ފޯކައިދޫގައި ބިދޭސީއަކު ހުއްދަ ނުނަގައި ސިއްހީ ހިދުމަތް ދިން މައްސަލައެއް ބަލަނީ

ށ ފޯކައިދޫ

ށ. ފޯކައިދޫގައި ބިދޭސީއަކު ހުއްދަ ނުނަގައި ސިއްހީ ހިދުމަތްދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އިތުރަށް އެކަން ބަލަމުންދާ ކަމަށެވެ.

ފޯކައިދޫގައި އިންޑިއާގެ ރައްޔިތަކު ޗުއްޓީ އަށް ގޮސްހުރެގެން ސިއްހީ ފަރުވާ ދެމުންދާ ކަމަށް އެ ރަށުގެ މީހަކު ވެސް ވަނީ މައުލޫމާތު ދީފަ އެވެ. އެގޮތުން އޭނާ އަކީ ޗައިނީޒް މެޑިސިންގެ ރޮނގުން މަޝްހޫރުކަން ހޯދައި، އިންޑިއާގައި އެ ފަރުވާދޭ މީހެއް ކަމަށާއި އޭނާ ފޯކައިދޫ އަށް ދިޔައީ ރައްޓެއްސަކާ އެކު ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެނާ ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ފޯކައިދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވީ އެ ރަށަށް ޒިޔާރަތްކުރި އިންޑިއާގެ މީހާގެ ގާތުން ރަށުގެ ގިނަ ބަޔަކު އިންޑިއާ އަށް ގޮސް ވެސް ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި ޗުއްޓީގައި އޭނާ ފޯކައިދޫ އަށް ދިޔުމުން ގިނަ ބަޔަކު އެނާގެ ގާތުން ފަރުވާ ހޯދުމަށް އެދޭތީ ކައުންސިލްގެ އެއްވެސް އިއުތިރާޒެއް އޮތްތޯ ވެސް އޭނާ ބެލި ކަމަށް ކައުންސިލްގެ މެންބަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެންނެވިން މެޑިކަލް ޓްރީޓްމެންޓެއް ނުދެންޏާ މައްސަލައެއް ނެތޭ. ހަމައެކަނި ހުޅުގައި ރިއްސުމުގެ ކަންތައް ނޫނީ ކަށީގެ މައްސަލަ ހުންނަ މީހުން އޭނާ އަށް ދައްކާލަންދަނީ އެމީހުން ބޭނުންވެގެން. އެއްވެސް މެޑިކަލް ފަރުވާ އެއް ނުހޯދާ،" ކައުންސިލުގެ މެންބަރަކު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީ އިން ވެސް ބުނީ އެ މިނިސްޓްރީ އިން ވެސް އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް