އިންތިހާާާބަށް ކުށުގެ ރެކޯޑު ސާފުކުރުން ހައިކޯޓުން ފަސޭހަކޮށްދީފި

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިޙްތިޝާމް މުޙައްމަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމުގެ ހިދުމަތް ދޭ ވަގުތު ހައިކޯޓުން އިތުރުކޮށްދީފި އެވެ.

ހައިކޯޓުން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމުގެ ކަންކަމުގައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަ ޖެއްސުމުގެ ގޮތުން، މިއަދުން ފެށިގެން މި ހިނގާ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް، ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އަށް، އެ ކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 16:00 އަށް ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމަށް ގެންނަވާ ފޯމްތައް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނަ ގަޑިތަކުގައި ބަލައިގަންނާނެ ވާހަކަ ދަންނަވަމެވެ. އަދި އެ ފޯމްތައް ދުވަހުން ދުވަހަށް ހަވާލުކުރުމަށް ހައިކޯޓުން މަސައްކަތް ކުރަމުން އަންނަ ވާހަކަވެސް ދެންނެވީމެވެ."

މީގެ ކުރީން ވެސް އިންތިހާބާ ދިމާކޮށް ހައިކޯޓުން އެފަދަ ބަދަލުތައް ގެނެސްފައިވެއެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހު ހަމަވާނެ އެވެ.

comment ކޮމެންޓް