މިރޭ އޮލިމްޕަހަށް "ގޮށްރާޅު" އަރަނީ، އަވަހަށް ތައްޔާރުވޭ!

ގޮށްރާޅުގެ ޕޯސްޓަރު--

ބެލުންތެރީންގެ އިތުބާރު ހޯދާފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓްއިން ގެނެސްދޭ މިއަހަރުގެ ފުރަތަމަ ފިލްމު "ގޮށްރާޅު" މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރާނެއެވެ.

ފިލްމު އަޅުވަން ބެލުންތެރިންކުރި އިންތިޒާރަށް ނިމުމެއް އަންނަނީއެވެ. ދިވެހި ސިނަމާއަށް ބޮޑު އިންގިލާބެއް ގެނުވާނެ "ގޮށްރާޅު" އަކީ އަހަރު ނުކުންނާނެ އެންމެ އުންމީދީ އެއް ފިލްމު ވެސް މެއެވެ.

ރެޑް ކާޕެޓް ހަފްލާއެއްގައި ފިލްމު މިރޭ 20:30ގައި ޕްރިމިއާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގައިން ހީބިހި ނަގާ ގިނަ މަންޒަރުތައް ޓްރެއިލާ ފެނުނުއިރު އެ ބަލަން ވެސް އިންނަންޖެހުނީ "ސީޓުގައި ހިފަހައްޓާލައިގެން" ނޭވާ ވެސް ހިފަހައްޓާލައިގެންނެވެ.

"ހެޕި ބާތް ޑޭ" އަށްފަހު މޫމިން ފުއާދު ލިޔުނުއިރު އެ ވާހަކައިގެ ބޮޑު މަންޒަރު ފެންނާނީ މިރޭ ރިލީޒްކުރާ "ގޮށްރާޅު" އިންނެވެ. ބޮޑު ރާޅު ބިންދާލާނީ މި ފިލްމުނެވެ. އަތޮޅު ތެރެއަށްވެސް އެ ރާޅު ބިންދާލާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

ގޮށްރާޅު"އަކީ އަހުމަދު ޝިނާންގެ ފުރަތަމަ ސޯލޯއެވެ. ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ޑާކްރެއިންގެ ޓީމުން ތިބީ މިރެއަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ އެ ފިލްމަކީ އަހަރު ނުކުންނާނެ އެންމެ ރީތި އަދި އެންމެ މޮޅު އެއް ފިލްމު ކަމަށެވެ.

އެ ފިލްމަކީ ޑާކްރެއިންއިން ވެސް މީގެ ކުރިން ގެނެސްދީފައިނުވާ ޖޯންރާއެއްގެ ފިލްމެކެވެ. ވަރުގަދަ ކްރައިމް ތްރިލާއެކެވެ.

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

ގޮށްރާޅުގެ ބައެއް ތަރިން-- ފޮޓޯ/ ފޭސްބުކް

"ގޮށްރާޅު" މިރޭ އޮލިމްޕަސް ސިނަމާއަށް އަރާނެއެވެ. އަވަހަށް ތައްޔާރުވާށެވެ.

"ގޮށްރާޅު"ގެ އޮންލައިން ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް