވެ. ފިޒިއޯ ނަގައިގެން ގެއަށް ދާން ވެގެން ޑިޕާރޓްމެންޓުން ނުކުމެ ޖެހިގެން އޮތް ގޯޅިއަށް ލަނބާލަން އުޅުމުގެ ތެރޭގައި އައި އަންހެން ކުއްޖެއްގެ ގައިގައި އަނާލްގެ ގޮނޑި އަޅައިގަތެވެ.

"އާތް" އެ އަންހެންކުއްޖާގެ އަޑުއިވިފައި އިޒިއަން އާއި އަނާލް ބަލާލިއެވެ. ކުރިމަތީ ޔުމާންގެ އަތުގައި އަތް އަޅުވާލައިގެން ފަޔަށް ބަލަހައްޓައިގެންހުރި ޒަހްވާ ފެނި އަނާލްއަށް އިޒިއަންގެ އަތުގައި ހިފާލެވުނެވެ. އިޒިއަން ވެސް ކުރިމަތީ ތިބި ދެމީހުންނަށް ބަލާލުމާއެކު އަނާލްއަށް ބަލާލަމުން ބޯ ޖަހާލީ އެންމެ ރަނގަޅުވާނޭ ބުނަމުންނެވެ.

"ކޮންފަދަ މީހެއްތަ ނުބަލާ އައިސް ގަޔައް އަރަނީ، ބޮޑު އުނދަގުލެކޭ މިކަހަލަ މީހުންނާ ހެދި" ޒަހްވާ ވެސް އިސްއުފުލާލިއެވެ. އަނާލް ފެނިގެން އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އަނާލްއަށް ނިސްބަތްކޮށް ހުތުރު ބަހެއްވެސް ޒަހްވާ ބުނެލިއެވެ. އިޒިއަން ޒަހްވާއާ ދިމާލަށް ބަލާލީ އިންޒާރުގެ ބެލުމަކުންނެވެ. އެ ބެލުމުން ޒަހްވާވެސް ޖެހިލުންވިއެވެ. އެހެންނަމަވެސް އޭނާ އެކަމަށް ސަމާލުކަން ނުދީ ދެންވެސް އެއްޗެކޭ ބުނެލީ އިޒިއަންއާއި އަނާލްއާ ގުޅުވާފައެވެ. ޒަހްވާ ދެވަނަ ފަހަރަށްވެސް ބޭނުންކޮށްލި ހުތުރު ޖުމްލައިން އިޒިއަންގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ. ޔުމާން ވެސް ޒަހްވާއަށް ގޮވާލަމުން ހިމޭންވާން އެންގިއެވެ. އެހެންނަމަވެސް ޒަހްވާ ހުއްޓައެއްނުލިއެވެ.

"ހަބަރުދާރު! އިތުރަށް އެންމެ ބަހެއް ބުންޏަސް އަހަރެން ކަލޭމެން ދެމީހުން މިތަނުން ނެރޭނަން، ކަލޭއަށް އަހަރެންނާ އަނާލްއޭ ކިޔައިގެން ހުތުރުބަހުން ވާހަކަ ދެއްކޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ، ކަލެއަށް ނޭނގުނަސް އެއީ އަހަރެންގެ އަންހެނުން..." އިޒިއަން ދަތްކުނޑި ވިކާލައިގެންހުރެ ހާމަކޮށްލިއިރު ޔުމާންއަށް ސިހިފައި އަނާލްއަށް ބަލާލެވުނެވެ. ޤަބޫލް ނުކުރެވިފައިހުރި ގޮތަކަށެވެ.

"އެހެންވީމަ މަގޭ އަންހެނުންނާ ދިމާލަށް ތިފަދަ އެއްޗެއް ކިޔާ ކޮންމެ މީހަކާ ކުރިމަތިލާން މަށެއް ޖެހިލުމެއް ނުވޭ! ދެން ހުރީ ކަލޭ! ކަލޭ ނާލް ދޫކޮށްލާފަ ފިލިހެން މަށެއް ނުފިލާނަން" އެންމެފަހުން ކެތް ނުވުމުން ޔުމާންއާ ދިމާލަށް ވެސް އިޒިއަން ބަހުގެ ހަމަލާއެއް ދިނެވެ. ޔުމާން އެއްވެސް އެއްޗެއް ނުބުންޏެވެ.

ޒަހްވާ ގޮވައިގެން ޔުމާން ދާން އުޅުމުން ޒަހްވާ ދެކޮޅެއް ނުހެދިއެވެ. އޭނާ އަނާލްއަށް ބަލާލީ އަނާލް ރޮލާކާލަފާނޭ ފަދަ ގޮތަކަށެވެ.

