ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ހަމަ ޖައްސާނަން : ރައީސް

އިބްރާހީމް މުހައްމަދު ސާލިހް ރިޔާސީ ބަޔާން ދެއްވުމަށް ދަރުބާރުގެއަށް ވަޑައިގަންނަވަނީ -- ސަން ފޮޓޯ / ފަޔާޒް މޫސާ

އާއަހަރުގެ މަޖިލީސް ފެށުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ބަޔާނުގައި ދުޅަހެޔޮ ސިއްހަތެއް ރައްޔިތުންނަށް ހޯދައިދިނުމުގެ އިތުރުން ކުޅިވަރުގެ ހަރަކާތްތައް ކުރިއެރުވުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޓީ. އެފް. ޖީގެ 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވެވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ވެރިކަމާއި ހަވާލުވުމަށް ފަހު އިބަރާހިމް ސާލިހު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ރާއްޖޭގައި ކުޅިވަރުތައް ކުރިއެރުވުމުގެ ވާހަކައިގެ އިތުރުން ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށްޓަކާއި ކުރާނެ ގިނަ މަސައްކަތްތަކެއްގެ ވާހަކަ ވަނީ ދައްކަވާފައެވެ.

ދުޅަހެޔޮ ޞިއްޙަތަކަށް ވާޞިލުވެވޭނެ އެންމެ މުހިންމު ކަމަކީ، ޙަރަކާތްތެރި ދިރިއުޅުމަކަށް ރައްޔިތުން އަހުލުވެރިކުރުވުން ކަމަށާއި މިކަމަށްޓަކައި ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމުގެ ސިޔާސަތެއް ވަނީ އެކުލަވާލާފައި ކަމަށް އިބްރާހިމް ސާލިހް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސިވިލް ސަރވިސް އޮނިގަނޑަށް އަލަށް ގެނައި ބަދަލާއި އެކު ސްޕޯޓްސް ކައުންސިލަރުންގެ ނަމުގައި 200 މަޤާމު އަލަށް އިތުރު ކޮށްފައިވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅިވަރުތައް ތަރައްޤީކޮށް އާލާކުރުމަކީވެސް ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށާއި ޤައުމީ ކުޅިވަރުތަކަށް ދިރުން ގެނައުމަށްޓަކައި ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް ކަނޑައެޅިފައިވާ ބަޖެޓަކުން ހަރަދު ކުރައްވާނެ ކަމުގެ ޔަގީން ކަން ރައީސް ސާލިހް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޓީ. އެފް. ޖީގެ 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވެވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން ގައުމީ ކުޅިވަރުތަކުގެ އެސޯސިއޭޝަން ތަކަށް އަހަރަކު މަދުވެގެން ފަސް ލައްކަ ރުފިޔާ ދިނުމަށް ނިންމައިފައިވާ ކަމަށް ރައީސްގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.

" އަންހެން އަދި ފިރިހެން ޤައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނަށް ދޭ އެލަވަންސް އެއްހަމަކޮށް، ހުރިހާ ކުޅިވަރެއްގެ ކުޅުންތެރިންނަށްވެސް، އެލަވަންސް ދޭގޮތަށް މިހާރު ވާނީ ހަމަޖައްސާފައި،" ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މާލެ ސަރަޙައްދުގައި އޮލިމްޕިކް ސައިޒްގެ ސުވިމިންގ ޕޫލެއް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށާއި 18 މިލިއަން ރުފިޔާއިން ހަދާ އެ ސުވިމިންގ ޕޫލްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް