ޖޫޑިޝަރީ ހަރުދަނާ ކުރުމަށް އެންމެން ކުރާ މަސައްކަތް

އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކޮށް ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން-- ސަން ފައިލް ފޮޓޯއާޤ

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ބާރާއި ނުފޫޒުން އެއްކިބާ ވެފައި އޮތް ޖޫޑިޝަރީއެއް ރާއްޖޭގައި އޮތް ކަމަށް، ރާއްޖޭގެ ގިނަ ރައްޔިތުންނަށް ޤަބޫލު ނުކުރެވުމެވެ. އެހެންނަމަވެސް ޖޫޑިޝަރީގައި މަސައްކަތް ކުރާ މީހުން ރަސްމީ ހައިސިއްޔަތުން ބަޔާންދޭ އިރު މި ގޮތަށް އެއްބަހެއް ނުވެ އެވެ. މި ގޮތަށް އެއްބަސް ނުވެވެނީ ރަސްމީ ހައިސިއްޔަތުން އެ ނޫން ގޮތަކަށް ބުނެވެން ނުއޮންނާނެތީވެ ކަމަށް ވެސް ވެދާނެ އެވެ. ޖޫޑިޝަރީގައި މަސައްކަތްކުރާ މީހުން ދެކޭ ގޮތުގައި އެހެން އޮފީސްތަކުގައި ވެސް މައްސަލަތައް ހުންނާނެ ފަދައިން ޖޫޑިޝަރީގައި ވެސް މައްސަލަތައް ހުންނާނެ އެވެ. އެކަންތައް ރަނގަޅު ކުރެވޭނީ ޖޫޑިޝަރީގެ އެތެރެ އިންނެވެ. އެހެންތޯ އެވެ؟ ޖޫޑިޝަރީގެ އެތެރޭގައި ހުންނަނީ އެހެން އޮފީސްތަކުގައި ހުންނަ ކަހަލަ މައްސަލަތައްތޯ އެވެ؟ ޖޫޑިޝަރީގައި ރައްޔިތުން ހިތްހަމަނުޖެހޭ ކަހަލަ ކަންތައްތަކެއް ހުރި ކަމަށް އެއްބަސް ނުވާ ބަޔަކަށް ޖޫޑިޝަރީގެ އެތެރެ އިން އަމިއްލަ އަށް ކަންތައް ރަނގަޅު ކުރެވޭނީ ކިހިނެއްތޯ އެވެ؟ އަޅުގަނޑުމެން މި ދައްކަނީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޔަޤީން ކަން ހޯދޭ ވަރަށް ޖޫޑިޝަރީ އަށް މަސައްކަތް ނު ކުރެވޭ ވާހަކަ އެވެ. މިއަދު ނިންމާ ކަމެއް، ކުޑަ ދުވަސްކޮޅެއް ފަހުން ހަމަ އެމީހުން ތިބެގެން ކުރިން ނިންމި ގޮތާ އި ދިމާ އިދިކޮޅު ގޮތަކަށް ނިންމަ ފާނެ އެވެ. އެއް ލިއުންތަކެއްގެ މައްޗަށް ބަލާފަ އެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި މިހެން ކަންތައްތައް ހިނގާ ނަމަ ޖޫޑިޝަރީގެ އިތުބާރާ މެދު އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ވިސްނާ ގޮތް ބަދަލު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ތިމާ އާއި ނިންމަން ހަވާލު ވެފައި އޮތް ކަމެއް ނިންމަން ވާނީ، ތިމާ އަށް ލިބިފައިވާ ޢިލްމާއި ހުނަރާ އި، ތަޖުރިބާގެ އަލީގައި ތިމާ އަށް ފެންނަ ގޮތަށެވެ. އެއާ ޚިލާފަށް، ވަޒީފާ ގެއްލިދާނެ ތީވެ ބިރުން، އެހެން ނުސީދާ ނުފޫޒާ އި ފިއްތުންތަކާއި ހުރެ ތިމާ އަށް ފެންނަ ގޮތް ނޫން އެހެން ގޮތަކަށް ތިމާއާއި ހަވާލު ވެފައި ހުންނަ މަސައްކަތްތައް ނިންމާ ނަމަ އެފަދަ މީހުން އެފަދަ މަޤާމުތަކުން ދުރުވުމަކީ ރައްޔިތުން ނަށް ކޮއްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ.

ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ދެ ތިން ބޭފުޅަކު ފިޔަވައި އެހެން އެއްވެސް ބޭފުޅަކަށް ޖޫޑިޝަރީގައި ހިނގާ ކަންތައްތަކާއި މެދު ފާޅުގައި ފާޑުވިދާޅުވާ ތަން ނުފެނެ އެވެ. މި ދެންނެވި ދެތިން ބޭފުޅެއްގެ ފާޑު ވިދާޅުވުމުގެ ސަބަބުން އެ ބޭފުޅުން ދިރިއުޅުމަށް ކުރައްވާ މަސައްކަތަށް ދޫކޮށްފައި އޮންނަ ހުއްދަ އަށް ވަގުތީ ހުރަސްތަކެއް ކުރިމަތި ކުރުވަ އެވެ. އެހެންނަމަ ވެސް އެބޭފުޅުންގެ ވިސްނެވުމަކަށް ބަދަލެއް ނާދެ އެވެ. ރާއްޖޭގެ ޖޫޑިޝަރީ ހަރުދަނާ ކުރުމަށް އެ ބޭފުޅުން ވެދެއްވާ ޤުރުބާނީ އަޅުގަނޑުމެން ބަލައިގަންނަން ޖެހެ އެވެ. ޝުކުރު ވެރިވާން ޖެހެ އެވެ. ފާއިތުވި ޢާއްމު އިންތިޚާބުގެ ތެރޭގައި ޕާޓީތަކުގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން ޖޫޑިޝަރީ އަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވާހަކަ ދެއްކެވި އެވެ. ވެރިކަމުގައި އޮތް ޕާޓީ ބަލި ކުރުމަށް ފަހު ވެރިކަމަށް އައުމާއި އެކު ޖޫޑިޝަރީ އަށް ފާޑު ކިއުމުގެ ރާގު ބަދަލު ވެއްޖެ އެވެ. ފައިބައިގެން ދާންޖެހޭނެ ކަމަށް ވާހަކަ ދެކެވުނު މީހުން ތިބެން ޖެހޭނެ ކަމަށް ވާހަކަ ބަދަލު ވެއްޖެ އެވެ. ބޭރުވި މީހުން އެތެރެވާން ޖެހޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ވާހަކަ ދައްކާ އަޑު އިވެން ފެށި އެވެ.

