ޓެބްލެޓް ކޮންޕިޔުޓަރުގެ ވިދުވަރު

ކަލާފާނު ސްކޫލުގެ ދަރިވަރުން ޓެބްލެޓް ބޭނުންކުރަނީ-- ފޮޓޯ: ކަލާފާނު ސްކޫލު

ދުވަހަކީ 2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހެވެ. އާދައިގެ މަތީން، އެ ދުވަހުގެ ވަގުތެއްގައި ނޫސްތައް ބަލައިލުމުން ލޮލުގައި އަޅައިގަތް ޚަބަރެއްގައި އޮތީ ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ފޮތުގެ ބަދަލުގައި ހުރިހާ ކުދީންނަށް ޓެބްލެޓް ކޮންޕިޔުޓަރު ދޭ ވާހަކައެވެ. ދެހާސް އަށާރަ އަށް މިނިސްޓަރ އޮފް ފިނޭންސް ހުށައެޅުއްވި ބަޖެޓުގައި، ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ހޯދައިދޭން ހިމަނުއްވައިފައި އޮތް ވާހަކައެވެ. ސަރުކާރުގެ ބަހުގައި އެއީ "ސްކޫލް ޑިޖިޓަލައިޒޭޝަން"ގެ މުހިއްމު މަޝްރޫއެކެވެ. ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ކުރުމަށް ޓަކައި ގެނެވުނު އިންގިލާބީ ބަދަލެކެވެ. ބަރު ފޮތްދަބަހުގެ ބުރައިން ކުދީން ސަލާމަތް ކުރުމުގެ މުހިއްމު ފިޔަވަޅެކެވެ. ކިޔަވައިދިނުމާއި، ހޯމްވޯކު ހެދުމާއި، ކުދީންގެ ފެންވަރު ބެލުން ފަދަ ކަންކަން ޒަމާނީ ކުރެވޭ ކުރެވުމެކެވެ. ޓެކްސްޓް ފޮތް ޗާޕު ކުރުމުގެ ޚަރަދު ބަޖެޓުން އުނި ކުރެވި، ބަޖެޓަށް ވެސް ލުޔެއް ލިއްބައިދޭނެ ކަމެކެވެ.

ޚަބަރު ފެނުނު ވަގުތު އަޅުގަނޑު އިނީ ރައްޓެއްސަކާ އެކު ކޮފީއެއްގައެވެ. ދެތިން ނޫހަކަށް ވަދެ ބަލައިލުމުން، ހުރިހާ ނޫހެއްގައި ވެސް އެ ވާހަކަ އެއް ގޮތަކަށް ލިޔެފައި އޮތެވެ. އެކުވެރިޔާގެ ގާތުގައި ބުނީމެވެ. "އިބްތިދާއީ އަދި ސާނަވީ ގުރޭޑުތަކުގައި ކިޔަވާ ކުޑަކުދީންނަށް ޓެބްލެޓް ދިނުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ކަމަށް ފެނޭ ހެއްޔެވެ؟ އަހަރެންގެ ނަޒަރުގައި، އެއީ ވަރަށް ބޮޑު ގޯހެކެވެ. ކުދީން ކިޔަވާން ގެންގުޅޭން ވާނީ ހަމަ ފޮތެވެ. ލިޔާން ވާނީ ހަމަ ގަލަން ބޭނުން ކޮށްގެންނެވެ. ކޮންޕިޔުޓަރުން ފޮތް ކިޔުމާއި، ކޮންޕިޔުޓަރުން ޓައިޕު ކޮށްގެން ލިޔުމުގެ އާދައިގެ ތެރެއިން އަތުލިޔުމުގެ ހުނަރު ކުދީންގެ ކިބައިން ވަކި ކޮށްލުން ފަދަ ކަންކަމަކީ އަހަރެމެންނަށް ނުވިސްނައި ތިބެ ހެދޭ ބޮޑެތި ގޯސްތަކެވެ."

