ޓީސީއިން ފޯކައިދޫ ބަލިކޮށް ފެށުން ރަނގަޅު ކުރި އިރު ވިކްޓަރީި އަދި ޑަގޭންގް އެއްވަރު ވެއްޖެ

އިއްޔެ ފެށުނު ޔޫތު ޗެމްޕިއަންޝިޕުގައި ޓީސީ އަދި ފޯކައިދޫ ވާދަ ކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ / ފަޔާޒް މޫސާ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ 21 އަހަރުން ދަށުގެ ޔޫތު މުބާރާތް އިއްޔެ ފަށައިފިއެވެ.

ގިނަ ކޯޅުންތަކަކަށް ފަހު ޖުމްލަ ނުވަ ޓީމާއި އެކު ފެށި ޔޫތު މުބާރާތް ދެ ގުރޫޕަކަށް ބަހާލައިގެން ފެށި އިރު ފޯރި ގަދަ ދެ މެޗު އިއްޔެ ވަނީ ކުޅެފައެވެ. މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން ގުރޫޕް 'އޭ' ގެ ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބު އަދި ފޯކައިދޫ ބައްދަލު ކުރި މެޗު ވާދަވެރި ކުޅުމަކަށް ފަހު ޓީސީ މޮޅުވި އިރު ވިކްޓަރީ ސްޕޯޓްސް ކުލަބު އަދި ޑަ ގޭންގް ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ބަޔަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ.

ވޭތުވެ ދިޔަ އަހަރުގެ ޕުރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީއިން ނެގި އިރު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނާއި އެކު ޔޫތު މުބާރާތަށް ޓީސީ ނުކުތް އިރު ފޯކައިދޫ ސްޕޯޓް ކުލަބު ވެސް އޮތީ ވަރުގަދަ ސްކޮޑެކެވެ. ރޭގެ މެޗު ގިނަ ޑުރާމާ ތަކަކަށް ފަހު 2-3 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޓީސީ އެވެ.

އިއްޔެ ފެށުނު ޔޫތު ޗެމްޕިއަންޝިޕުގައި ޓީސީ އަދި ފޯކައިދޫ ވާދަ ކުރި މެޗުގެ ތެރެއިން ފޯކައިދޫގެ ޒުވާން ކުޅުންތެރިޔާ ހަސަން ނަޒީމް (ޗޯޓު) -- ސަން ފޮޓޯ / ފަޔާޒް މޫސާ

މެޗުގައި ފުރަތަމައަށް ގޯލު ޖަހައި ލީޑު ނެގީ ފޯކައިދޫއިންނެވެ. އެ ޓީމުގެ ޒުވާން ފޯވާޑް ހަސަން ނަޒީމް (ޗޯޓު) ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައި ޓީސީގެ ގޯލު ހުޅުވާލިއެވެ. ގޯލަށް ފަހު ޓީސީގެ ކުޅުން ރަނގަޅު ކޮށް ގިނަ ހަމަލާ ތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. މި ހަމަލާތައް ދިފާއު ކުރުމުގެ ތެރޭގައި ފޯކައިދޫގެ ކީޕަރު ވަނީ ޓީސީގެ މުުހައްމަދު ޖުމާންއަށް ފައުލު ކޮށްފައެވެ. އަދި މި ފައުލާ އެކު ކީޕަރަށް ރަތް ކާޑު ދައްކާ ވަނީ ދަނޑުން ބާލާފައެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް މާޔޫސް ކަމެއް ނެތި ފޯކައިދޫ ޓީމުގެ ކުޅުންތެރިން ހިއްވަރާ އެކު ކުޅެން މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ޗޯޓު ވަނީ ފޯކައިދޫ އަށް ގޯލު ޖަހައިދީ ލީޑު ފުޅާ ކޮށްފައެވެ.

ދެވަނަ ހާފުގައި ފެށުނު ގޮތަށް މެޗުގެ އޮއިވަރަށް ބަދަލު އަންނަން ފެށިއެވެ. ޓީސީގެ ފަރާތުން ފެނިގެން ދިޔައީ ޓީމު ކުރިއަށް ޖައްސައި އިދިކޮޅު ޓީމުގެ އެއް ކުޅުންތެރިޔަކު މަދުވުމުގެ "ބަލި ފައިގާ" ހިފިތަނެވެ. އެގޮތުގައި މާ ގިނައިރު ތަކެއް ނުވަނީސް ލިބުނު ޕެނަލްޓީއަކުން ޓީސީ ވަނީ ގޯލެއް ޖަހާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އައްޒާމް އަބްދުﷲ (އެޑު) އެވެ.

އިއްޔެ ފެށުނު ޔޫތު ޗެމްޕިއަންޝިޕުގައި ޓީސީ އަދި ފޯކައިދޫ ވާދަ ކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ / ފަޔާޒް މޫސާ

އެޑުގެ ގޯލާ އެކު ޑަ ގޭންގްއަށް ކުޅުމަށް އެނބުރި ނާދެވި އުޅެނިކޮށް ޖުމާން ވަނީ ޓީސީއަށް ގޯލެއް ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި މެޗު ނިމުމުގެ ކުރީން އިތުރު ގޯލެއް ޖުމާން ވަނީ ޓީސީއަށް ކާމިޔާބު ކޮށްދީ ފުރިހަމަ "ކަމްބެކް" އެއް ހަދައިފައެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ރޭ ވިކްޓަރީ ސްޕޯޓްސް ކުލަބު އަދި ފުރަތަމަ ޑިވިޝަންއަށް މިއަހަރު އަލަށް ކޮލިފައިވެފައިވާ ޑަ ގޭންގް ބައްދަލު ކުރި ވާދަވެރި މެޗު ނިމިގެން ދިޔައީ އެއްވެސް ބަޔަކަށް ގޯލު ނުޖެހި އެއްވަރު ވެގެންނެވެ.

މީގެ އިތުރުން މިއަދު ވެސް މި މުބާރާތުގެ އިތުރު ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރޫޕް 'ބ' ގެ ޓީމުތައް ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން އަދި ވޭތުވެ ދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަން ގްރީން ސްޓްރީޓް ބައްދަލު ކުރާ މެޗުގެ އިތުރުން ކުލަބް އޭދަފުށި އަދި އީގަލްސް ބައްދަލު ކުރާ މެޗުވެސް މިއަދު ކުޅެވިގެން ދާނެއެވެ.

comment ކޮމެންޓް