މިހާރު ހިގަމުންދާ ޤާނޫނީ އަދި ޝަރުޢީ ނިޒާމުގެ ތެރެއިން، ބައެއް ކަންތައްތައް ހިންގުން ލަސްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައި ގަންނަވައިގެން އުފެއްދެވި ރިޔާސީ ކޮމިޝަންތަކަކީ ޚާއްޞަ ކޮމިޝަންތަކެކެވެ. އެ ކޮމިޝަންތަކަށް ރައީސުލްޖުމްހޫރިއްޔާ، ޚާއްޞަ ބާރުތަކަކާއި، ޚާއްޞަ އިޚްތިޔާރުތަކެއް ދެއްވާފައިވެ އެވެ. އެ ކޮމިޝަންތަކުގެ މެމްބަރުން ރަސްމީ ހައިސިއްޔަތުން ދައްކަވާ ވާހަކަފުޅަކީ ރައްޔިތުންގެ މަޖިލީސްގެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ދައްކަވާ ވާހަކަތަކެކޭ އެއްގޮތަށް އެއްވެސް ދާއިރާއަކުން، އެ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ފިޔަވަޅު އެޅުމުން ޙިމާޔަތް ކުރެވިގެންވާ ވާހަކަފުޅެކެވެ. ކޮމިޝަނުގެ މަސައްކަތުގެ ތެރޭގައި ދެކެވޭ ވާހަކައަކާއި ގުޅިގެން އެހެން ތަނަކުން ފިޔަވަޅެއް އެޅިއްޖެ ނަމަ މިނިވަންކަމާ އެކު ކޮމިޝަންތަކަށް މަސައްކަތް ނުކުރެވޭނެ އެވެ. އެފަދަ ކޮމިޝަނެއްގައި ހާމަ ކުރެވުނު ވާހަކައަކާއި ގުޅިގެން ގޮތެއް ނިންމަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން ނިންމެވޭނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ޖޫޑިޝަރީ ރަނގަޅު ކުރުމަށް ބައެއް ސިޔާސީ ޕާޓީތަކުން ސީރިއަސްކޮށް ވިސްނާކަމުގެ ހެކި ފެންނަން ފަށައިފި އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީން ޖޫޑިޝަރީ އިޞްލާޙް ކުރުމަށް ހުށައަޅާފައި އޮތް ކަރުދާހުގައި ނަގާފައި ހުރި ކަންތައްތަކަށް ބަލާ އިރު ޖޫޑިޝަރީގައި މައްސަލަ ހުރި ހިސާބުތައް އެ ކަރުދާސް ތައްޔާރު ކުރި ފަރާތްތަކަށް ރަނގަޅަށް ސާފުވެ އެވެ. ޚިޔާލު ތަފާތުވުންތައް ނުކުންނާނީ އެކަންތައްތައް ހައްލު ކުރަން ހުށައަޅާ ފައި އޮންނަ ގޮތާއި ހިސާބުން ނެވެ. ފުރަތަމަ ބެލުމަށް ބަލާލާ އިރު، މައިގަނޑު ގޮތެއްގައި ނަގާ ފައި ހުރި ބައެއް މައްސަލަތަކާއި އެެއްގޮތަކަށް ކަންތައް ކުރެވިއްޖެ ނަމަ މިހާރު ޖޫޑިޝަރީ ހިނގާ ގޮތަށް ވުރެ ހާސް ބައި ރަނގަޅު ވާނެ އެވެ. އެހެންނަމަ ވެސް ފާއިތުވި ދުވަސްތަކުގައި ކަންކަން ހިނގާ ފައި އޮތް ގޮތުގެ ތަޖުރިބާގެ އަލީގައި ސަމާލު ވާން ޖެހޭ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. ބާރުތަކުގެ ފުށު އަރާ ތަންތަން ވެސް ހުރި ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. އަޅުގަނޑުގެ ނަޒަރުގައި އެ ޕާޓީން ނެރުނު ކަރުދާހުގައި މަސައްކަތް ކޮށްފައި އޮތީ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާކަށް ނޫނެވެ. ސުޕްރީމް ކޯޓު ހަރުދަނާ ކުރުމަށެވެ. ހަމަ އެކަނި ޝަރީޢަތް ކުރާ ތަނަކަށް ހެދުމަށެވެ. އެއިރުން ކޯޓުގައި މަސައްކަތް ކުރައްވާ ބޭފުޅުން އިދާރީ، ޝަރީޢަތާއި ނުބެހޭ ކަންކަމުގައި ވަގުތު ބޭކާރު ނުކުރައްވާ މަސައްކަތް ކުރެއްވި ދާނެ އެވެ. ސުޕްރީމް ކޯޓު އޮންނަން ވާނީ ހަމަ އެކަނި އެތަނަށް ހުށައެޅޭ މައްސަލަތައް ބަލާ ތަނެއްގެ ގޮތުގަ އެވެ. އަދި މަދު ފަހަރަކު އެހެން ތަންތަނުން ބަލާ މައްސަލަ އެ ކޯޓަށް ނަގަންޖެހިއްޖެ ނަމަ، ނެގޭނެ ޙާލަތާއި، ގޮތް ރަނގަޅަށް ސާފުކޮށް އޮޅުން ފިލުވައި ދީފައި އޮންނަން ވާނެ އެވެ. މާޒީގައި ކަންތައް ކުރެވި ފައި ހުރި ގޮތުން ބައެއް ފަރާތްތަކުން އިސްތިޢުނާފަށް މައްސަލަ ހުށައެޅުމުގެ ފުރުޞަތުން ވެސް މަޙްރޫމް ވެފައިވެ އެވެ. ސުޕްރީމް ކޯޓުން މައްސަލަ ނަގާ ބެލުމަށް ފަހު ޙުކުމެއް ކުރުމުން، އެ ޙުކުމަކާ މެދު ހިތްހަމަ ނުޖެހޭ މީހަކު އިސްތިޢުނާފަށް ދާނެ ފަރާތެއް ނެތުމުން ނެވެ.