ރަހުމަތްތެރިޔާ ޗޮކެއް ކަނޑައިލައިފައި އަޅުގަނޑާ ދިމާޔަށް ބުންޏެވެ. "ތިޔައީ ދެން މާ ކުރީ ޒަމާނުގެ ވިސްނުމެއް ނޫން ހެއްޔެވެ؟ މިއީ އެކާވީސް ވަނަ ގަރުނެވެ. ދުނިޔެ ކުރިއަރައިގެން ދާ ވަރަކަށް، އަހަރެމެން ވެސް ކުރިއަރައި ތަރައްގީ ވާން ވާނެއެވެ. މި ޒަމާނުގައި ފޮތާއި ގަލަމަކީ ބޭނުން ކުރާ އެއްޗެއްސެއް ނޫނެވެ. މިއީ ޓެބްލެޓާއި ސްމާޓްފޯނުގެ ދުވަސްވަރެވެ. ޓެކްނޮލޮޖީއާ ރައްޓެހި މުޖުތަމައެއްގެ ގޮތުގައި މުޖުތަމައު ތަރައްގީ ވާން ޖެހޭނެއެވެ. އަނެއްކާ ތިޔަ ފޮތްތަކަކީ ތިމާވެއްޓަށް ހާދަ ބޮޑު ގެއްލުންތަކެއް ދޭ އެއްޗެކެވެ. ކަރުދާސް އުފެއްދުމަށް ޓަކައި އަހަރަކު ކިތައް މިލިއަން ގަސް ކަނޑައިލެވޭކަން އެނގޭ ހެއްޔެވެ؟ މީގެ އިތުރުން، ބަރު ފޮތްތައް ދަބަހަށް އަޅައިގެން އުޅުމުން، ކުދީންގެ ބުރަކަށި ހަލާކު ވެއެވެ."

އަޅުގަނޑު ބުނީމެވެ. "ޓެކްނޮލޮޖީއާ ރައްޓެހި މުޖުތަމައެއް ބިނާ ކުރުމަކީ ކުރާ ހުރިހާ ކަމެއް ޓެބްލެޓާއި ސްމާޓް ފޯނުން ކުރުން ކަމަށް ބަލާކަށް ނުވާނެއެވެ. ކަރުދާސް އުފެއްދުމަށް ޓަކައި ގަސް ކަނޑާ ވާހަކަ ދައްކާ އިރު، ޓެބްލެޓާއި ސްމާޓް ފޯނު އުފެއްދުމަށް ކުރާ މަސައްކަތާއި ބޭނުން ކުރާ ތަކެތީގެ ތެރެއިން ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުލިބެނީ ހެއްޔެވެ؟ ބަރު ފޮތް ދަބަސް އުފުލާން ކުދީންނަށް ނުޖެހޭ ގޮތް ހެދުމަށް ޓަކައި، ޓެބްލެޓް ނޫން އެހެން އެއްވެސް ހައްލެއް ހަމަ ނެތީ ހެއްޔެވެ؟"

އެކުވެރިޔާ އަނެއްކާވެސް ކުރީ ފަހަރަށް ވުރެ ބޮޑު ޗޮކެއް ކަނޑައިލައިފައި ބުންޏެވެ. "ތިޔަ ގެންގުޅެނީ މާ ބޯދާ ވިސްނުމެކެވެ."

އަޅުގަނޑުގެ ހިތަށް އެރިއެވެ. ދެން މި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އަޅައިނުލާނީއެވެ. މިހެން ހިތަށް އަރައިފައި، އިތުރަކަށް އެ ދުވަހަކު އެ ވާހަކައެއް ނުދައްކަމެވެ. އޭގެ ފަހުން، ސަރުކާރުން މަދަރުސާތަކަށް ޓެބްލެޓް ބެހުމުގެ އެތައް މަސައްކަތެއް ކޮށްފިއެވެ. ދޭތެރެއަކުން، މިވަނި މަދަރުސާއެއްގެ ހުރިހާ ޓީޗަރުންނަށް ޓެބްލެޓް ދީފިޔޭ، އެވަނި މަދަރުސާއެއްގެ މުއައްޒަފުންނަށް ޓެބްލެޓާ ބެހޭ ޚާއްސަ ތަމްރީނުތަކެއް ހިންގައިފިޔޭ، މިތައް މަދަރުސާގެ އެވަނިމިވަނި ގުރޭޑުތަކުގެ ނުވަތަ ކިލާސްތަކުގެ ކުދީންނަށް ޓެބްލެޓް ދީފިޔޭ، މި ކަހަލަ ސުރުޚީތައް ފެނެއެވެ. އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅުގަނޑުގެ ދަރިފުޅު މަދަރުސާޔަށް ވައްދައިގެން، އެ ބުނާ ޓެބްލެޓެއް ދަރިފުޅަށް ދޭން އަންގާ ނުވަތަ ކިޔެވުމުގައި ފޮތުގެ ބަދަލުގައި އެ ޓެބްލެޓެއް ބޭނުން ކުރާން އަންގާ ދުވަސް ދާނީ ކިހައި ވަރަކުން ބާވައެވެ. މި ދަންނަވަނީ ހަމަ ފިސާރި ތެދެކެވެ. އަޅުގަނޑު ބަނދެފައި ބާއްވައިގެން މެނުވީ، އަޅުގަނޑުގެ ދަރިފުޅަށް ފޮތުގެ ބަދަލުގައި ޓެބްލެޓް ބޭނުން ކުރާކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އަޅުގަނޑުގެ ދަރިފުޅަކީ ވެސް ޒަމާނީ ޓެކްނޮލޮޖީއާ އަހުލުވެރި، އެ ޓެކްނޮލޮޖީގެ މަންފާ ހެޔޮގޮތުގައި ބޭނުން ކުރާ ކުއްޖަކަށް މާތްރަސްކަލާނގެ ރުއްސެވިއްޔާ ހަދާނަމެވެ. ނަމަވެސް އިރާދަފުޅާ އެކު، ފޮތާއި ގަލަން އެއްލައިލާކަށް އަޅުގަނޑު ދަރިފުޅަކަށް ހުއްދައެއް ނުދޭނަމެވެ. އެހެން މީހަކު ދަރިފުޅު ލައްވައި އެކަން ކުރިޔަކަވެސް ނުދޭނަމެވެ.

ދުވަސްތަކެއް ފަހުން، އަނެއްކާވެސް ނޫހަކުން ސުރުޚީއެއް ފެނިއްޖެއެވެ. މި ފަހަރު 05 ފެބުރުވަރީ 2019 ގެ ސުރުޚީއެކެވެ. ސުރުޚީގައި އޮތީ "ޓީޗަރެއްގެ އިހުމާލުން ހުތުރު މަންޒަރުތަކެއް ކަލާފާނުގެ ދަރިވަރަކަށް ފެނުނު މައްސަލައެއް ފެންމަތި ވެއްޖެ" ކަމުގައެވެ. ޚަބަރުގައި އޮތީ ޖިންސީ އަމަލުތައް ފެންނަ ބަދުއަޚްލާގީ އަދި ހުތުރު މަންޒަރުތަކެއް، މަދަރުސާގެ ކިލާހެއްގެ ވަގުތު ޓެބްލެޓު ބޭނުން ކުރުމުގެ ތެރޭގައި ކުއްޖަކަށް ފެނުނު ކަމުގައެވެ. އެކަން ހިނގީ ޓީޗަރުގެ އިހުމާލުންނޭ ބުނެފައި އޮތް ނަމަވެސް، ޚަބަރުން އަޅުގަނޑަށް ދޭހަ ވީ އެއީ ޓީޗަރުގެ އެއްވެސް ނުބައި ނިޔަތެއް ނުވަތަ ގޯސް ވިސްނުމެއް ނެތި ހިނގައިފައި އޮތް ކަމެއް ކަމުގައެވެ. އެ ކަމަކީ ޓެބްލެޓުން އިންޓަނެޓަށް ވަންނަ އިރު، ނޭދެވޭ އެއްޗެހި ކުދީންނަށް ނުފެންނަ ގޮތް ހެދުމަށް ޓަކައި ބްރައުޒާގައި ހުންނަ ސަލާމަތީ ކަންތައްތަކެއް ރަނގަޅަށް މަސައްކަތް ނުކުރުމުގެ ގޮތުން ދިމާވި ކަމެއްކަން ވެސް ޚަބަރުން އެނގެއެވެ.

