އެލް ކުލެސިކޯގެ ކުރިމަތިލުން މިރޭ އައިސްޓީވީ އިން ވަގުތުން ގެނެސްދޭނެ

ބާސެލޯނާ އަދި ރެއާލް މެޑްރިޑް ބައްދަލު ކުރާ ފޯރި ގަދަ މެޗު މިރޭ އައިސްޓީވީ އިން ވަގުތުން ދައްކާނެ -- ފޮޓޯ / މީޑީއާނެޓް

ކޮޕަ ޑެލްރޭ ސެމީ ފައިނަލުގައި މިރޭ ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކުޅޭ މެޗު އައިސް ޓީވީ އިން ވަގުތުން ގެނެސްދޭނެ ކަމަށް މީޑިއާނެޓުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ދުނިޔޭގެ އެންމެ ވާދަވެރި ދެ ކުލަބު ކަމަށް ވާ ބާސެލޯނާ އަދި ރެއާލް މެޑްރިޑް ގެ ކުރިމަތިލުން ( އެލް ކުލެސިކޯ) މިރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު މެޗު ބެލޭނެ ގޮތެއް ނެތިފައި ގިނަ ސަޕޯޓަރުން ތަކެއް ތިއްބައި މީޑިއާނެޓުން މި އެންގެވި އެންގުމުން ގިނަ ބަޔަކު މިކަމާ ދަނީ އުފާ ފާޅު ކުރަމުންނެވެ.

އެ މެޗަކަށްޓަކައި އެތައް ބަޔަކު ދިގު އިންތިޒާރެއް ކުރަމުންދާ އެލް ކުލެސިކޯ މިރޭ ދަންވަރު އެކެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ އިރު ދެ ޓީމުގެ ސަޕޯޓަރުންގެ ވާދަވެރިކަން ވެސް ސޯޝަލް މީޑިއާގައި ދަނީ ފޯރި ގަދަ ވަމުންނެވެ.

ބާސެލޯނާގެ ދަނޑުގައި (ކޭމްޕް ނޫ) ގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ ސްޕެނިޝް ލީގު ކަޕް ( ކޮޕަ ޑެލް ރޭ) ގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގެވެ. ދުނިޔޭގެ އެންމެ ބޮޑު ފޭން ބޭސްއެއް އޮންނަ މި ދެ ކުލަބުގެ ކުރިމަތިލުމަކީ އަބަދުވެސް ވަރަށް ފޯރި ގަދަކޮށް ކުޅެވިގެންދާ ގިނަ ރަތް ކާޑު ތަކާއި ތަޅާފޮޅުން ތަކެއް ވެސް ފެނިފައިވާ މެޗެކެވެ.

މީގެ އިތުރުން މި ދެ ޓީމުގެ ދެވަނަ ކުރިމަތި ލުން ވެސް މި މަހުގައި ހަމަ އޮންނާނެއެވެ. އެއީ ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅޭ ސެމީ ފައިނަލުގެ ދެވަނަ ލެގުއެވެ. އަދި އަންނަ މަހުން ސްޕެނިޝް ލީގުގައި ވެސް މި ދެ ޓީމު ބައްދަލު ކުރާ މެޗެއް އޮންނާނެއެވެ.

ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކަށް އީދެއް ފަދަ މި ދުވަސްކޮޅަކީ ފޯރިގަދަ މެޗުތަކެއް ކުޅެވިގެން ދާ ދުވަސް ކޮޅެކެވެ. އެ ގޮތުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތައް ވެސް މި މަހުގެ ތެރޭގައި ކުޅޭނެއެވެ.

comment ކޮމެންޓް