އީ-ސިނގިރެޓެއް ގޮވައި، އެމެރިކާގެ 24 އަހަރުގެ މީހަކު މަރުވެއްޖެ

އީ-ސިނގިރެޓެއް ގޮވުމުގެ ސަބަބުން މަރުވި 24 އަހަރުގެ ވިލިއަމް ބްރައުން -- ފޮޓޯ: ފޭސްބުކް

ވޮޝިންޓަން (ފެބްރުއަރީ 6): މިދިޔަ މަހުގެ 29ގައި އެމެރިކާގެ ޓެކްސަސްގައި 24 އަހަރުގެ ވިލިއަމް ބްރައުން މަރުވީ އޭނާގެ އީ-ސިނގިރެޓު ގޮވުމުގެ ސަބަބުން ކަމަށް ޕޯސްޓް މޯޓަމްއިން ދައްކައިފި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެހާދިސާ ހިނގީ މިދިޔަ މަހުގެ 27ގައި ބްރައުން އޭނާގެ އީ-ސިނގިރެޓުގައި މައްސަލައެއް ޖެހިގެން، އެފަދަ ތަކެތި ވިއްކާ ފިހާރައަކަށް ދިޔަ ފަހުންނެވެ. އަދި އެއަށް ފަހު އޭނާގެ ކާރު ތެރޭގައި ހުރެ އީ-ސިނގިރެޓު ބޭނުން ކުރަން މަސައްކަތް ކުރުމުން، އޭގެ ބެޓެރި ގޮވުމުންނެވެ.

އެފިހާރައިގެ މެނޭޖަރު ވަނީ، ބްރައުން ބޭނުން ކުރީ އާއްމުކޮށް މައްސަލަތައް ޖެހޭ، 'މެކޭނިކަލް މޮޑް' ސްޓައިލްގެ އީ-ސިނގިރެޓެއް ކަމަށް ބުނެފަ އެވެ.

ޓެކްސަސްގެ ޓެރެންޓް ކައުންޓީ މެޑިކަލް އެގްޒަމިނާސް އޮފީހުން ބުނި ގޮތުގައި ގޮވި ބެޓެރީގެ ބައިތައް ވަނީ ބްރައުންގެ މޫނަށާއި ކަރާ ދިމާލަށް ބުރައިގެން ގޮސް، ސިކުނޑިއަށް ލޭ ގެންގޮސްދޭ ލޭ ހޮޅިއެއްގައި ތާށިވެފަ އެވެ.

ބްރައުންގެ އާއިލާގެ މެމްބަރަކު ބުނި ގޮތުގައި ޑޮކްޓަރުންނަށް އެދަގަނޑު އެތިކޮޅު އޮޕަރޭޝަންކޮށްގެން ނުނެގުނެވެ. އޭގެ ސަބަބުން ބްރައުން ކޯމާއެއްގައި އޮންނަތާ ދެ ދުވަސް ފަހުން މަރުވީ އެވެ.

އެމެރިކާ ސަރުކާރުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން 2009 އަކާއި 2016އާ ދޭތެރޭ އެގައުމުގައި އީ-ސިނގިރެޓު ގޮވުމުގެ 195 ހާދިސާއެއް ހިނގާފައިވެ އެވެ. އަދި އޭގެ ތެރެއިން 29 ޕަސެންޓު ހާދިސާތަކުގައި މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައިވެއެވެ.

comment ކޮމެންޓް