ފުރަތަމަ ކަމަކަށް، އެއްކަލަ ޓީޗަރު ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި ތާށި ވީއެވެ. ކުދީންނާ ޓީޗަރާ އޮންނާން ޖެހޭ ގާތް ގުޅުމުގައި ކުނިތަކެއް ޖެހުނީއެވެ. މަދަރުސާގެ މަސައްކަތު މާހައުލުގައި އެ ޓީޗަރާ މެދު ގޯސް ވާހަކަތަކެއް ދެކެވި، އުނދަގޫތަކެއް ތަހައްމަލު ކުރާން ޖެހުނީއެވެ. ބެލެނިވެރީންގެ އިތުބާރު އެ ޓީޗަރަށް ކޮންމެވެސް ވަރަކަށް ނަމަވެސް ގެއްލޭ ގޮތް ވީއެވެ. އެކަން ހައްލު ކުރުމަށް ޓަކައި އެތައް ބައްދަލުވުންތަކެއް ބާއްވައި، އެތައް ބަޔަކުގެ އަގުހުރި ވަގުތުތައް ހޭދަ ކޮށް، އެތައް މަޝްވަރާތަކެއް ކުރާން ޖެހުނީއެވެ. ފަހަރުގައި ވާ ގޮތުން، އެއްކަލަ ޓީޗަރު ފުލުހަށް ވެސް ހާޒިރު ކުރެވޭނެއެވެ. ފުލުހުންގެ ތަހުގީގެއް ހިންގާ ތަން ވެސް އަތުވެދާނެއެވެ. އޭނާގެ މައްޗަށް ދައުވާއެއް ވެސް އުފުލިދާނެއެވެ. ކޯޓު މައްސަލައެއް ވެސް އުފަން ވެދާނެއެވެ. މި ހުރިހާ ކަމެއް މި ހިނގަނީ، ޓީޗަރެއްގެ ސަބަބުން ކުއްޖަކަށް ޖިންސީ އަމަލުތައް ހިމެނޭ ހުތުރު މަންޒަރުތަކެއް ފެނިގެންނެވެ. ކުޑަ ކަމެއް ނޫނެވެ.

ދެވަނަ ކަމަކަށް، އެއްކަލަ ޓެބްލެޓުގެ ސަބަބުން ކިތައް ކުދީންނަށް އެ ބާވަތުގެ މަންޒަރުތައް ފެންނާނެ ބާވައެވެ! "ޕޭރެންޓަލް ލޮކް" އެއްގެ ވާހަކަ ދެއްކިދާނެއެވެ. ނަމަވެސް ދަންނަވަންތޯއެވެ! ނުވަރަފުރައިގެ ކުޑަކުއްޖަކަށް ވެސް ކުޑައިކޮށް ކަންކަން އޮޅުން ފިލުވައިލުމުން، ނުހުޅުވޭނެ ޕޭރެންޓަލް ލޮކެއް މިހައިތަނަކަށް އީޖާދެއް ނުކުރެއެވެ. ދުވަހަކު ނުވެސް ކުރެވޭނެއެވެ. އެކަން ކުރާނެ ކަމަކަށް ވެސް ނުބެލެވެއެވެ. ކޮންމެ ކޮންމެ ކުއްޖަކަށް އެކަން ނުކުރެވިދާނެއެވެ. ނަމަވެސް ކުދީންގެ އަތަށް ޓެބްލެޓާއި ސްމާޓް ފޯނު ފަދަ ތަކެތި ދީ، އިންޓަނެޓަށް ވަނުމުގެ މިނިވަންކަން ދީފައި އޮންނަ ނަމަ، އަޅުގަނޑުމެންގެ މުޖުތަމައުގެ ހާލަތު ހުރި ގޮތުން، މަދު ނޫން އަދަދެއްގެ ކުދިން އެ ތަކެތި ބޭނުން ކޮށްގެން ވިޔާނުދާ ތަކެތި ބަލައި ހެދުމަކީ ހުއްޓުވޭނެ ކަމެއް ނޫނެވެ.

