ފީވަކުން ހޮވި "މާވަހަރު"ގެ ބައެއް ޓެސްޓުކުރުމަށް މާލެ ގެނެސްފި

މީގެ ކުރިން ރަށެއްގައި ހޮވި މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް --- ފޮޓޯ: މުހައްމަދު

ށ. ފީވަކުން ދާދި ފަހުން ހޮވި 82 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ ބައެއް މާލެ ގެނެސް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފީވަކު ކައުންސިލްގެ ނާއިބު ރައީސް އަހުމަދު އާދިލް ވިދާޅުވީ އެ މާވަހަރުގެ ބައެއް އިއްޔެ ހަވީރު މާލެ ގެނަސް މިއަދު ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ގިނަ މީހުން ބުނަނީ އެއީ ހަމަ މާވަހަރެކޭ. ދާދި ފަހުން މިއަތޮޅު ކޮމަންޑޫން ހޮވި މާވަހަރުން އެތިކޮޅެއް ގެެނެސްގެން ބެލިއިރު ވެސް އެ މާވަހަރާ އެއާ ވަރަށް ވައްތަރު." އޭނާ ވިދާޅުވި އެވެެ.

ފީވަކުގެ މީހެއް ކަމަށްވާ އަހުމަދު މަނިކު އެ "މާވަހަރު" ހޮވީ ފަތިހު ޑިންގީއެއްގައި ވަދާ ގޮސް އުޅެނިކޮށެވެ.

ފީވަކުން މީގެ ކުރިންވެސް 300 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވެ އެވެ. އެ ފަހަރު އެއީ ސީދާ މާވަހަރަކަށް ނުވިޔަސް އެއީވެސް މާވަހަރުގެ ވައްތަރެއްކަމަށް އާދިލް ވިދާޅުވި އެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން މާވަހަރު ހޮވަ އެވެ. އަދި ބައެއް ފަހަރު އެއް ފަހަރާ ބައެއް ރަށްރަށަށް ގިނަ އަދަދެއްގެ މާވަަހަރު ވެސް ލައްގާފައި އެބަ ހުއްޓެވެ.

comment ކޮމެންޓް