ފޯކައިދޫ ކައިރިން މޮޅުވެ ދަ ގޭންގެ ސެމީއާ ގާތަށް ޖެހިލި އިރު ޓީސީ އަދި ވިކްޓަރީ އެއްވަރު

ޓީސީ އަދި ވިކްޓަރީ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

މިހާރު ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ފޯކައިދޫ މައްޗަށް ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް (ދަ ގޭންގް) ކުރި ހޯދާ ސެމީއާ ގާތަށް ޖެހިލި އިރު ޓީސީ ސްޕޯޓްސް ކުލަބް އަދި ވިކްޓަރީ ބައްދަލު ކުރި މެޗު އެއްވަރު ވެއްޖެއެވެ.

އިއްޔެ ހަވީރު ދަ ގޭންގް އަދި ފޯކައިދޫ ބައްދަލު ކުރި މެޗު 0-2 ގެ ނަތީޖާ އަކުން ދަ ގޭންގް ކާމިޔާބު ކުރުމާއި އެކު ފޯކައިދޫއަށް ވަނީ ސެމީއަށް ދިއުމުގެ ފުރުސަތު ގެއްލިގައެވެ. ކުޅުނު ދެމެޗުން ފޯކައިދޫ ބަލިވި އިރު ބާކީ އަދި އެއް މެޗު އޮތް ނަމަވެސް ފޯކައިދޫއަށް ސެމީގެ ޖާގަ ވަނީ ގެއްލިފައެވެ.

ދަ ގޭންގް އަދި ފޯކައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

މި މުބާރާތައް އަލަށް މި އަހަރު ކޮލިފައިވި ދަ ގޭންގް ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ގަލޮޅު ދަނޑުގައި ކުޅެވުނު މި މެޗުގެ ދެ ގޯލު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު ނުވައެއް އަހުމަދު ހުޝާމްއެވެ. އޭނާ ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

ގުރޫޕް 'އޭ' ގެ ދެން އޮތް ދެ ޓީމު ކަމަށްވާ ޓީސީ އަދި ވިކްޓަރީ ބައްދަލު ފޯރިގަދަ ކުޅުމަކަށް ފަހު ނިމިގެން ދިޔައީ 1-1 އިން އެއްވަރު ވެގެންނެވެ. މި މެޗުން އެއްވަރު ވުމާއި އެކު ޓީސީއާއި ދަ ގޭންގް ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރު ވެފައެވެ. އެ ދެ ޓީމަށް ހަތަރު ޕޮއިންޓު ލިބިފައިވާ އިރު ވިކްޓަރީއަށް ލިބުނީ ދެ ޕޮއިންޓެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ޓީސީ އެވެ. މެޗުގެ 22 ވަނަ މިނަޓުގައި ޓީސީގެ 10 ނަަންބަރަށް ކުޅޭ އަކްމަލް މުހައްމަދު ޖަހައިދިން ގޯލު ކެންސަލް ކޮށްލުމުގެ ގޮތުން ވިކްޓަރީގެ އަހުމަދު ޒައުލް ނާޒިމް ވަނީ ދެވަނަ ހާފުގައި ގޯލެއް ޖަހާ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.

ޓީސީ އަދި ވިކްޓަރީ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވފައިވަނީ ޓީސީގެ މުހައްމަދު ޔަޒްދާން ހަސަން އެވެ.

މި މުބާރާތުގެ ގުރޫޕް 'ބީ' މެޗުތަކެއް މިއަދު ކުޅޭނެއެެވެ. މިއަދު ހަވީރު މާޒިޔާ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ އާއި ދެކޮޅަށެވެ. އަދި މިރޭ ގްރީން ސުޓްރީޓް އާއި ކުލަބް އޭދަފުށި ބައްދަލު ކުރާ މެޗުވެސް ކުޅެވިގެން ދާނެއެވެ.

comment ކޮމެންޓް