ދެން ހިތަށް އެރީ ދުނިޔޭގެ އެހެން ތަންތަނުގައި މިކަމުގައި އަމަލު ކުރަނީ ކިހިނެއްތޯ ބަލައިލާނަމޭއެވެ. އޮންލައިން ނޫސްތަކަށް ވަދެ ހޯދައި ބަލައިލުމުން، ލޮލުގައި އަޅައިގަތީ އަނެއްކާވެސް ނޫހެއްގައި އޮތް ޚަބަރެއްގެ ސުރުޚީއެކެވެ. މި ފަހަރުގެ ތާރީޚަކީ 01 އޯގަސްޓް 2018 އެވެ. ޚަބަރުގައި އޮތީ މަޝްހޫރު ފަރަންސޭސި ވިލާތުގައި، އިބްތިދާއީ އަދި ސާނަވީ މަދަރުސާތަކުގައި ކުދީން ޓެބްލެޓް ކޮންޕިޔުޓަރާއި، ސްމާޓް ފޯނާއި، ސްމާޓް ގަޑި މަނާ ކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުން ގާނޫނެއް ފާސް ކުރި ވާހަކައެވެ.

ވަގުތުން ފޯނު ނަގައިގެން، އެއްކަލަ ދުވަހު އަޅުގަނޑާ އެކު ކޮފީގައި އިން ރަހުމަތްތެރިޔާއަށް ގުޅައިލައިފީމެވެ. އަދި މި ޚަބަރުގެ ވާހަކަ ކިޔައިދީފައި ބުނެފީމެވެ. "ފަރަންސޭސީންނަކީ މިއީ ދެން މާ ކުރީ ޒަމާނުގެ ވިސްނުމެއް ގެންގުޅޭ ބައެއް ދޯއެވެ. މިއީ އެކާވީސް ވަނަ ގަރުނެވެ. ދުނިޔެ ކުރިއަރައިގެން ދާ ވަރަކަށް، ކުރިއަރައި ތަރައްގީ ވާކަށް އެމީހުންނަކަށް ނޭނގެއެވެ. މި ޒަމާނުގައި ފޮތާއި ގަލަމަކީ ބޭނުން ކުރާ އެއްޗެއްސެއް ނޫންކަން އެމީހުންނަކަށް ނުވިސްނެއެވެ. މިއީ ޓެބްލެޓާއި ސްމާޓްފޯނުގެ ދުވަސްވަރެވެ. ޓެކްނޮލޮޖީއާ ރައްޓެހި މުޖުތަމައެއްގެ ގޮތުގައި މުޖުތަމައު ތަރައްގީ ވާން ޖެހޭނެއެވެ. އަނެއްކާ ފޮތްތަކަކީ ތިމާވެއްޓަށް ހާދަ ބޮޑު ގެއްލުންތަކެއް ދޭ އެއްޗެކެވެ. ކަރުދާސް އުފެއްދުމަށް ޓަކައި އަހަރަކު ކިތައް މިލިއަން ގަސް ކަނޑައިލެވެއެވެ. މީގެ އިތުރުން، ބަރު ފޮތް ދަބަސް އުފުލައިގެން ކުދީންގެ ބުރަކަށި ހަލާކު ވާނެކަން ވެސް ފަރަންސޭސި ގާނޫނު ހަދާ މަޖިލިހުގެ މެންބަރުންނަކަށް، ތައުލީމީ ނިޒާމުގެ ވެރީންނަކަށް ނުވިސްނެއެވެ." ރަހުމަތްތެރިޔާ ބުންޏެވެ. "ކަލެޔަށް އެނގޭ ހެއްޔެވެ؟ ދިވެހީންނަށް ވުރެ ޔޫރަޕު މީހުން ވެސް އުޅެނީ ޓެކްނޮލޮޖީގެ މައިދާނުގައި ފަހަތުގައެވެ. އަހަރެމެން އޯލެވެލް ހެދި ދުވަސްވަރު، ދިވެހި ކުއްޖަކު އިމްތިހާނު ހޯލަށް ގެންދިޔަ އެންމެ ފަހުގެ ސައެންޓިފިކް ކަލްކިޔުލޭޓަރެއް ފެނުމުން، އެއީ އިނގިރޭސި ވިލާތުގައި ބޭނުން ކުރާން ނުފަށާ އެއްޗަކަށް ވެގެން، އެ ކަލްކިޔުލޭޓަރު ހޯލަށް ވެއްދިޔަކަނުދިނެވެ." އަޅުގަނޑު "އެހެން ހެއްޔޭ" ބުނެފައި ފޯނު ބޭއްވީއެވެ.

