ހިސްޓޯ، ނާއިފު އަދި މުއާޒު ޕްރައިމަރީން ނާކާމިޔާބު ވެއްޖެ

ނާއިފް(ކ)، ހިސްޓޯ(މ) އަދި މުއާޒު ހަލީމް ވަނީ ޕްރައިމަރީން ނާކާމިޔާބު ވެފައި --

ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝީފާގު މުފީދު (ހިސްޓޯ) އާއި ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތް އަދި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު މުއާޒު ހަލީމް "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ އިން ނާކާމިޔާބުވެވަޑައިގެންފި އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ވަނީ އެ ކޯލިޝަންގެ ހަ ދާއިރާގެ މަޖިލިސް ޕްރައިމަރީ ބާއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވަައްމުލަކު މެދު ދާއިރާގެ މެމްބަރުކަން ކުރެއްވި ހިސްޓޯ، ޕްރައިމަރީގައި ވާދަ ކުރެއްވީ، އަލިފުށި ދާއިރާ އަށެވެ. އެ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ އޭނާއާ އެންމެ ކާއިރިން ވާދަ ކުރެއްވި، ދަފްތަރު ނަންބަރު 3840، އަހްމަދު ހުސައިނެވެ. ހިސްޓޯ އަށް އަލިފުށި ދާއިރާގެ ތިން ފޮށިން 148 ވޯޓު ލިބިވަޑައިގަތްއިރު، އަހްމަދު ހުސައިނަށް ލިބިވަޑައިގަތީ 195 ވޯޓެވެ.

އޭގެ އިތުރުން އަލިފުށި ދާއިރާއަށް ވާދަ ކުރެއްވި ދަފްތަރު ނަންބަރު 9456، އާމިނަތު މަދީހާ އަށް 86 ވޯޓު ލިބިވަޑައިގަތްއިރު، ހާޝިމް މުހައްމަދު (ގިސްމަތު) އަށް ލިބިވަޑައިގަތީ، 63 ވޯޓެވެ.

ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީގައި މީހަކު ވޯޓު ލަނީ: ދެ ޕާޓީ ގުޅިގެން މިއަދު ވަނީ ހަ ދާއިރާއެއްގެ ޕްރައިމަރީ ވަނީ ބާއްވާފައި -- ސަން ފޮޓޯ

ހިސްޓޯގެ އިތުރުން ނާއިފު ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތީ، ތުލުސްދޫ ދާއިރާ އިންނެވެ. ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރެއްވި ނާއިފް ޕްރައިމަރީން ނާކާމިޔާވެވަޑައިގަތީ އެ ދާއިރާއިން އޭނާއާ އެންމެ ކާއިރިން ވާދަ ކުރެއްވި، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގު އާ ވާދަކޮށެވެ. ސިއްދީގު ތުލުސްދޫ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ، 203 ވޯޓުންނެވެ. ނާއިފު އަށް ލިބިވަޑައިގަތީ، 136 ވޯޓެވެ.

އޭގެ އިތުރުން ތުލުސްދޫ ދާއިރާ އަށް ވާދަ ކުރެއްވި، އާދަމް އިޔާޒް، މއ.ރެފްލީޝިއާ، އަށް 78 ވޯޓު ލިބުނު އިރު، ފާތުމަތު ޝަމްނާޒް އަލީ ސަލީމަށް ލިބިވަޑައިގަތީ، ދެ ވޯޓެވެ.

ޔޫތު މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު މުއާޒް ހަލީމް ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތީ، ކިނބިދޫ ދާއިރާ އިންނެވެ. މުއާޒަށް އެ ދާއިރާގެ ހަ ފޮށިން ލިބިވަޑައިގަތީ، 57 ވޯޓެވެ. ކިނބިދޫ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ، 177 ވޯޓު ލިބިވަޑައިގެންނެވި، ތ. ކަނޑޫދޫ، ހުވަނދުމާގެ އަހްމަދު ހަލީލެވެ.

ކިނބިދޫ ދާއިރާ އަށް ދެން ވާދަ ކުރެއްވި، ތ. ވޭމަންޑޫ، ވެށޮދޮށުގޭ އަބްދުﷲ އަބްދުލްފައްތާހަށް 123 ވޯޓު ލިބިވަޑައިގެންނެވި އިރު، ތ. ކިނބިދޫ ނަަރުގިސްވިލާ އަހްމަދު ރަޝީދަށް ލިބިވަޑައިގަތީ 111 ވޯޓެވެ.

ޕީޕީއެމް-ޕީއެންސީ ޕްރައިމަރީ މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މިއަދު ޕްރޮގްރެސިވް ކޮންގެރެސް ކޯލިޝަން ޕްރައިމަރީ ބޭއްވި އިތުރު ތިން ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި ބޭފުޅުން:

  • މަކުނުދޫ ދާއިރާ - ޔަޝްފާ އަބްދުލްޣަނީ، ރޯޒަރީ، ހދ. މަކުނުދޫ
  • ފެލިދޫ ދާއިރާ - އެމްޑަބްލިއުއެސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު
  • މުލަކު ދާއިރާ - މަރިޔަމް ޖުހައިނާ ސާދިގް، ހ. ޝޭޑިޔާޑް

މިއަދު ޓިކެޓް ކާމިޔާބު ކުރެއްވި ހަ ބޭފުޅުންނާއެކު ޕްރިގްރެސިވް ކޮންގްރެސް ކޯލިޝަން މަޖިލިސް އިންތިހާބުގައި ވާދަކުރާ 69 ދާއިރާގެ ބޭފުޅުން ޔަގީން ވީއެވެ.

އަންނަ އެޕްރީލް ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލި މުއްދަތު ހަމަވާނީ މިމަހުގެ 21 ވަނަ ދުވަހަށެވެ.

comment ކޮމެންޓް