ސޯނަމް އާއި ކަންގަނާގެ ފިލްމުވެސް ލީކު ކޮށްލައިފި

'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' ޕޯސްޓަރެއް --

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ސޯނަމް ކަޕޫރުގެ ފިލްމު 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އާއި ކަންގަނާ ރަނައުތުގެ ފިލްމު 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ' އިންޓަނެޓުގައި ލީކުކޮށްލައިފި އެވެ.

ބެލެވޭ ގޮތުގައި ފިލްމުތައް ލީކު ކޮށްލައިފައި ވަނީ "ތަމިލްރޮކާޒް" ކިޔާ ބައެކެވެ. މިއީ އެ ގްރޫޕުން ފިލްމެއް ލީކު ކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ހިންދީ ފިލްމުތަކާއި ތަމަޅަ، މަލަޔާލަމް ފިލްމުތަކުގެ އިތުރުން ހޮލީވުޑް ފިލްމުތައް ވެސް އެމީހުން ވަނީ ލީކުކޮށްލައިފަ އެވެ.

ގަވާއިދާ ޚިލާފަށް ފިލްމުތައް ލީކު ކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައިވީ ނަމަވެސް ފަހަކަށް އައިސް ރިލީޒްކުރާ ކޮންމެ ބޮލީވުޑް ފިލްމެއް އަންނަނީ ލީކު ކުރަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އަށް މިހާތަނަށް ހަތް ކުރޯޑް ލިބިފައިވާ އިރު ފިލްމަށް ލިބެމުން އަންނަ ތަރުހީބު އަންނަނީ އިތުރުވަމުންނެވެ.

ޝެލީ ޗޯޕްރާ ދަރް ލިޔެ ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ސޯނަމް، އަނިލް ކަޕޫރު، ރާޖްކުމާރު ރާއޯ އަދި ޖޫހީ ޗާއުލާ އެވެ.

"މޯސްޓް އަންއެކްސްޕެކްޓެޑް ރޮމޭންސް" ގޮތުގައި ބުނަމުން އަންނަ 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އަކީ ސޯނަމް އާއި އަނިލް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ޖެނުއަރީ 25 ވަނަ ދުވަހު ރިލީޒް ކުރި 'މަނީކަރްނިކާ' އަށް މިހާތަނަށް 52 ކުރޯރު ރުޕީޒް އަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިގެން ގޮސްފަ އެވެ. ފިލްމުގައި ކަންގަނާގެ އިތުރުން ދެން ފެނިގެން ދާނީ ޑެނީ ޑެންޒޮންގްޕާ، ސުރޭޝް އޮބެރޯއީ އަދި އަންކިތާ ލޮކާންޑޭ އެވެ.

comment ކޮމެންޓް