ނުރަނގަޅު އާދަތަކުން ދިވެހީން ހަލާކުވަމުން ދަނީ ހިތާމަކުރަން ޖެހޭ މިންވަރަށް: ރައީސް

ރައީސް ސޯލިހު ޒީރޯ ޕްލާސްޓިކް ރަން ގައި:ސިއްހަތައް ނުރަނގަޅު ކާބޯތަކެއްޗާއި ނުރަނގަޅު އާދަތަކުން ދިވެހިން ހަލާކުވަމުން ދަނީ ހިތާމްކުރަން ޖެހޭ މިންވަރަކަށް ކަމަށް ރައީސް މިއަދު ވިދާޅުވި --- ފައިލް ފޮޓޯ/ ރައީސް އޮފީސް

ސިއްހަތަށް ނުރަނގަޅު ކާބޯތަކެއްޗާއި ނުރަނގަޅު އާދަތަކުން ދިވެހިން ހަލާކުވަމުން ދަނީ ހިތާމަކުރަން ޖެހޭ މިންވަރަކަށް ކަމަށް، ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ، މިހާރުގެ ޙާލަތަށް ބަލާ އިރު ދިވެހީންގެ ވިސްނުމަށާއި ޞިއްޙަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ، ސިއްޙަތަށް ގެއްލުން ހުރި ތަކެތީގެ ބޭނުންކުރުމާއި ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ.

"ޞިއްޙަތަށް ނުރަނގަޅު ކާބޯތަކެއްޗާއި ނުރަނގަޅު އާދަތަކުން ދިވެހީން ހަލާކުވަމުން ދަނީ ހިތާމަކުރަންޖެހޭ މިންވަރަށް،" ފުރަތަމަ ރިޔާސީ ބަޔާން މަޖިލީހަށް އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެފަދަ ބަލިތަކަށް މީހާ ވާޞިލުކުރާ އެކައްޗަކީ ދުންފަތާއި ދުންފަތުގެ އުފެއްދުންތައް،"

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމަށްވާ، މެއި މަހުގެ 31 ވަނަ ދުވަހު ޢަމަލުކުރަން ފެށުމުން، ވަކިވަކިން ބިޑި، ސިނގިރޭޓް ސުއްޓާ ވިއްކުން މަނާވާނެ ކަން ރައީސް ހަދުމަފުޅު ކޮށްދެއްވި އެވެ.

ދުޅަހެޔޮ ޞިއްޙަތަކަށް ވާޞިލުވެވޭނެ އެންމެ މުހިންމު ކަމަކީ، ޙަރަކާތްތެރި ދިރިއުޅުމަކަށް އަހުލުވެރިވުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުން ކަސްރަތަށް އަހުލުވެރިކުރުމަށް ޓަކައި ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމުގެ ސިޔާސަތުގެ ދަށުން ސިވިލް ސާވިސް އޮނިގަނޑަށް މިހާރުވާނީ، ސްޕޯޓްސް ކައުންސިލަރުންގެ ނަމުގައި 200 މަގާމު އަލަށް އިތުރު ކޮށްފައި ކަމަށެވެ.

ސިއްހަތަށް ރަނގަޅު ނޫން ކާނާގެ ބާވަތްތަކަށް ހޭލުންތެރިކުރުމަށް ސަރުކާރުން ކުރާ ހޭދަ އިތުރު ކުރުމަށް ކަނޑައަޅާފައިވާ ވައުދު ފުއްދެވުމުގެ މަސައްކަތް މިސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ.

އެގޮތުން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން މީގެ ކުރިން ވިދާޅުވެފައި ވަނީ ހޭދަ އިތުރު ކުރުމުގެ ވާހަކަ ދައްކާއިރު ކުރިން ކުރި ހޭދަ އަށްވުރެއް 60 ޕަސެންޓްގެ ހޭދައެއް އިތުރު ކުރަން ރާވަފައިވާ ކަމަށާއި ފުރަތަމަ އަހަރުގެ ތެރޭފައި ވެސް އަމާޒު ހިފާފައިވަނީ އެ ހޭދަ އިތުރު ކޮށްގެން ހޭލުންތެރިކުރުމުގެ ގޮތުން 30 އަށް ވުރެއް ގިނަ ހަރަކާތް ފެށުން ކަމަށެވެ.

comment ކޮމެންޓް