ޑިޕާޓްމެންޓު އޮފް ޖޫޑިޝަލް އެޑްމިނިސްޓުރޭޝަން ސުޕްރީމް ކޯޓުގެ ދަށުން ނެގުމަކީ ވަރަށް ރަނގަޅު ހުށައެޅުމެކެވެ. އެހެންނަމަވެސް އެ ތަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ދަށުން މަސައްކަތް ކުރާ ގޮތަކަށް ނުހެދޭނެ އެވެ. ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ މަޖިލީހެވެ. އަދި ހެދިފައިވާ ޤާނޫނާއި ޤަވައިދުތަކާއި އެއްގޮތަށް ސަރުކާރުގެ ހުރިހާ އޮފީސްތަކުން މަސައްކަތް ކުރޭތޯ ބަލާ ތަނަކީ ރައްޔިތުންގެ މަޖިލީ ހެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ހިނގާ ގޮތް ބެލުމުގެ ފާރަވެރިއާ އެވެ. ފާރަވެރިއާ ހިންގުމުގެ ތެރެއަށް ވަނުމުން އެ ފަރާތަށް ފާރަވެރި ވާނެ ފަރާތެއް ނުހުންނާ ނެ އެވެ. ޑީޖޭއޭ އަށް މުސްތަޤިއްލު މުއައްސަސާއެއްގެ ދަރަޖަ ޤާނޫނަކުން ދީފައި ނެތް ކަމުގައި ވިޔަސް، ބޭނުންވެއްޖެ ހިނދެއްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ޒިއްމާގެ ތެރެއިން ޑީޖޭއޭގެ މަސައްކަތްތައް ބެލިދާނެ އެވެ.

ޖޫޑިޝަރީ އިޞްލާޙް ކުރުމުގެ ހުށައެޅުމުގައި އެންމެ އުނދަގޫ ވާނެ އެއްކަމަކީ، މައްސަލަ ހުށައެޅޭ ތަރުތީބުން ވަކިފަރާތަކަށް ނުޖެހޭ ގޮތަށް ރަޖިސްޓުރާ މައްސަލަތައް ޝަރީޢަތްކުރާ މީހުންނާއި ހަވާލު ކުރުމެވެ. އަދި ބެންޗު ކަނޑައެޅުމެވެ. ރާއްޖެ އަކީ ކުޑަ ޤައުމަކަށްވުމާއި އެކު ދެބަސްވުން އުފެދޭ ބޮޑެތި މައްސަލަތައް އެންމެނަށް ވެސް އެނގެ އެވެ. ރަޖިސްޓުރާ ބޭނުން ވެއްޖެ ހިނދެއްގައި ބެންޗު ކަނޑައެޅުމުގައި މައްސަލާގައި އޭނާ ތަރުޙީބު ދޭ ގޮތަށް ތާއީދު ކުރާ ބަޔަކަށް އަޣްލަބިއްޔަތު ލިބޭ ގޮތަށް ބެންޗު ކަނޑައެޅުމުގެ ފުރުޞަތު އެބައޮތެވެ. އަދި އިދިކޮޅު ޙިޔާލުގެ މީހުން ބެންޗުގައި އެއްގޮތަކަށް ވެސް ޝާމިލު ނުކުރުމުގެ ފުރުޞަތު އެބަ އޮތެވެ. މިހާރު ވެސް މިގޮތަށް ކަންތައް ހިގުމުގެ ފުރުޞަތު އެބަ އޮތެވެ. ހިނގައޭ ނުދަންނަވަމެވެ. މައްސަލަތައް ހަވާލު ކުުރުމުގައި ވެސް ހުށައެޅޭ ތަރުތީބުން ހަވާލު ކުރުމުގައި މިކަހަލަ މައްސަލަ އެއް ނުކުންނާނެ އެވެ. ހުށައެޅޭ ތަރުތީބު އެގޭނެ ގޮތަށް ހާމަ ކުރެވުނަސް އެވެ. ތެދުފުޅެކެވެ. ކޮންމެވެސް ވަރަކަށް މީހުންނަށް އިތުބާރު ކުރަން ޖެހޭނެ އެވެ. ޖޫޑިޝަރީގައިތޯ އެވެ؟އަޅުގަނޑަށް މަޢާފް ކުރައްވާ ށެވެ!

comment ކޮމެންޓް