ޕްލާސްޓިކް ރިސައިކަލް ކުރުމަށް ހޭލުންތެރި ކުރުމަށް، ކެންޔާއިން ޕްލާސްޓިކް ދޯންޏެއް

ކެންޔާގެ ޓީމަކުން ޕްލާސްޓިކުން ހަދާފައިވާ ދޯނި -- ފޮޓޯ: އޭއެފްޕީ

ކެންޔާ ސަރުކާރަކީ ޕްލާސްޓިކް ކުނި ނައްތާލުމަށް ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅުތައް އަޅަމުންދާ އެއް ގައުމެވެ. އެގޮތުން ދާދި ފަހުން އެގައުމުގެ ޓީމަކުން ވަނީ ޕްލާސްޓިކް އަލުން ބޭނުން ކުރުމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް، ޕްލާސްޓިކުން ދޯންޏެއް ބަނދެފަ އެވެ.

"ފްލިޕްފްލޮޕީ"ގެ ނަން ދީފައިވާ އެޕްރޮޖެކްޓުގެ ޓީމް ލީޑަރު ދިޕޭޝް ޕަބާރީ ބުނި ގޮތުގައި އެދޯންޏަކީ ކެންޔާ އިން ޓެންޒޭނިއާއަށް "ޕްލާސްޓިކްގެ އިންގިލާބެއް" ފޯރުކޮށްދިނުމަށް ފެށި މަސައްކަތެކެވެ. އެގޮތުން އެޕްލާސްޓިކް ދޯނިން ކުރާ ދަތުރުތަކުގައި ދެ ގައުމުގެ އަވަށްތަކާއި ސިޓީތަކުގައި މަޑުކޮށް، ޕްލާސްޓިކް ކުނިން ލިބޭ ގެއްލުމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރާނެ އެވެ.

"މައިގަނޑު މަގުސަދަކީ މިޕްލާސްޓިކް އިންގިލާބު ކުރިއަރުވައި، އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކަކީ ކިހާ ގެއްލުން ހުރި އެއްޗެއްކަން ދުނިޔެއަށް އަންގައިދިނުން،" ޕަބާރީ ބުންޏެވެ.

ފްލިޕްފްލޮޕީ ޕްރޮޖެކްޓުން ހަދާފައިވާ ޕްލާސްޓިކް ދޯނި -- ފޮޓޯ: އޭއެފްޕީ

އަދި އެޓީމުން ކުރާ ދަތުރުތަކުގައި ރިސައިކަލް ކުރުމާ ބެހޭ ވޯކްޝޮޕްތައް ބާއްވައި، ޕްލާސްޓިކް ކުނިން ބޭނުންތެރި އެއްޗެހި ހެދޭނެ ގޮތް ދަސްކޮށްދޭނެ ކަމަށް ވެސް ޕަބާރީ ބުންޏެވެ.

ނުވަ މީޓަރު ދިގު އެދޯނި ބަނދެފައި ވަނީ ކެންޔާގެ ގޮނޑުދަށާއި ކަނޑުން އެއްކޮށްފައިވާ އެކި ބާވަތްތަކުގެ، 10 ޓަނުގެ ޕްލާސްޓިކް ބޭނުން ކޮށްގެންނެވެ. އޭގެ ތެރޭގައި 30،000 ފެން ފައިވާން ވެސް ހިމެނެ އެވެ. އަދި ދޯނީގެ ކުނބު ފިޔަވާ ހުރިހާ ބައިތަކެއް ހަދާފައި ވަނީ ހަމައެކަނި ޕްލާސްޓިކް ބޭނުންކޮށްގެންނެވެ.

ފްލިޕްފްލޮޕީ ޕްރޮޖެކްޓަކީ އދ.ގެ ކްލީން ސީސް ޕްރޮގްރާމާއި ކެންޔާގެ ސަރުކާރުގެ އެހީއާ އެކު ފެށި ޕްރޮޖެކްޓެކެވެ. ދެހާސްސަތާރަ ވަނަ އަހަރު ކެންޔާގެ ސަރުކާރުން ވަނީ ޕްލާސްޓިކް ކޮތަޅު އުފައްދާ، ވިއްކާ އަދި ބޭނުން ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފަ އެވެ. އަދި އެގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ހަތަރު އަހަރަށް ޖަލަށް ލުމާއި 40،000 ޑޮލަރުން ޖޫރިމަނާ ކުރުން ހިމެނެ އެވެ.

comment ކޮމެންޓް