ގްރީން ކައިރިން މާޒިޔާ މޮޅުވި އިރު ފަހަތުން އަރައި އީގަލްސްއިން އޭދަފުށި ބަލިކޮށްފި

މާޒިޔާ އަދި ގްރީންސްޓްރީޓް ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

މިދިޔަ އަހަރުގެ ޔޫތް ޗެމްޕިއަން ގްރީން ސްޓްރީޓް ބަލިކޮށް މާޒިޔާއިން ފެށުން ރަނގަޅު ކުރި އިރު ފަހަތުން އަރައި ކުލަބް އޭދަފުށި ބަލިކޮށް އީގަލްސް ވެސް މޮޅުވެއްޖެއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުޅެމުންދާ ޔޫތު ޗެމްޕިއަންޝިޕުގެ ގުރޫޕް 'ބީ' އަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި އެންމެ ފޯރި ގަދަވާނެ ގުރޫޕެވެ. ސަބަބަކީ މި ގުރޫޕުގައި މިދިޔަ އަހަރުގެ ޗެމްޕިއަން އަދި ރަނަރަޕް ގެ އިތުރުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމުވެސް ހިމެނިފައި ވާތީއެވެ.

މާޒިޔާ އަދި ގްރީންސްޓްރީޓް ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

އިއްޔެ ހަވީރު ގްރީން ސްޓްރީޓް އާއި މާޒިޔާ ބައްދަލު ކުރި ފޯރި ގަދަ މެޗު 0-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ މާޒިޔާ އިންނެވެ. މެޗުގައި ގިނަ ގޯލު ތަކެއް ފެނިގެން ނުދިޔަ ނަމަވެސް އެ މެޗަކީ ވަރަށް ވެސް ވާދަވެރިކަމާއި އެކު ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗެކެވެ.

މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ 32 ވަނަ މިނަޓުގައި ކާމިޔާބު ކުރީ އިބްރާހިމް އިމްރާހް އެވެ. އޭނާ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ދެ ޓީމުގައި ތިބި ކީޕަރުންގެ ހުޝިޔާރުކަމުން ގިނަ ގޯލު ތަކެއް ވަނަ ނުދީ ވަނީ ހިފަހައްޓާފައެވެ. މާޒިޔާ ގެ ދެވަނަ މެޗުގައި މާދަމާ ބައްދަލު ކުރަން ޖެހޭނީ ޔުނައިޓެޑް ވިކްޓަރީއާއެވެ. އަދި ހަމަ އެދުވަހު ގްރީން ސްޓްރީޓް ކުލަބް އޭދަފުއްޓާ ބައްދަލު ކުރާނެއެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށް ވާ އީގަލްސް އަދި ކުލަބް އޭދަފުށި ރޭ ބައްދަލު ކުރި މެޗު ފަހަތުން އަރާ 1-3 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ އީގަލްސް އެވެ.

އީގަލްސް އަދި ކުލަބް އޭދަފުށި ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

އެ މެޗު ފެށިގެން 15 ވަނަ މިނަޓު ތެރޭގައި އޭދަފުށިން ވަނީ ގޯލެއް ޖަހާ ވަރުގަދަ ފެށުމަކުން މެޗު ފަށާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން އަހުމަދު އައިހަމް އެވެ. މި ގޯލާ އެކު އީގަލްސްގެ ކުޅުން ރަނގަޅު ކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ 10 ނަމްބަރަށް ކުޅެމުންދާ ހުސައިން އަހުސަމް ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ކުރިއަށް ޖައްސާ ގޯލު ޖަހަން މަސައްކަތް ކުރިއެވެ. އެގޮތުން 65 ވަނަ މިނަޓުގައި އީގަލްސްގެ އިސްމާއީލް ވިފާގު ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ފަސް މިނަޓު ފަހުން އޭދަފުއްޓަށް ގޯލު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ އަހުމަދު އައިހަމްއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފައެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ އޭދަފުށީ ކޮޅަށް މެޗު ނިމުމުގެ ކުރިން އީގަލްސް އިން ވަނީ އިތުރު ގޯލެއް ޖަހައި މެޗު ޔަގީން ކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ކުޅެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ހަސަން ރާއިފް (ހަންނަ) އެވެ.

comment ކޮމެންޓް