އެވަޓަން ކައިރިން މޮޅުވެ ސިޓީ ވަގުތީ ގޮތުން އެއްވަނައަށް އަރައިފި

އެވަޓަން ކޮޅަށް ގޯޅު ޖެހުމަށް ފަހު މެންޗެސްޓާ ސިޓީގެ ކުޅުންތެރިން -- ފޮޓޯ / އެލެކްސް ފިޝާ

އިނގިރޭސި ޕްރިމިއާ ލީގުގެ ވޭތުވެ ދިޔަ އަހަރު ޗެމްޕިއަނުން ކަމުގައިވާ މެންޗެސްޓާ ސިޓީ ރޭ އެވަޓޮން ކައިރިން މޮޅުވެ ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މީގެ ދެހަފްތާ ކުރިން ލިވަޕޫލް އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއްގައި އޮތް ނަމަވެސް އޭގެ ފަހުން ކުޅެވުނު މެޗު ތަކުން އެކަށީގެންވާ ވަރަށް ޕޮއިންޓުތައް ނުލިބެމުން ގޮސް މިވަގުތު އެ ޓީމު އޮތީ ދެވަނައިގައެވެ. ރޭގެ މެޗުން 0-2 ގެ ނަތީޖާއަކުން އެވަޓަން މައްޗަށް ސިޓީ ކުރި ހޯދުމާ އެކު އެ ޓީމު ވަނީ ލިވަޕޫލަށް ވުރެން އެއް މެޗު އިތުރަށް ކުޅެ ވަގުތީ ގޮތުން އެއްވަނައަށް ޖެހިލާފައެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ -- ފޮޓޯ / އެލެކްސް ފިޝާ

މެޗު ފެށިގެން ބޯޅަ ގިނައިރު ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް ސިޓީއިން އުފެއްދިއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ވިންގަކަށް ކުޅެމުން އަންނަ އެމެރިކް ލަޕޯޓް ވަނީ ގޯލެއް ޖަހައި ސިޓީއަށް ލީޑު ނަގައިދީފައެވެ. މިއީ އޭނާ މި ސީޒަނުގައި ސިޓީއަށް ކާމިޔާބު ކޮށްދިން ހަތަރުވަނަ ގޯލެވެ.

ދެވަނަ ހާފު ފެށިގެން ވެސް ސިޓީއިން ދިޔައީ އެވަޓަންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ސިޓީގެ ފޯވާޑް ލައިންގެ އިތުރުން މެދު ތެރެއަށް ކުޅޭ ކުޅުންތެރިންގެ އަވަސް ކުޅުމުން އެވަޓަންގެ ޑިފެންސަށް " އޮބި " އޮންނަ ވަރެއް ނޫނެވެ. ނަމަވެސް ސިޓީއަށް ލިިބުނު ގިނަ ފުރުސަތުތަށް ވަނީ ބޭނުން ނުކުރެވި ބޭކާރުވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ސިޓީގެ ދެވަނަ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސުސްއެވެ.

މި މޮޅާ އެކު ސިޓީއަށް ވަނީ 26 މެޗު ކުޅެގެން 62 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި މިވަގުތު އޮތް ލިވަޕޫލްއަށް 25 މެޗު ކުޅެގެން 62 ޕޮއިންޓު ލިބިފައި ވީ ނަމަވެސް ސިޓީ މިވަގުތު އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ރޭ މެޗުން ބަލިވި އެވަޓަން 26 މެޗު ކުޅެގެން 33 ޕޮއިންޓު ލިބިފައިވެއެވެ. ތާވަލުގެ ނުވަވަނައިގައި އޮތް އެވަޓަން ވަނީ އެންމެ ފަހުން ކުޅެވުނު 10 މެޗުން ހަތް ބަލި ވެފައެވެ.

comment ކޮމެންޓް