ދިވެހިން "ޓެކްނޮލޮޖީއާ ރައްޓެހި" ވުމާއި "ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި" ވުން މާނަ ކުރާ ގޮތާ މެދު ވިސްނައިލެއްވީމުތޯއެވެ؟ ފެންނަފެނުމުގައި، އާއްމު ގޮތެއްގައި ދިވެހިން ޓެކްނޮލޮޖީއާ ރައްޓެހި ވާ ގޮތަކީ އެޕަލް ނުވަތަ ސެމްސަންގް ފަދަ ކުންފުނިތަކުން ކޮންމެ އަހަރަކު ނެރޭ އެންމެ ފަހުގެ ސްމާޓް ފޯނާއި ޓެބްލެޓް ފަދަ ތަކެއްޗަށް، އަހަރަކު ލިބޭ އާމްދަނީގެ ދިހަބައިކުޅަ އެއްބައި ވަރުގެ ބޮޑު އަދަދެއް ހޭދަ ކުރުމެވެ. އާއްމު ދިވެހިންގެ ނަޒަރުގައި ޓެކްނޮލޮޖީ އަކީ ލެޕްޓޮޕް އަދި ޓެބްލެޓް ކޮންޕިޔުޓަރާއި ސްމާޓް ފޯނާއި ސްމާޓް ގަޑި ފަދަ ތަކެއްޗެވެ.

އާއްމު ދިވެއްސަކަށް މަހަކު ލިބޭ އާމުދަނީ އަކީ ފަނަރަ ވަރަކަށް ހާސް ރުފިޔާ ކަމުގައި ބެލިޔަސް، އަހަރަކު އެއް ފަހަރު ގިނަ މީހުން ފަނަރަ ވަރަކަށް ހާސް ރުފިޔާގެ ފޯނެއް ގަންނަ ކަމަށް ލަފާ ކުރެވެއެވެ. މި ބޮޑު އިސްރާފާ އެކު، ކޮންމެ އަހަރަކު ގައުމުން ބޭރު ވެގެން އެދަނީ އެތައް ސަތޭކަ މިލިއަން ރުފިޔާއެވެ. އިނގިރޭސި ވިލާތުގައި 2018 ވަނަ އަހަރުގެ ތެރޭގައި ޝާއިއު ކުރެވުނު ރިޕޯޓަކުން އެނގޭ ގޮތުގައި، އެ ގައުމުގައި އެވްރެޖްކޮށް މީހަކު ހަފުތާއެއްގެ ތެރޭގައި 24 ގަޑި އިރު އޮންލައިނުގައި ހޭދަ ކުރެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ސްމާޓްފޯނުން އިންޓަނެޓަށް ވަންނަ މީހުންނެވެ. މީހުން ސްމާޓްފޯނަށް ދެވި ހިފައިފައި ވާ ވަރަކީ، އެވްރެޖްކޮށް ކޮންމެ މީހަކު ވެސް 12 މިނިޓުން އެއް ފަހަރު، ފޯނު ޗެކް ކުރެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މި މައްސަލަ މިއަށްވުރެ ބޮޑު ވާނެޔޭ ދެންނެވުމުން ގޯހަކަށް ވާނެހެން ހިއެއް ނުވެއެވެ. ކޮންސިޔުމަރިޒަމްގެ ނުބައި ސަގާފަތުގެ ތެރޭގައި މުޅި މުޖުތަމައު ހަލާކު ވެގެން ދިޔައީއެވެ.

