ޓޫރިޒަމް މިނިސްޓަރު ތިލަތުންމަތީގައި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ހދ. ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދު ބައްލަވާލައްވަނީ --- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

އުތުރުގެ ރަށްރަށުގައި ޓޫރިޒަމް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ބަލައި، އަދި ޓޫރިޒަމް ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު ތިލަދުންމައްޗަށް ވަޑައިގެންފިއެވެ.

މިނިސްޓަރު އުތުރަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ފުރަތަމަ ވަޑައިގަތީ ހދ. ހަނިމާދޫއަށެވެ. މިނިސްޓަރު އަލީ ވަހީދު ވަނީ ހަނިމާދޫ ކައުންސިލުގެ މެމްބަރުންނާއި އެހެނިހެން ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރު އަލީ މިއަދު ވަނީ ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށުގެ ކައުންސިލަރުންނާއި ބައެއް އެހެނިހެން ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓު އަޅާ ސަރަހައްދާއި، އެރަށުގެ ހޮސްޕިޓަލުވެސް ބައްލަވައިލެއްވިއެވެ.

ހދ. އަތޮޅަކީ ފަތުރުވެރިކަން އެންމެ މަދު އެއް އަތޮޅެވެ. އެ އަތޮޅުގައި އޮންނަނީ އެންމެ ރިސޯޓެކެވެ. އެއީ މިދިޔަ އަހަރުގެ ތެރޭ އެ އަތޮޅު ހޮނޑާފުށީގައި ހުޅުވި ހޮނޑާފުށި އައިލެންޑް ރިސޯޓެވެ. އަދި އެންމެ އުތުރުން އޮންނަ ހއ. އަތޮޅަކީވެސް ރިސޯޓު މަދު އަތޮޅެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު އަލީ ހއ. ދިއްދޫ އަދި އެ އަތޮޅު ކެލާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރުގެ ދަތުރުފުޅު ނިންމާލައި، އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

comment ކޮމެންޓް