ޓީސީގެ އާ ކޯޗަކަށް އާތީ ހަމަޖައްސައިފި

މުހައްމަދު އާތިފް(ކ) ބައްސާމް އަދީލް ޖަލީލް (ވ) ކޯޗު ކަމުގެ އެގްރީމަންޓް ހަވާލުކުރަނީ -- ފޮޓޯ/ އެފްއޭއެމް

ގައުމީ އަންހެން ޓީމުގެ ކޯޗު ކަމާއި ހާވާލުވެ ހުރި މުހައްމަދު އާތިފް (އާތީ) މިފެށޭ ސީޒަނުގައި ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ މަގާމު އަދާ ކުރުމަށް ހަމަޖައްސައިފިއެވެ.

ޓީސީ ސްޕޯޓްސް ދެވަނަ ޑިވިޒަން ގައި އޮއްވާ ފުރަތަމަ ޑިވިޒަނަށް ގެނެސްދީ ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގެ މުބާރާތްތަކުގައި ރަން ވަނަތަކެއް ހޯދައިދިން އިރު ޓީސީގެ މޭސްތިރިޔަކަށް ހުރި މުޙައްމަދު ނިޒާމް (ނިޒާންބެ) އެ ޓީމުގެ ކޯޗުކަމާއި ވަކި ވުމުގެ ސަބަބުން ޓީމަށް ރަނގަޅު ކޯޗެއް ހޯދުމުގެ މަސައްކަތް ޓީސީ އިން ވަނީ މިއަހަރު ތެރޭގައި ފަށާފައެވެ.

ޓީސީގެ އާ ކޯޗު މުހައްމަދު އާތިފް (އާތީ) --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެގޮތުން ތަޖުރިބާ ހުރި ކުޅުންތެރިންނާއި ގުޅޭ ކޯޗެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އާތީ ކޯޗު ޓީސީގެ ކޯޗު ކަމާއި ގުޅުމަކީ ހައިރާންވާންޖެހޭވަރު ކަމެއް ނޫނެވެ.

އާތީއަކީ ފުޓުބޯޅައިގެ ކޯޗުކަމުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އެގޮތުން އޭނާ ވަނީ 2016 ވަނަ އަހަރު އަލަށް ފުރަތަމަ ޑިވިސަންއަށް ކޮލިފައިވީ ޓީމެއް ކަމަށްވާ ޔުނައިޓެޑް ވިކްޓަރީކެ (ޔޫވީ) ގެ ކޯޗުކަމާއި ހަވާލުވެ އެ އަހަރުގެ ލީގުގެ ގަދަ ހަތަރަކުން އެ ޓީމަށް ފުރުސަތު ހޯދަދީފައެވެ.

އަދި ހަމަ އެ އަހަރު އޭރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކުލަބު ކަމަށްވާ މާޒިޔާ ކަޓުވާލުމަށްފަހު އެފްއޭ ކަޕުގެ ސެމީއަށް ޔޫވީ ގެންދިއުމުގައި ވެސް އާތީގެ މޮޅު ޓެކްޓިކްސް ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ގައުމީ ޓީމުގެ އެސިސްޓެންޓު ކޯޗުކަން ވެސް ކޮށްފައިވާ އާތީ މިވަގުތު ކޯޗުކަން ކޮށްދެނީ ގައުމީ އަންހެން ފުޓުބޯޅަ ޓީމަށެވެ.

އޭނާގެ ކޯޗު ކަމުގެ ދަށުގައި ގައުމީ އަންހެން ފުޓުބޯޅަ ޓީމު ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ސިންގަޕޫރުގައި އޮތް ސަރަހައްދީ މުބާރާތަކުން އެ ޓީމު ވަނީ ތިންވަނަ ހޯދާފައެވެ.

އާތީ ރަސްމީކޮށް ޓީސީގެ ޓީމާ ހަވާލުވާނީ އަންނަ މަހު އޮންނަ އަންހެން ސާފު ޗެމްޕިއަންޝިޕަށް ފަހު ނަމަވެސް އެ ޓީމަށް އަލަށް ގުޅޭނެ ކުޅުންތެރިންނާއި އެހެން ޓީމުތަކަށް ކުޅުންތެރިން ބަދަލުވާނީ އޭނަގެ އިރުޝާދުގެ ދަށުންނެވެ.

comment ކޮމެންޓް