އެދެމީހުން ދިޔުމާއެކު އިޒިއަން އަނާލްއަށް ބަލާލިއެވެ. އަނާލްގެ މޫނުމަތިން ފެނުނު އަސަރުތައް ކުރިއާ ތަފާތެވެ. ކުރީގައި އަނާލްގެ ލޮލުން ކަރުނަހިލުނު ނަމަވެސް މިފަހަރު އެ ދެލޮލުގައި ވަނީ އެހެން ޝުއޫރެކެވެ. އެކަމުން އިޒިއަންއަށް ވެސް ހިސާބެއްގެ ހިންހަމަ ޖެހުމެއް ލިބުނެވެ.

އެދުވަހު ދެމީހުން ދެން ދިޔައީ އަނާލްމެންގެ ގެއަށެވެ. ހަތަރުދަމު އަނާލްމެން ގޭގައި ހޭދަ ކުރުމަށްފަހު ދެމީހުން ގެއަށް ދާން ބޭރަށް ނުކުތްއިރު ވިއްސާރައެވެ. ވިއްސާރަ ރޭރޭ އަނާލް ގެއިން ބޭރަށް ނުކުމެނޫޅެއެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ގުގުރާލުމާއެކު ވިދުކަނި ޖަހަމުން ދިޔަތަން ފެނުނެވެ. ތޫފާން ވަރުގަދައެވެ. ވައިވެސް އެހާ ގަދައެވެ. ބޭރަށް ނުކުތުމާއެކު އަނާލްގެ އިސްތަށިގަނޑުގައި ވައި އެޅިލާފައި އިސްތަށިތައް އުދުއްސައިގަތެވެ. ހަށިގަނޑަށް ވެސް އާދަޔާހިލާފް ފިނިކަމެއް އިޙްސާސް ކުރެވެއެވެ. ދެއަތުން އޭނާ އިޒިއަންގެ އަތަށް ބާރުކޮށްލިއެވެ.

"ނޫން! ނުދާނަން، އަހަރެން ނުދާނަން... އިޒް..." އަނާލްއަށް ބުނެވުނެވެ. އިޒިއަންއަށް އަނާލްއަށް ބަލާލެވުނީ ހަމްދަރުދީ އެކުލެވިފައިވާ ބެލުމަކުންނެވެ. ވިއްސާރަ ރެރޭ އަނާލް ބިރުގަންނަކަން އިޒިއަންއަށް އެނގެއެވެ. އެހެންކަމުން އޭނާ ބަލަނީ އެފަދަ ރޭރޭ އަނާލް އެކަނި ނުކުރުމަށެވެ. ވަށައިގެންވީ މާހައުލަށް ބަލާލަމުން އޭނާ އަނާލްއަށް ނަޒަރު ހުއްޓާލިއެވެ.

އަނާލް ގެއަށް މި ވިއްސާރައިގައި ގެންދާކަށް އިޒިއަން ބޭނުމެއްނުވިއެވެ. ނަސީބަކުން މަޒާޔާ އާއި އައްމާރުވެސް އެގޭގައި މަޑުކުރުމަށް އެދުނެވެ. ތިރިން ކޮޓަރިއެއް ސަރާ ގާތު ބުނެގެން ތައްޔާރު ކޮށްލަދިނެވެ. އެހެންކަމުން ދެމީހުން ވެސް އެރޭ އެގޭގައި މަޑުކުރަން ނިންމިއެވެ. އިޒިއަން ވެސް އަކްނިޒާއަށް ގުޅާފައި އެވާހަކަ ބުނުމުން އަކްނިޒާ ވެސް ބޭނުންވީ އިޒިއަންމެން އެ ގެގޭގައި މަޑުކުރުމަށެވެ.

އަނެއްދުވަހު އިރު އެރިއިރުވެސް އޮތީ އުޑުމަތި ބަނަކޮށެވެ. އިރުއިރު ގަނޑުން ކެރަގަނޑެއް އަންނަ އިރު އެހާ ވައިބާރެވެ. ވިއްސާރަ މަޑުވި ވަގުތެއް ބަލާފައި އިޒިއަން ވެސް އަނާލް ގޮވައިގެން ގެއާ ދިމާލަށް ދާން މިސްރާބުޖެހިއެވެ.