ދެން އޮތީ އެންމެ ބޮޑު މައްސަލައިގެ ވާހަކައެވެ. ކިޔަވާ ކުދީންގެ ފޮތްތައް އަތުލައިފައި، އެ ކުދީންގެ އަތަށް ޓެބްލެޓް ކޮންޕިޔުޓަރު ދީފައި "އީބުކް" ބޭނުން ކުރާށޭ ބުނި ބަޔަކަށް، ސްކްރީނުން ފޮތް ކިޔުމަކީ ހުރިހާ ގޮތަކުން ވެސް ގެއްލުން ބޮޑު ކަމެއްކަން ހަމަ ނޭނގެނީ ބާވައެވެ! ނުވަތަ ދިވެހިން އެބުނާ ޓެކްނޮލޮޖީއަށް އަހުލުވެރި ވެފައި ތިބި ވަރުން، "ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓް"ގެ ވާހަކަ ދެއްކުމުން ލިބޭނެ ތާއީދާއި ވޯޓު ފިޔަވައި އެހެން ކަމަކާ މެދު ނުވިސްނަނީ ބާވައެވެ!

ސްކްރީނުން ފޮތް ކިޔުމަކީ ކަރުދާހުގައި ޗާޕު ކޮށްފައި ހުންނަ ފޮތް ކިޔުމަށް ވުރެ ލޮލަށް ބާރުބޮޑު، ގެއްލުން ބޮޑު ކަމެކެވެ. މާ ދިގު ތަފްސީލަކަށް ނުގޮސް، އެންމެ ދިރާސާއެއްގެ ވާހަކަ ދަންނަވައިލާނަމެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު، ޕްރޮސީޑިންގްސް އޮފް ދަ ނެޝަނަލް އެކަޑަމީ އޮފް ސައެންސަސްގައި ޝާއިއު ކުރެވުނު، ހާރވަރޑް މެޑިކަލް ސްކޫލުގެ ދިރާސާވެރީންގެ ޓީމެއްގެ ދިރާސާއިން ސާބިތު ވާ ގޮތުގައި، ސްކްރީނުން ފޮތް ކިޔުމަކީ ރޭގަނޑުގެ ނިދީގެ ފުރިހަމަ އަރާމާއި ފައިދާއިން މީހާ މަހުރޫމު ކޮށް، ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު ކުޑަކޮށް، އަދިވެސް އެހެން ސިއްހީ ގެއްލުންތައް ކުރިމަތި ކުރުވާ ކަމެކެވެ.

ޔޫރަޕިއަން އެސޯސިއޭޝަން ފޯރ ރިސާރޗް އޮން ލާރނިންގ އެންޑް އިންސްޓްރަކްޝަންގެ ފަރާތުން ނެރޭ އެޑިޔުކޭޝަނަލް ރިސާރޗް ރިވިޔުގެ ނޮވެންބަރު 2018ގެ އަދަދުގައި ޝާއިއު ކުރި އިލްމީ މަޒުމޫނެއްގައި، އެތައް ދިރާސާއެއް މުރާޖައާ ކުރުމަށް ފަހު، ބުނެފައި ވަނީ ޗާޕު ކޮށްފައި ހުންނަ ފޮތުން ކިޔުމާއި ކިޔެވުމުން، ކިޔާ ނުވަތަ ކިޔަވާ އެއްޗެތި މާ ރަނގަޅަށް ދޭހަ ވާ ކަމަށާއި، ޗާޕު ކުރި ފޮތުގެ ބަދަލުގައި އިލެކްޓްރޯނިކް ވަސީލަތްތަކުން ކިޔައި ކިޔަވައި ހެދުމުން ކުޑަކުދީންގެ ކިޔުމާއި ދޭހައިގެ ގާބިލިއްޔަތު ފުރިހަމަޔަށް ތަރައްގީ ވުމަށް ހުރަސް އެޅޭ ކަމަށެވެ. މިފަދަ އެހެން ދިރާސާއެއްގައި ސާބިތު ވެފައި ވަނީ، ޑިޖިޓަލް ވަސީލަތަކުން ކިޔާ ތަކެއްޗަށް ވުރެ، ޗާޕު ކޮށްފައި ހުންނަ ތަކެތިން ކިޔާ އެއްޗެތި ކުދީންގެ ހަނދާނުގައި ބޮޑަށް ހަރު ލައިފައި ހުންނަ ކަމެވެ.

ދައްކާނެ އިތުރު ވާހަކައެއް އެބައޮތްތޯއެވެ؟

comment ކޮމެންޓް