އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފިދާނެ، ރާޑަރު އިންޑިއާއަށް މުހިއްމެއް ނޫން: މާރިޔާ

މާރިޔާ އިންޑިއާގެ ޑިފެންސް މިނިސްޓަރާ އެކު--- ފޮޓޯ: މާރިޔާ

އިންޑިއާ އިން ބޭނުން ނަމަ ރާއްޖެ ހިފި ވެސް ދާނެ ކަމަށާއި އަދި ރާއްޖޭގައި މިހާރު ހަރުކުރަމުންދާ ރާޑަރުތައް އިންޑިއާއަށް މުހިއްމު ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލް އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ރާއްޖޭގައި ހަރުކުރި ރާޑަރުތަކުގެ ހަގީގީ މަގުސަދު ދެ ގައުމުގެ މީޑިއާތަކަށް އޮޅިފައިވާ ކަމަށެވެ.

"އެ އެއްބަސްވުމުގައި ސޮއިކުރީ ޔާމީން ސަރުކާރުގައި. އަޅުގަނޑުމެން ހަމައެކަނި އެއްބަސްވުން ތަންފީޒްކުރަނީ. ކުރިން ދުވަހު ވެސް 12 މަސްވެރިއަކު އުޅުނު ގެއްލިގެން. ރާޑަރު ހުރުމުން އެމީހުން ތިބި ސީދާ ސަރަހައްދު ހޯދާނެ. އެހެންނަަމަވެސް އެ ވާހަކަ އެއްބަޔަކު ދައްކަނީ މާބޮޑުކޮށްލައިގެން،" އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރާޑަރު ސިސްޓަމުން އިންޑިއާ އަށް ފައިދާއެއް ނުކުރާނެ ކަމަށާއި އަދި އޭގެން ފައިދާ ވަނީ ދިވެހިންނަށް ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖޭގެ ސަރަހައްދު ބަލަން ބޭނުން ނަމަ އެމީހުން ޖައްވަށް ފޮނުވާ ސެޓެލައިޓުން އެކަން ބެލޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެެހެއްޓުމަށް އެތައް ބައިވަރު ތެލަކާއި އެތައް ވަސީލަތްތަކަކަށް ޓެކްސް ދައްކާ މީހުންގެ އަތުން ހަރަދުކުރަމުންދާ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އެ ރާޑަރުތަކުގެ ވާހަކަ، ރާއްޖޭގެ އިސްތިގުލާލާ ގުޅޭ ގޮތުން އެއްބަޔަކު ދައްކަނީ އެހެން މަގުސަދެއް އޮވެގެންކަމަށް މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި އަދި ދެ ގައުމުގެ ސިޔާސަތުތައް ވެސް ހުރީ އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި ކަމަށެވެ.

އިންޑިއާ އިން ރާއްޖޭގައި 13 ރާޑަރެއް ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށައިފަ އެވެ. އަދި އޭގެ އިތުރުން އިންޑިއާ އިން މިހާރު ވެސް ދަނީ ރާއްޖޭގެ ދެކުނުގައި ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަމުންނެވެ.

comment ކޮމެންޓް