ކްރެޑިޓް އިންފޮމޭޝަން ރެޖިސްޓްރީ މުހިއްމުވަނީ ކީއްވެ؟

ކްރެޑިޓް އިންފޮމޭޝަން ރެޖިސްޓްރީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން، ކަސްޓަމަރުންގެ ކްރެޑިޓާގުޅޭ މައުލޫމާތު ވާދަވެރި ކުންފުނިތަކާއި ހިއްސާކުރުމަކީ ބޭންކުތަކުން އަބަދުވެސް ފަސްޖެހޭ ކަމެކެވެ. އެހެންނަމަވެސް ބޭންކިން އިންޑަސްޓްރީގެ ހަޤީޤަތަކީ އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން، ހެޔޮއަގުގައި ފަސޭހަކަމާއެކު ލޯނު އަދި އެނޫންވެސް ކްރެޑިޓް ވަސީލަތްތައް ހޯދަން ބޭނުންވާކަމެވެ. އަދި ބޭންކުތަކުގެ ވިޔަފާރި ތަރައްގީ ކުރުމަށް، ދެނެތިބެ ރައްކާތެރިކަމާއެކު ކްރެޑިޓާގުޅޭ ނިންމުންތައް ނިންމަންޖެހޭކަމެވެ.

މިކަމަށް ވާސިލްވުމަށް އެންމެ ރަނގަޅު ނިޒާމަކީ ކްރެޑިޓް އިންފޮމޭޝަން ރަޖިސްޓަރީއެކެވެ. މި ފަދަ ރަޖިސްޓަރީއެއްގެ މައިގަނޑު މަގުސަދަކީ ކްރެޑިޓް ދޫކުރާ ފަރާތްތަކުން ލިބޭ މައުލޫމާތު އެއްކޮށް، ތަރުތީބުކޮށް، ކްރެޑިޓް އިންފޮމޭޝަން ރިޕޯޓެއްގެ ސިފައިގައި އެކުލަވައިލުމަށްފަހު، އެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.

ކްރެޑިޓް ހިރާސްތައް ކުޑަކޮށް މާލީދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކްރެޑިޓާބެހޭ ފުރިހަމަ މައޫލާމާތު ލިބޭނެ ނިޒާމެއް ގާއިމްވުން ކޮންމެހެން މުހިއްމެވެ.

ކްރެޑިޓް އިންފޮމޭޝަން ރެޖިސްޓްރީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކްރެޑިޓް ރަޖިސްޓަރީ މެދުވެރިކޮށް މާލީ ދާއިރާގެ ހަމަޖެހުމަށާއި، ކްރެޑިޓް މާކެޓް ހަރުދަނާކުރުމަށް މައިގަނޑު ދެ ގޮތަކުން އެހީވެދެއެވެ. ފުރަތަމަ ކަމަކަށް، ބޭންކުތަކާއި އެހެނިހެން ކްރެޑިޓް ދޫކުރާ ފަރާތްތަކަށް ހުށަހެޅޭ އެޕްލިކޭޝަންތައް ސްކްރީން ކުރުމަށާއި، ލޯނު ނަގާފައިވާ ކަސްޓަމަރުން މޮނީޓަ ކުރުމަށް އެހީތެރިވެދެއެވެ. ދެވަނަ ކަމަކަށް، މާލީ ދާއިރާ ރެގިއުލޭޓް ކުރާ ފަރާތުން، މާލީ އިދާރާތަކަށް ދިމާވާ ކްރެޑިޓް ހިރާސްތައް ދެނެގަތުމަށް އެހީވެދީ އަދި ބޭކިން އިންޑަސްޓްރީ ރެގިއުލޭޓް ކުރަމަށް އެހީތެރިވެދެއެވެ.

ހަރުދަނާ ކްރެޑިޓް ރިޕޯޓިން ނިޒާމެއްގެ ތެރެއިން، ދުނިޔޭގެ ގިނަ ފައިނޭންޝަލް މާކެޓްތަކުގައި އަދި ހާއްސަކޮށް ތަރައްޤީވަމުންދާ ޤައުމުތަކުގެ ފައިނޭންޝަލް މާކެޓްތައް ފެއިލްވުމުގެ ފުރުސަތު ހަނިކޮށްދެއެވެ. "އިންފޮމޭޝަން އެސިމެޓްރީ" ނުވަތަ ލޯނުނަގާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ކްރެޑިޓް ދޫކުރާ ފަރާތްތަކަށް ނުލިބުމުން ދިމާވެދާނެ މައްސަލަތައް، ފުރިހަމަ ކްރެޑިޓް އިންފޮމޭޝަން ނިޒާމަކުން ހައްލުކޮށްދެއެވެ. މިކަމުގެ ސަބަބުން ލޯނު ނުދައްކާ ފަރާތްތަކުގެ އަދަދު މަދުވެ، ކްރެޑިޓް ދޫކުރާފަރާތްތަކުން ކްރެޑިޓް ހިދުމަތްތައް ދޫކުރާ އަދަދު އިތުރު ވެގެންދާނެއެވެ. ހަމަމިއާއެކު، މުޖުތަމައުގައި ގަވާއިދުން ދަރަނި އަދާކުރުމުގެ ޘަޤާފަތެއް އުފެދި، އާންމު ފަރުދުންނަށާއި ވިޔާފާރިތަކަށް ލުއިގޮތެއްގައި ކްރެޑިޓް ވަސީލަތްތައް ދޫކުރުމުގެ ބާރަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، ލޯނުތަކަށް ގަވާއިދުން ފައިސާ ދައްކައިގެން ލޯނު ނަގާ ފަރާތްތަކުގެ ކްރެޑިޓް ހިސްޓްރީ ރަނގަޅުވެ، މުސްތަޤުބަލުގައި ރަހުނު ކުރުމަކާއި ނުލާ ކްރެޑިޓް ހިދުމަތްތަށް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން ޚާއްސަ ގޮތެއްގައި އަމިއްލަ ފަރުދުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރަހުނު ކުރެވޭނެ މުދަލެއް ނެތުމުގެ ސަބަބުން ލޯނު ނުވަތަ އެނޫންވެސް ކްރެޑިޓް ހިދުމަތްތައް ހޯދުމަށް ހުރި ގޮންޖެހުންތައް ކުޑަވެގެންދާނެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން މިއަދު ވަނީ އެ އޮތޯރިޓީގައި ގާއިމުކޮށްފައިވާ ކްރެޑިޓް އިންފޮރމޭޝަން ބިއުރޯ އިން އޮންލައިން ކްރެޑިޓް ހިސްޓްރީ އަށް އެދެވޭނެ އިންތިޒާމް ގާއިމުކޮށްފައެވެ. މި ނިޒާމުގެ ސަބަބުން ލޯނު ދޭ ފަރާތުން ލޯނު ނަގާފަރާތަށް ލޯނު ދިނުމަށް ފަސޭހަ ވެގެން ދާނެ ކަމަަށާއި އެއާ އެކު ލޯނު ދޭ އިންޓްރަސްޓް ރޭޓުތައްވެ ސް ކުޑަ ވެގެން ދާނެ ކަމަށް ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވިއެވެ.

comment ކޮމެންޓް