ޓީޗަރެއްގެ އިހުމާލުން ހުތުރު މަންޒަރުތަކެއް ކަލާފާނުގެ ދަރިވަރަކަށް ފެނުނު މައްސަލައެއް ފެންމަތިވެއްޖެ

ކަލާފާނު ސްކޫލް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކަލާފާނު ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކަށް ޓީޗަރެއްގެ އިހުމާލުން އިންޓަނެޓުން، އުމުރާ ނުގުޅޭ ހުތުރު ބަހާއި މަންޒަރު ފެނުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ހިނގި ހާދިސާގައި ސްކޫލު ކުދިންނަށް ދީފައިވާ ޓެބްލެޓު މެދުވެރިކޮށް ފިލާވަޅެއް ހަދަން އުޅުމުގެ ތެރޭގައ،ި ޓީޗަރު ބުނި ލިންކަކަށް ފިތުމުން، ހުތުރު މަންޒަރު އަދި އުމުރާ ނުގުޅޭ ވާހަކަތައް ފެނުނީ އުމުރުުން 12 އަހަރުގެ އަންހެން ކުއްޖަކަށެވެ.

އެ މައްސަލާގައި އެ ކުއްޖާގެ ބައްޕަ ވަނީ ޓީޗަރާ ދެކޮޅަށް ރޭ ފުލުހަށް މައްސަލަ ހުށަހަޅައިފަ އެވެ.

"ސަން"އާ ވާހަކަ ދައްކަމުން އެ ކުއްޖާގެ ބައްޕަ ބުނީ އެ ހާދިސާ ހިނގާފައި ވަނީ ކްލާހުގައި އިނގިރޭސި ފިލާވަޅަކަށް މޯބައިލް ފޯނުތަކުގެ ފައިދާ އާއި ގެއްލުމާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން އުޅުމުގެ ތެރޭގައި ކަމަށެވެ.

"މި ޓީޗަރު ބޭނުންވީ އެޑްވާންޓޭޖާސް އޮފް މޯބައިލް ފޯންސް ކޮންމެ ވެސް ފިލާވަޅަކަށް މައުލޫމާތު ހޯދަން. ދެން މި ބުނަނީ ހުރިހާ ކުދިން ކައިރީގައި ޓެބްލެޓު ހުޅުވާށޭ. މި މީހުން އަޅާފައި ހުންނަނީ ސްޕިން ބްރައުޒާ ކިޔާ ބްރައުޒާއެއް. އެއީ ކޮންމެވެސް ވަރަކަށް ސެކިއުރިޓީ އޮންކޮށްފައިވާ އެއްޗެއް. އެކަމަކު މުޅިއަކުންނެއް ނޫން. ދެން ޓީޗަރު މި ބުނަނީ ސާޗުކޮށްފައި ރިޒަލްޓު އައިމާ މިވެނި ލިންކަކަށް ފިތާށޭ. ދެން އެ ލިންކަށް ފިތީމާ މަތީގައި މި ހުންނަނީ ހުސް ސެކްޝުއަލް އެޑު، ތިރީގައި ވެސް ހުސް ސެކްޝުއަލް އެޑު. ބަދުއަޚްލާގީ މަންޒަރުތައް،"

ނަން ހާމަނުކޮށް އޭނާ ބުނީ، އެ ދުވަހު ދަރިފުޅު ގެޔަށް އައިސް މަންމަ ކައިރީގައި އެ ވާހަކަ ކިޔައިދިން ކަމަށެވެ. އަދި އެ ސައިޓުން ފެނުނު އެއްޗެތި ކިޔައިދިން ކަމަށެވެ.

އޭނާ ބުނީ އެ ދުވަހު ދަރިފުޅު ގެޔަށް އައިސް މަންމަ ކައިރީގައި މިވެނި ބަހެއްގެ މާނައަކީ ކޮބައިހޭ އަދި އަންހެނުންނަށް މިވެނި ކަމެއް ވަނީ ކިހިނެއްހޭ އަހައި ސުވާލު ކުރި ކަމަށެވެ.

އެ ޓީޗަރު ދަރިވަރުންނާ ހިއްސާ ކުރި ލިންކު އެ ކުއްޖާގެ ބައްޕަ ވަނީ "ސަން"އާ ހިއްސާކޮށްފަ އެވެ.

ޓީޗަރު ދިން ލިންކުގައި ހުރި ކުޑަކުދިންނާ ނުގުޅޭ އެޑެއް --

އެ ކުއްޖާގެ ބައްޕަ ބުނީ އެކަމުގެ ޝަކުވާ ސްކޫލުގެ ޕްރިންސިޕަލް ރަހްމާ އަބްދުއްރަހްމާނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޓެބްލެޓު ހިފައިގެން ޕްރިންސިޕަލަށް ގެންގޮސް ޕްރިންސިޕަލްގެ ހާޒިރުގައި އެ ލިންކަށް ވަނުމުން ވެސް އެފަދަ މަންޒަރުތައް ހުރި ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލަ ބަލާނެ ކަމަށް ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.

ޓީޗަރު ދިން ޕޭޖުގައި ޖަހާފައި ހުރި އެޑެއް --

ނަމަވެސް މިއަދު "ސަން"އާ ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ރަހްމާ ވިދާޅުވީ، އެފަދަ ޝަކުވާއަކާއިގެން ބެލެނެވެރިއަކު އައިކަމަށެވެ. ނަމަވެސް އޭނާ ބެލި ބެލުމުން ބަރަހަނާ މަންޒަރުތައް ކަމަށް ބުނެވޭނެ މަންޒަރެއް އެ ވެބްސައިޓުގައި ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން ތިޔަ ވިދާޅުވާ ފަދަ އެއްޗެއް ފެނިފައެއް ނެތް،" އެ ޕޭޖުގައި ކުޑަކުދިންނާ ނުގުޅޭ މަންޒަރު ހުރިތޯ ސުވާލު ކުރުމުން ރަހުމާ ވިދާޅުވި އެވެ.

އަދި އޭނާ ވިދާޅުވީ، ޓެބްލެޓުތައް މެދުވެރިކޮށް ބަރަހަނާ މަންޒަރުތައް ފެންނަ ވެބްސައިޓަކަށް ނުވަދެވޭނެ ކަމަށެވެ.

ރާއްޖޭގެ ސްކޫލުތައް ޑިޖިޓަލައިޒް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފެށި ޕްލޭންގެ ދަށުން، ކަލާފާނު ސްކޫލުގައި ޓެބްލެޓް ބޭނުން ކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހު އެވެ. މިހާރު މާލޭގެ ބޮޑެތި ސްކޫލުތަކުގައި ކިޔަވައިދިނުމަށް ޓެބްލެޓު ބޭނުން ކުރެ އެވެ.

comment ކޮމެންޓް