ރަސްގެފާނު ދެކޮޅު ހެއްދެވުމުން، ތައި ޕްރިންސެސްގެ ކެމްޕެއިން ހުއްޓުމަކަށް

ތައިލޭންޑުގެ ޕްރިންސެސް އުބޮންރާތުނާ މަހިދޮންގެ ކެމްޕެއިން ވަނީ ހުއްޓާލާފަ -- ފޮޓޯ: ރޮއިޓާސް

ބޭންކޮކް (ފެބްރުއަރީ 9): ތައިލޭންޑުގެ ޕްރިންސެސް އުބޮންރާތުނާ މަހިދޮން ބޮޑުވަޒީރުކަމަށް ވާދަ ކުރެއްވުމަށް ކޮއްކޯފުޅު އަދި އެގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން ދެކޮޅު ހެއްދެވުމުން އެކަމަނާގެ ކެމްޕެއިން ހުއްޓާލަން ނިންމައިފިއެވެ.

ޕްރިންސެސް އުބޮންރާތުނާ ބޮޑުވަޒީރުކަމަށް ވާދަ ކުރުމަށް ނޮމިނޭޓު ކުރީ ތައި ރަކްސާ ޗާޓް ޕާޓީންނެވެ. އަދި އެކަމަނާގެ ކެންޑިޑެސީއަށް ރަސްގެފާނު މަހާ ވަޖިރަލޮންކޯން ދެކޮޅު ހައްދަވައި ބަޔާނެއް ނެރުއްވުމުން އެ ޕާޓީން ވަނީ ރަސްގެފާނުގެ އަމުރަށް ބޯލަނބާނެކަމަށް ބުނެފައެވެ.

އަދި އެ ޕާޓީން ދެން އަމަލުކުރާނެ ގޮތެއް ނިންމަންދެން ޕްރިންސެސް އުބޮންރާތުނާއަށް ކެމްޕެއިން ކުރުން ހުއްޓާލާނެ ކަމަށް ބުންޏެވެ.

ތައިލޭންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާއަށް ތާއިދު ކުރާ ފަރާތްތަކުން އުފައްދާފައިވާ ރަކްސާ ޗާޓް ޕާޓީން ބޮޑުވަޒީރު ކަމަށް ވާދަކުރައްވާނީ ޕްރިންސެސް އުބޮންރާތުނާކަން އިއުލާން ކުރީ އިއްޔެއެވެ. އެއީ އެގައުމުގެ ތާރީހުގައި ޝާހީ އާއިލާގެ މެމްބަރަކު ސިޔާސީ ދާއިރާއަށް ވަދެވަޑައިގެން އެފަދަ މަގާމަކަށް ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

ނަމަވެސް ރޭ ރަސްގެފާނު ވަޖިރަލޮންކޯން ވަނީ ޝާހީ އާއިލާގެ މެމްބަރަކު ބޮޑުވަޒީރުކަމަށް ވާދަ ކުރެއްވުމަކީ ތައިލޭންޑުގެ "އާދަކާދަ އާއި ސަގަފަތާއި ގާނޫނު އަސާސީއާވެސް ހިލާފު ކަމެއް"ކަމަށް ވިދާޅުވެފައެވެ.

ރަސްގެފާނުގެ ބަޔާނާ ބެހޭ ގޮތުން ޕްރިންސެސް އުބޮންރާތުނާ އަދި ވަކި އެއްޗެކޭ ވިދާޅުނުވެ އެވެ. ނަމަވެސް މިއަދު ހެނދުނު އިންސްޓަގްރާމް މެދުވެރިކޮށް އެކަމަނާ ވަނީ އެކަމަނާއަށް ތާއިދުކުރާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި އެކަމަނާ ބޭނުން ވަނީ ތައިލޭންޑުގެ ކުރިއެރުން ކަމަށް ވިދާޅުވެފަ އެވެ.

ޕްރިންސެސް އުބޮންރާތުނާ ވަނީ 1972 ވަނަ އަހަރު އެމެރިކާ މީހަކާ ކައިވެނި ބައްލަވައިގެންނެވި އިރު ޝާހީ ހައިސިއްޔަތު ދޫކޮށްލައްވައިފައެވެ. އެހެންކަމުން އިއްޔެ އެކަމަނާ ވަނީ އާއްމު ރައްޔިތެއްގެ ގޮތުގައި ބޮޑުވަޒީރުކަމަށް ވާދަކުރުމަކީ އެކަމަނާއަށް ލިބިފައިވާ މަދަނީ ހައްގެއްކަމަށްވެސް ވިދާޅުވެފައެވެ.

ނަމަވެސް ރަސްގެފާނު ވަޖިރަލޮންކޯންގެ ބަޔާނުގައި ވިދާޅުވީ އެކަމަނާއަކީ އަދިވެސް ޝާހީ އާއިލާގެ މެމްބަރެއް ކަމަށެވެ.

ޕްރިންސެސް އުބޮންރާތުނާގެ އިތުރުން ތައިލޭންޑުގެ ބޮޑުވަޒީރު ޕްރަޔުތު ޗަންއޮޗާ ވެސް ވަނީ ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ބޮޑުވަޒީރު ޕްރަޔުތު ވެރިކަމަށް ވަޑައިގެންނެވީ 2014ވަނަ އަހަރު އަސްކަރީ ބަޣާވާތެއްގައި ޔިންގްލަކް ޝިނަވަތުރާގެ ވެރިކަން ވައްޓާލެއްވުމަށް ފަހުގައެވެ.

އަދި އިއްޔެ ގިނަ ބަޔަކު ވަނީ އަންނަ މާޗް 24ގައި ބާއްވާ އާއްމު އިންތިހާބުގައި ބޮޑުވަޒީރު ޕްރަޔުތުއާ އެންމެ ގާތުން ވާދަ ކުރައްވާނީ ޕްރިންސެސް އުބޮންރާތުނާ ކަމަށް ލަފާކޮށްފައެވެ.

comment ކޮމެންޓް