ފަނޑިޔާރުންގެ ރުހުން ނެތި ކޯޓު ބަދަލު ކުރުމަކީ ޣައިރު ދުސްތޫރީ އަމަލެއް: ސުއޫދު

ގާނޫނީ ވަކީލު ހުސްނުއް ސުއޫދު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރުގެ ރުހުން ނެތި ބަދަލު ކުރުމަކީ ފަނޑިޔާރުގެ މުސްތަގިއްލުކަމާ ހިލާފު ޣައިރު ދުސްތޫރީ އަމަލެއް ކަމަށް ގާނޫނީ ވަކީލު އަދި މަރުތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ބަދަލުވެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބަދަލުތަކެއް އައި ފަހުން އިއްޔެ ވަނީ ބައެއް ކޯޓުތަކުގެ ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލު ކުރުމަށް އެ ކޮމިޝަނުން ނިންމާފަ އެވެ. މީގެ ކުރިންވެސް ފަނޑިޔާރުން އައްޔަން ކުރާ ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަކީ ޖޭއެސްސީއިން އާންމުކޮށް ކުރާ ކަމެކެވެ.

ސުއޫދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަތުބީދީ ފިޔަވަޅުގެ ގޮތުގައި ނޫން ގޮތަކަށް އެ ފަނޑިޔާރެއްގެ ރުހުން ނެތި އެ ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަކީ ފަނޑިޔާރުންގެ މުސްތަގިއްލު ކަމާއި ހިލާފު ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.

ގާނޫނީ ވަކީލު މައުމޫނު ހަމީދު ވިދާޅުވާ ގޮތުން ސުޕްރީމް ކޯޓުގެ ހުށަހެޅުމަކަށް ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރަން ޖޭއެސްސީ ނިންމުމުން އެ މުއައްސަސާއަށް ހަވާލު ކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމުން ފެއިލްވެފައިވާކަން ހާމަވާ ކަމަށެވެ.

އިއްޔެ ޖޭއެސްސީން ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލުކުރުމާއި ސިވިލް ކޯޓުގެ ދެ ގާޒީ އަކު ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށެވެ.

comment ކޮމެންޓް