ބާލީގެ އެއާޕޯޓު އޮފިޝަލެއްގެ ގައިގައި ޖެހި އިނގިރޭސި މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ބާލީ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮފިޝަލަކަށް ހަމަލާ ދިނުމުން ހައްޔަރު ކުރި އިނގިރޭސިވިލާތުގެ އައުޖީ ޓަކާޑަސް -- ފޮޓޯ: އޭއެފްޕީ

ބާލީ (ފެބްރުއަރީ 7): އިންޑޮނޭޝިއާގެ ބާލީގެ އެއާޕޯޓު އޮފިޝަލެއްގެ މޫނުމަތީގައި ޖެހި އިނގިރޭސިވިލާތުގެ އަންހެނަކު ހަ މަހަށް ޖަލަށް ލާން ބާލީގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ކޯޓުން ނިންމި ގޮތުގައި މިދިޔަ އަހަރުގެ ޖުލައި 28ގައި 42 އަހަރުގެ އައުޖީ ޓަކާޑަސް ވަނީ އޭނާގެ ވިސާ ހަމަވެފައިވާ ކަމަށް ބުނި ބާލީ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮފިޝަލެއްގެ މޫނުމަތީގައި ޖަހާފަ އެވެ. ޓަކާޑަސް ބާލީން ފުރަން މަސައްކަތް ކުރީ އޭނާގެ ވިސާ ހަމަވިތާ 160 ދުވަސް ފަހުންނެވެ.

އޭގެ ސަބަބުން އެއާޕޯޓު އޮފިޝަލަކު ވަނީ ޓަކާޑަސް 3،500 ޑޮލަރުގެ ޖޫރިމަނާ ދައްކަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އެއަށް ފަހު ޓަކާޑަސް އެއޮފިޝަލާ ދިމާލަށް ހަޅޭއްލަވާ، އޭނާގެ މޫނުމަތީގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

އެމައްސަލައިގައި ކޯޓަށް ހާޒިރުވާން ޓަކާޑަސް ވަނީ ތަކުރާރުކޮށް ދެކޮޅު ހަދާފަ އެވެ. އަދި ޕްރޮސެކިއުޓަރުން އިއްޔެ އޭނާ ކޯޓަށް ގެންދިޔުމުން ޓަކާޑަސް ވަނީ އެމީހުން އޭނާއަށް އަނިޔާ ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށާއި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް ޕްރޮސެކިއުޓަރުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ޓަކާޑަސް އެމީހުންގެ ގައިގައި ޖަހާ، އަނިޔާ ކުރި ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް