ބީއެމްއެލްގެ ލުއި ލޯން 300،000 ރުފިޔާ އަށް ބޮޑުކުރުމުގެ މަސައްކަތް ފައްޓައިފި

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވާހަކަ ދައްކަވަނީ: އެކުންފުނިން ދޭ ލުއި ލޯނު ތިންލައްކަ ރުފިޔާ އަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ލުއި ލޯން 300،000 ރުފިޔާ އަށް ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ބީއެމްއެލްގެ ލުއި ލޯން މިހާރު ދެމުން އަންނަނީ 100،000 ރުފިޔާ އާ ހަމައަށެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ "ކްރެޑިޓް އިންފޯމޭޝަން ބިއުރޯގެ ވެބްސައިޓް އިފްތިތާޙު ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ، މުހައްމަދު ޝަރީފް ވިދާޅުވީ، އެ ކުންފުނިން ދޫކުރާ ލުއި ލޯނު ހަމަޖެހޭ މުއްދަތު ފަސް ދުވަހަށް ކުޑަކުރެވިފައިވާ ކަމަށާއި ލުއި ލޯނު ދޫކޫރާ އަދަދު 100،000 ރުފިޔާ އިން 300،000 ރުފިޔާ އަށް ބޮޑު ކުރުމުގެ މައްސަކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"މިދަނީ ލުއި ލޯނުގެ އަދަަދު ތިންލައްކައާ ހަމަޔަށް އިތުރުކުރުމުގެ މަސައްކަތް [މިދަނީ] ކުރަމުން،" ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިން ލުއި ލޯން ތައާރަފު ކުރި އިރު ފުރަތަމަ ދޫކުރީ 15،000 ރުފިޔާ އެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، ރާއްޖޭގެ ރަށްތައް އެކުލެވިފައިވާ ގޮތުން ބޭންކިން ހިދުމަތް ހޯދުމަށާއި މާލީ ގޮތުން ބޭނުންވާ އެހީތެރިކަން ހޯދުމަށް ރައްޔިތުންނަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޒަމާނާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތްތައް ޑިޖިޓަލް ކުރުން ކަމަށެެވެ.

ބީއެމްއެލް އިން އެންމެ ބޮޑު އިންވެސްޓެއް ކުރަމުން ދަނީ ރާއްޖޭގެ މުޅި އަބާދީއަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށާއި އެކުންފުނިން ޒަމާނީ ޓެކްނޮލޮޖީއަށް އިންވެސްޓް ކުރަމުންދާކަމީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ކުންފުނީގެ ޑެޕިއުޓީ ސީއީއޯ ޝަރީފު ވިދާޅުވި އެވެ.

comment ކޮމެންޓް