މޯދީ އަށް އިންޑިޔާގެ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ކުޑަ

އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ

ނަރަންދުރަ މޯދީ އިންޑިޔާގެ ބޮޑުވަޒީރު ކަމާ 2014 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވީ އިންޑިޔާގެ އިގްތިސާދު ރަނގަޅުކޮށް ވަޒީފާގެ އެތައް މިލިއަން ފުރުސަތުތަކެއް އުފައްދާނެކަމުގެ ބޮޑު ވައުދަކާއެކުގައެވެ.

އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު މޯދީ އަށް ލިބުނީވެސް މި ވައުދުތަކާ ގުޅިގެންނެވެ. މިއާއެކު މޯދީގެ ސަރުކާރުގެ ފުރަތަމަ ކޮޅު އޭނާގެ ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) އަށް އިންޑިއާގެ ހުރިހާ ސަރަހައްދަކުން އަދި އިންޑިޔާގެ ހުރިހާ ފަންތިތަކާއި ގިންތި ތަކުން ތާއީދު އޮހިގެން ދިޔައެވެ. ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ވަނީ މިކަން ބަދަލުވެ މޯދީއާއި އޭނާގެ ބީޖޭޕީ ގެ މަޤްބޫލުކަން ވަރަށް ބޮޑަށް ދަށަށްގޮސް އަނެއްކާ ވެސް ބަދަލަކަށް ބޭނުންވެފައެވެ.

އަންނަ މޭމަހު އިންޑިޔާގައި އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު މޯދީގެ ސަރުކާރަށްވަނީ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. މީގެތެރޭގައި ދަނޑުވެރިކަން ދަށަށްދިޔުމާއެކު އިގްތިސާދު ހީނަރުވުމުގެ ސަބަބުން ވަޒީފާ ނެތް މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެފައިވުން ހިމެނެއެވެ.

މިކަންކަމާ ކުރިމަތިލުމަށްޓަކައި މިދިޔަ ހުކުރު ދުވަހު މޯދީގެ ސަރުކާރުން އިންޑިޔާގެ ޕާލަމެންޓަށް ހުށަހެޅި ބަޖެޓްގައިވަނީ ދަނޑުވެރިންނާ މެދު ފަންތީގެ ރައްޔިތުންނަށް ލުއިގޮތްތައް ހޯދައިދޭނެ ކަންތައްތަކެއް ހިމަނާފައެވެ. މިގޮތުން ފަޤީރު ދަނޑުވެރިންނަށް އެހީވުމަށް ސަބްސިޑީ ދިނުމަށް ދިހައެއް ޕޮއިންޓް ހައެއް ބިލިއަން ޑޮލަރުގެ ސްކީމެއް ވަނީ ބަޖެޓްގައި ހިމަނާފައެވެ. މިސްކީމްގެ ދަށުން އިންޑިއާގައި އުޅެމުންދާ 120 މިލިއަން ދަނޑުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 6 ހާސް ރުޕީސްގެ އިނާޔަތެއް ދިނުމަށް މޯދީ ވަނީ ނިންމަވާފައެވެ.

މީގެއިތުރުން، އިންޑިޔާގެ ރަށްފުށު ހިސާބުގެ ތަރައްގީއަށް ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ބޭނުންވާ ފައިސާވެސް މިއަހަރުގެ އިންޑިޔާގެ ބަޖެޓްގައި މޯދީގެ ސަރުކާރުން ހިމަނާފައިވެއެވެ. މި ގޮތުން، ރަށްފުށު ހިސާބުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް އެސަރަހައްދުތަކުގެ މަގުތަކާ ފެނާއި ނަރުދަމާ އާއި ކަރަންޓާއި ފަޚާނައިގެ މަޝްރޫއުތައްފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނާފައިވެއެވެ.

މޯދީގެ ސަރުކާރުން ހުށަހެޅި މި ބަޖެޓްގައި އިންޑިޔާގެ މެދު ފަންތީގެ މަސައްކަތްތެރިންގެ އަތުން ޓެކްސް ނެގުމުގައި ވެސް ލުއި ދޭގޮތަށްވަނީ ހަމަޖައްސާފައެވެ. މި ގޮތުން، މީގެކުރިން އަހަރެއްގެ މައްޗަށް 250 ހާސް ރުޕީސް ލިބޭ ފަރާތްތަކުގެ އަތުން އާމްދަނީގެ ޓެކްސް ނެގުމުގެ ބަދަލުގައި އަހަރެއްގެ މައްޗަށް 500 ހާސް ރުޕީސް ލިބޭ ފަރާތްތަކުން ޓެކްސް ނެގުމަށް އިންޑޔާގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ.

ނަމަވެސް އިންތިޚާބާ މިހާގާތްވެފައި އޮއްވާ ބަޖެޓްގައި ބޮޑެތި ކަންތައްތަކެއް ހިމަނައިގެން މިކަންކަން ރަނގަޅުކޮށްގެން އިންތިޚާބު ކާމިޔާބު ކުރެވޭނެ ފުރުސަތު ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޯދީގެ ފަސްއަހަރުގެ ދައުރު ނިމި އަލުން އިންތިޚާބަކަށް ދިޔުމަށް އެންމެ ތިން މަހަށްވެފައިވާއިރު އިންޑިޔާގައި ވަޒީފާ ނެތް މީހުންގެ ރޭޓުވެސް އެންމެ މައްޗަށް ގޮސްފައިވަނީ ބީޖޭޕީގެ ވެރިކަމުގައިކަން ޚުދު މޯދީގެ ސަރުކާރުގެ އިދާރާތަކުން ލީކުވި ތަފާސް ހިސާބުތަކުން ވަނީ ހާމަވެފައެވެ. މިކަން ހާމަވުމުން ބީޖޭޕީގެ އިތުރުން މޯދީގެ ސިޔާސީ މުސްތަގްބަލާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

comment ކޮމެންޓް