އަނާލް ކުޑަކޮށް ހުން ވައްތަރުވެފައި ހުރުމުން އިޒިއަން އަނާލްގެ ހުންހުރިވަރު ބަލާލުމަށްފަހު އާއިލީ ޑޮކްޓަރަށް ގުޅައިގެން ގެނައެވެ. ޑޮކްޓަރު އެދުނީ ލޭގެ ޓެސްޓްތައް ވެސް ހެދުމަށެވެ. މި ދުވަސްކޮޅަކީ ޑެންގީ އަދި ޗިކުންގުންޔާ އާއި އިންފުލުއެންޒާ ފަދަ ނުރައްކާތެރި ބަލިތައް ހަލުވި މިނުގައި ފެތުރެމުންދާ ދުވަސްކޮޅަކަށް ވުމާއެކު އެންމެ ރައްކާތެރިވާނީ އެގޮތް ކަމުގައި ޑޮކްޓަރު ލަފާ ދިނެވެ.

ޑޮކްޓަރު ދަމުން ދިޔައި ދެތިން ބޭހެއް ވެސް ލިޔެދީފައެވެ. އިޒިއަން ބޭސް ނަގައިގެން ގެނެސް އަނާލްއަށް ބޭސްދީފައި ގޭން ނުކުތީ އޮފީހަށް ދާން ޖެހުމުންނެވެ. އޭރު އަނާލްއަށް އޮތީ ނިދިފައި ކަމުން އޭނާ ދިޔައީ އަކްނިޒާގާތު އަނާލްއަށް ބަލާލަން ބުނެފައެވެ. އަނާލް ހުންވައްތަރު ވެފައި ހުރުމުން ދާން ބޭނުންނުވެ ހުރެފައިވެސް ދާން މަޖުބޫރުވީ މިރޭ އޭނާ ސޮއިކޮށް ސްކޭން ކުރުމަށްފަހު ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށެވެ.

މެންދުރު ދިޔަގޮތަށް އިޒިއަން އޮފީހުގައި އުޅުނީ ނުހަނު ބުރަކޮށެވެ. އިރު އިއްސުނު އިރު އަނެއްކާ ވާރޭ ބޯ ކޮށްލައިފިއެވެ. މޫސުމް ލަފާ ކުރާ ގޮތުން ކުރިއަށް އޮތް ހަފްތާއަކީވެސް ރާއްޖެއަށް ބޯކޮށް ވިއްސާރަ ކުރާނޭ ދުވަސްތަކެކެވެ. ރާއްޖޭގެ ދެކުނުގައި އުފެދިގެން އުޅޭ ތޫފާނުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ކެނޑިނޭޅި ރޭޑިއޯއާއި ޓީވީތަކުން ގޮވަމުން ދިޔައެވެ. އިޒިއަން އަކްނިޒާއަށް ގުޅާލީ އަނާލްގެ ހަބަރެއް ބަލާލުމަށެވެ. އަނާލް އިނީ އަކްނިޒާ ގާތުގައިކަން އެނގުމުން ހަމަޖެހުމުގެ ނޭވާއެއްލަމުން އިޒިއަން އެދުނީ އަނާލް އަތަށް ފޯނު ދިނުމަށެވެ.

"ތަންކޮޅެއް ލަސްވެދާނެ އިނގޭ ނާލް، އަދިވެސް ފައިލްތައް އެއްކޮށް ނުނިމިގެން މިއުޅެނީ، ހީވަނީ މިރޭ ނުވައެއްގެ ފަހުންހެން ދެވޭ ވަރުވާނީ" އިޒިއަން އަނާލް ހަލޯއޭ ބުނުމާއެކު ލަސްނުކޮށް ވާހަކަ ދެއްކިއެވެ. އަދި އަނާލް ގާތު މަންމަމެންނާއެކު މިރޭ ކެއުމަށް ބުނުމަށްފަހު ފޯން ބޭއްވީ އޭނާ ލޯބިވާ ވާހަކަވެސް ފަހުފަހަރަށް ބުނެލާފައެވެ.

އިޒިއަންއަށް އޮފީހުން ނުކުމެވުނުއިރު ހުރީ ނުވަގަޑިބަޔަށްވުރެ ބޮޑުވެފައެވެ. ކާރަށްއަރާ ދުއްވާލަމުން އިޒިއަން ގަޑި ބަލާލިއެވެ. ދިހައެއް ޖަހަން ފަނަރަ މިނެޓަށް ވީއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާކަނދުރާގައި އެއް އަތް ހިންގާލިއެވެ. ވަރުބަލިވެފައި ހުރިވަރުން އޭނާގެ މޫނުމަތިންވެސް އެކަން ފާޅުވަމުން ދިޔައެވެ.

ވިއްސާރަ ބޯކަމުން ދުއްވާއެއްޗެހި އާދަޔާ ހިލާފަށް މަދުނަމަވެސް ކާރު ދުއްވުން ވީ އުނދަގޫ ކަމަކަށެވެ. މަގުތަކުގައިވަނީ ފެންބޮޑުވެފައެވެ. ގުގުރުމާއެކު ވެހެމުންދިޔަ ވާރޭއާއެކު ވެގެން އަންނަ ވިދުވަރުގެ އަލިން މުޅި ޖައްވަށް އަލިކަން ވެރިވެގެން ދަނީ ބިރުވެރި ގޮތަކަށެވެ. ހެދިފައިވާ ބޮޑު ފެންގަނޑުގެ ތެރޭގައި ދުއްވުންވީ ދަތި އުނދަގޫ ކަމަކަށެވެ. ވަކި ހިސާބުން ކާރު މަޑުކޮށްލަމުން އޭނާ ވަށައިގެން ބަލާލީ ވިއްސާރައިގެ އެއްވެސް އަލި މަގެއް ފެނޭތޯއެވެ.

އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި ކާރުގެ އެއްފަރާތަށް ވާ ގޮތަށް މަޑުކޮށްލައިގެން އިން ޒުވާނެއް އަޅައިގަތެވެ. ހެލްމެޓެއް އަޅާފައިވުމުން ކާކުކަން ވައްކެއް ނުވިއެވެ. އެހެންނަމަވެސް އެ ޒުވާނާ ހެލްމެޓް ނަގާ ދެކޮޅު ހޯދާލިތަން ފެނި އެއީ ކާކުކަން އިޒިއަން އަށް އެނގުނެވެ. އޭނާ އަށް ކުއްލި ޝޮކެއް ލިބުނެވެ. އެއީ ހަމަ އެޒުވާނާއެވެ. އަދިވެސް ސިފައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ދިގުކޮށްލާފައިވާ އިސްތަށިގަނޑާއެކު ކަންފަތުގައި ގައިވެސް ދެތިން ބޮޅު އަޅުވާލާފައިވެއެވެ. އަތުގައި ވެސް ފާޑު ފާޑުގެ އެއްޗެހި އަޅާފައި ހުއްޓެވެ. އެ ޒުވާނާ އިނީ އޭނާގެ ކާރުގެ އެއްފަރާތުގައި ކަމުން ވަރަށް ސާފުކޮށް އެމީހާ އިޒިއަންއަށް ފެނުނެވެ. ކާރުގައި ޖަހާފައިވަނީ ކަޅު ބިއްލޫރިކަމުން އޭނާއަށް އިޒިއަން ފެނުންވާނީ ނާދިރުކަމަކަށެވެ.

ކޮންމެއަކަސް އެޒުވާނާ ފެނުމުން އިޒިއަންއަށް ވެސް މީގެ ކުރީގެ ހަނދާންތައް އާވެގެން ދިޔައެވެ. އަންނަމުން ދިޔަ ހިޔާލާއެކު އޭނާގެ މިސްރާބު އޮޅި އާރޓްފިޝަލް ބީޗާ ދިމާ ބޭރުމަގަށް ކާރު އަނބުރާލެވުނެވެ. އޭރުވެސް ސިކުނޑީގައި މާޒީގެ އެކި މަންޒަރުތައް ކޮށްޓަމުން ދިޔައެވެ. ވަކި ހިސާބަކުން އޭނައަށް ކާރުގެ ދުވެލި މަޑުކޮށްލެވުނެވެ. ވަށައިގެން އެ ހިސާބަށް ބަލާލުމާއެކު އޭނާގެ ހިތަށް ބިރުވެރިކަމެއްވަނެވެ. ކާރު ކުރިއަށް ދުއްވާލާ އޭނާ ކުރިންދުވަހަކުވެސް އައިސް މަޑުކޮށްލި ހިސާބުގައި ކާރު ޕާރކްކޮށްލިއެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ތެރެއިން އޭނާގެ ނަޒަރު ހުއްޓުނީ އެއްފަރާތުގައި ހުރި ބޮޑު އިމާރާތަށެވެ. މީހާގެ ނޭވާ އަވަސްވެގެން ދިޔައެވެ. އެ ތަނުން އޭނާ އަށް ސިފަވީ މީގެ އަހަރުތަކެއް ކުރީގެ މާޒީއެކެވެ.

*****ފަސް އަހަރު ކުރި*****

ވައިދަގައެވެ. ވިއްސާރައެވެ. ބޮޑުތިކި ވާރޭތިކިތައް އެއްވެސް ރަޙްމެތް ނެތް ގޮތުގައި ގޭބިސީތަކާ މަގުމަތީގައި ވީހާއެއްޗަކަށް ހަމަލާ ދެމުން ދިޔައެވެ. މަގުތަކުގައި ހެދިފައިވާ ފެންގަނޑު ބޮޑެވެ. ވިދުވަރުގެ އައްޔާއެކު ޖަހާލާ ބާރު ގުގުރީގެ ސަބަބުން ކަންފަތުގައި އަތް އަޅާލަން ޖެހޭ ފަހަރު މަދެއްނޫނެވެ. ފަޒާގައި ހިފާފައިވަނީ އާދަޔާ ހިލާފް ތެތް ފިނިކަމެކެވެ. ތޫފާނުގެ ސަބަބުން މާލޭގެ މަގުތައް ވެސް ވަނީ ހަމަހިމޭންވެފައެވެ. ހާލަކުން ފަހަރަކު ނޫނީ ދުއްވާއެއްޗެއް މަގުމައްޗަކުން ނުފެނެއެވެ. ރޭޑިއޯ އިންނާއި ޓީވީ ތަކުން ކެނޑިނޭޅި ބޭރަށް ނުނިކުތުމަށް އިލްތިމާސްކުރަމުން ދިޔައެވެ. ހަވީރު ހަތަރެއްގެ ފަހުން އަވަސް ހަބަރުގެ ގޮތުގައި ޓީވީ ތަކުންވެސް މާލެއާއި ރަށްރަށުގައި ފެންބޮޑުވެގެން އުޅޭ ހަބަރު ގެނެސްދެމުން ދިޔައެވެ. ކަމެއް ދިމާވެދާނެކަމަށް ސަލާމަތީ ބާރުތަކުން ތިބީ ހުޝިއާރުވެއެވެ.

ހަދަންފަށާފައިވާ އިމާރާތެކެވެ. ދިހަ ބުރިއަށް ނަގާފައިވާއިރު ހަމައެކަނި އެތަނުގައި ކުރެވިފައިވަނީ ސިމެންތީގެ މަސައްކަތް އެކަންޏެވެ. އިމާރާތަކީ ބޮޑު އިމާރާތަކެވެ. މަގުމައްޗާވީ ފަރާތުގައި ދަލާއި ޓިނު ޖަހާފައި ވާއިރު އެތެރެ ވަނީ ފޮރުވިފައެވެ.

މިތޫފާނީ ރޭ އެއްވެސް ބިރުވެރިކަމެއްނެތި މަސްތުގެ ދުނިޔޭގައި ޢާފިލްވެގެން ތިބި ޒުވާން އުމުރުފުރައިގެ ކުދިންނަށް ތޫފާނުގެ ހިލަމެއް ވީހެނެއް ހިޔެއްނުވެއެވެ. ތަފާތު ވައްތަރުގެ ބިއްލޫރި ފުޅިތައް ވަނީ މުޅިތަނަށް އުކާލެވިފައެވެ. ރަލާއި މަސްތުވާތަކެތީގެ ވަހުން މުޅި ތަން ވަނީ ތަޣައްޔަރު ވެފައެވެ. ތަންތަނުގައި ބިތްޖެހިގެން ތިބި އެކި އުމުރުފުރައިގެ ޒުވާނުން ދުން ބުރުވަމުން ދިޔައީ ދުނިޔޭގެ ވަގުތީ އުފާ ހާސިލް ކުރާފަދައަކުންނެވެ. އެއްވެސް ބިރުވެރިކަމެއް ހިޔާލެއް ފިކުރެއްނެތެވެ. ސިގިރޭޓާ މަސްތުވާ ތަކެތީގެ ދުނިޔޭގައި ގެއްލި ހުސްވެފައި ތިބެ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކަށް އަރައިގަންނަމުން އެދަނީ އާޚިރަތް ހަނދާން ނައްތާލާފައިވާ ފަދައަކުންނެވެ. ބައެއްފަހަރު ޖަހާލާ ހިނިގަނޑު ވާރޭގެ އަޑާ އެކުވެގެން ދަނީއެވެ. ކުރެވެމުން ދިޔަ ފާފައިގެ ޒައްރެއްގެ މިންވަރުވެސް އިޙްސާސް ނުވާފަދައެވެ.

(ނުނިމޭ...)

http://sun.mv/115060

comment ކޮމެންޓް